ދީން

ތަދައްބުރުގެ ފަންނު: ޤުރުއާނާ އެކު އޮންނަ ގުޅުން ވަރުގަދަކުރުން

ތަދައްބުރުގެ ފަންނު: ޤުރުއާނާ އެކު އޮންނަ ގުޅުން ވަރުގަދަކުރުން

ކީރިތި ޤުރުއާން ފޮޓޯ: އިންޓަރނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 މާރިޗު 2026، 12:09

10 މާރިޗު 2026، 12:09

ރަމަޟާން މަހަކީ ޤުރުއާނުގެ މަހެވެ. އަޅުގަނޑުމެން ކޮންމެ މީހަކުވެސް މަސައްކަތް ކުރަންވީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފޮތާ އެކު އޮންނަ ގުޅުން އިތުރަށް މުއްސަނދިކޮށް ވަރުގަދަކުރުމަށެވެ. ރަމަޟާން މަހުގެ ދެބައިކުޅަ އެއްބައި ފާއިތުވެގެންދާއިރު، އަޅުގަނޑުމެން ކަނޑައެޅި ލަނޑުދަނޑިތަކަށް ވާސިލުވެވޭތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލުން މުހިންމެވެ. ކިތައް ސަފުހާ ފަހަތުގައި ހުރެވުނު ހެއްޔެވެ؟ ނަމަވެސް، މުހިންމީ ހަމައެކަނި ކިޔަވާ ސަފުހާތަކުގެ އަދަދުއެކަންޏެއް ނޫނެނެވެ؟

ޝައިޚް ޢަބްދުއްރައްޒާޤް އަލްބަދުރު ވިދާޅުވެފައިވާ ގޮތުގައި، ޤުރުއާން ކިޔަވާއިރު އަޅުގަނޑުމެންގެ ކަންބޮޑުވުމަކަށް ވާންޖެހޭނީ: "މި ފޮތުން އަހަންނަށް ހިދާޔަތް ލިބޭނީ ކޮން އިރަކުން ހެއްޔެވެ؟ މީގެ ފައިދާ ކުރާނީ ކޮން އިރަކުން ހެއްޔެވެ؟ އަދި ޤުރުއާނުގެ އަހުލުވެރިންގެ ތެރެއިން އަހަރެން ހިމެނޭނީ ކޮން އިރަކުން ހެއްޔެވެ؟" މިފަދަ ސުވާލުތަކެވެ. މިކަން ހާސިލުކުރުމަށްޓަކައި ﷲ ތަޢާލާ އަޅުގަނޑުމެންނަށް އަންގަވާފައިވާ ކަންކަން ދެނެގަންނަން ޖެހެއެވެ. ސޫރަތުއްޞާދުގައި ﷲ ތަޢާލާ ވަނީ ޤުރުއާނުގެ އާޔަތްތަކާ މެދު "ތަދައްބުރު" ކުރުމަށް ނުވަތަ ފުންކޮށް ވިސްނާ ފިކުރުކުރުމަށް ބާރުއަޅުއްވާފައެވެ.

"މިއީ، ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވި ބަރަކާތްތެރި ފޮތެކެވެ. (އެއީ) އެކަލާނގެ އާޔަތްތަކުގެ މާނައާމެދު އެއުރެން ފިކުރުކުރުމަށެވެ. އަދި ބުއްދީގެ އަހުލުވެރިން ހަނދުމަކުރުމަށެވެ." (ޞާދު: 29)

ތަދައްބުރަކީ ކޮބައި؟

ތަދައްބުރަކީ ޤުރުއާނުގެ އާޔަތްތަކާ މެދު ފުންކޮށް ވިސްނައި، އެއިން ޢިބުރަތް ހާސިލުކުރުމެވެ. މިއީ ކޮންމެ މުއުމިނަކުވެސް ސަމާލުކަން ދޭންޖެހޭ ކަމެކެވެ. ތަދައްބުރަކީ ހަމައެކަނި ޢިލްމުވެރިންނަށް އޮތް ކަމެއް ނޫނެވެ. ތަފްސީރާއި ތަދައްބުރުގެ ތަފާތަކީ، ތަފްސީރަކީ އާޔަތުގެ މާނަ ދެނެގަތުމަށް ކުރާ އިލްމީ މަސައްކަތެކެވެ. ނަމަވެސް ތަދައްބުރަކީ އެ މާނަތަކުން ހިދާޔަތް ލިބިގަތުމަށް ކުރާ ފިކުރީ މަސައްކަތެވެ. މިސާލަކަށް "ﷲ އިޙްސާންތެރިންދެކެ ލޯބިވެވޮޑިގެންވެއެވެ" މި އާޔަތް ކިޔަވާއިރު، ﷲގެ ލޯބި ހޯދުމަށްޓަކައި މިއަދު އަހަންނަށް ކުރެވޭނީ ކޮން އިޙްސާންތެރި އަމަލެއްތޯ ވިސްނުމަކީ ތަދައްބުރެވެ.

ތަދައްބުރާ މެދު ހުންނަ ކުށްހީތައް

ތަދައްބުރަކީ ނަތީޖާއެއް ކަމަށް ހީކުރުން: ތަދައްބުރަކީ އޭގެ ޒާތުގައި "ޕްރޮސެސް" އެކެވެ. އާޔަތަކާ މެދު ވިސްނާއިރު ކޮންމެހެން ކަރުނަ އަންނަން ނުވަތަ ބޮޑު ނަތީޖާއެއް ނުކުންނާކަށް ނުޖެހެއެވެ. އެއީ ތަކުރާރުކޮށް ވިސްނަމުންދާ ދިއުމެކެވެ. ސޯޝަލް މީޑިއާގައި ފެންނަ ގޮތަށް ކުލަ ގަލަމާއި ސްޓިކާ ބޭނުންކޮށްގެން ޖާނަލް ހެދުމަކީ ތަދައްބުރެއް ނޫނެވެ. އެއީ ހޮބީއެކެވެ. ބައެއް ފަހަރު އެއީ އަސްލު މަޤްޞަދުން މީހާ ދުރުކުރުވާ "ޑިސްޓްރެކްޝަން" އަކަށް ވެސް ވެދާނެއެވެ.

ހަމައެކަނި އިލްމުވެރިންނަށް އޮތް ކަމެއް ކަމަށް ހީކުރުން: މުޅި ޤުރުއާނަށް އެއްފަހަރާ ތަދައްބުރު ނުކުރެވުނަސް، އެންމެ އާޔަތަކަށް ނަމަވެސް ފުންކޮށް ވިސްނުން މުހިންމެވެ. ކީރިތި ރަސޫލާ ﷺ ބައެއް ރޭރޭ އެންމެ އާޔަތެއް ތަކުރާރުކުރައްވައި މުޅި ރޭ ހޭދަކުރައްވައެވެ.

ފާފަވެރިވުމުން ނުވަތަ މަޝްޣޫލުވުމުން ނުކުރެވޭނެ ކަމަށް ހީކުރުން: މިއީ ޝައިޠާނާގެ ވަސްވާހެކެވެ. ކިތަންމެ ބިޒީކޮށް އުޅުނަސް، އޮތް ހާލަތެއްގައި ޤުރުއާނާ ގާތްވާންޖެހެއެވެ.

ތަދައްބުރާ ނުލައި ކިޔެވުން ބޭކާރު ކަމަށް ހީކުރުން: ސަލަފުއްޞާލިޙުން ޤުރުއާނާ އެކު ތަފާތު ގުޅުންތައް ބޭއްވެވިއެވެ. ޝިފާއަކަށް، ގިނައިން ކިޔެވުމަށް، އަދި ތަދައްބުރު ކުރުމަށް ވެސް ކިޔަވައި އުޅުއްވިއެވެ.


ޤުރުއާނުގެ މަތިވެރިކަން އިހުސާސްކުރުން

ޤުރުއާނާ އެކު އޮންނަ ގުޅުން ވަރުގަދަކުރުމަށްޓަކައި، އެއީ "ބުރަދަން ހުރި ބަސްފުޅެއް" ކަން ގަބޫލުކުރަންޖެހެއެވެ. ވަޙީ ބާވައިލެއްވި ހިނދު އޭގެ ބުރަކަމުން ޖަމަލުތައް ކަކޫޖަހައި، ރަސޫލާ ﷺ ގަދަ ފިނީގައިވެސް ދާހިއްލާކަން ތާރީޚުން އެނގެއެވެ. މި މަތިވެރި ފޮތަށް އަޅުގަނޑުމެން އާދައިގެ ފޮތެއް ފަދައިން ބަލައިގެން ނުވާނެއެވެ.

އަދި ޤުރުއާން ކިޔަވަން ފަށާއިރު މަޤްޞަދެއް އޮންނަންވާނެއެވެ. ހިދާޔަތަށް އެދޭ މީހާއަށް ހިދާޔަތް ލިބޭނެއެވެ. ޝިފާއަށް އެދޭ މީހާއަށް ޝިފާ ލިބޭނެއެވެ.

ތަދައްބުރު ކުރުމަށް އަމަލީ ބައެއް އިރުޝާދުތައް

  • ތަފްސީރު ދެނެގަތުން: އާޔަތުގެ އަސާސީ މާނަ ނޭނގި ތަދައްބުރެއް ނުކުރެވޭނެއެވެ.
  • ދަންނަ ސޫރަތްތަކުން ފެށުން: މުޅި ޤުރުއާން އުނދަގޫ ނަމަ، ހިތުދަސް ސޫރަތްތަކުގެ މާނައަށް ވިސްނަން ފަށާށެވެ.
  • ފޯކަސްކުރުން: ޤުރުއާން ކިޔަވާއިރު ހިތް އެކަމަށް ހާޒިރުކުރަންޖެހެއެވެ. ސަލަފުން ޤުރުއާނުގެ އާޔަތްތައް ބެއްލެވީ ﷲގެ ފަރާތުން އެބޭކަލުންނަށް ފޮނުއްވާފައިވާ "ސިޓީފުޅުތަކެއް" ނުވަތަ މެސެޖުތަކެއްގެ ގޮތުގައެވެ.
  • ކިޔެވުން ތަކުރާރުކުރުން: ޝައިޚް ސަޢުދީ ވިދާޅުވި ފަދައިން، ﷲ ތިބާގެ ހިތް ހުޅުއްވައިދެއްވަންދެން ކިޔަވަމުން، ކިޔަވަމުން ގެންދާށެވެ.


ދުޢާއަކީ މި ރަމަޟާން މަހުން ފެށިގެން، ކޮންމެ ދުވަހަކީވެސް ކީރިތި ޤުރުއާނާ އެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާވާ ދުވަހަކަށް ﷲ މިންވަރުކުރެއްވުމެވެ. އާމީން.

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450