ދުނިޔެ
އީރާނުގެ އާ ރޫހީ އެންމެ މަތީ ވެރިޔަކަށް މުޖުތަބާ ޚާމަނާއީ އައްޔަންކުރުމަށް އުތުރު ކޮރެއާއިން ތާއީދުކޮށްފި
އުތުރު ކޮރެއާގެ ލީޑަރު ކިމް
އީރާނުގެ އާ ރޫހީ އެންމެ މަތީ ވެރިޔާގެ މަގާމަށް މުޖުތަބާ ޚާމަނާއީ އައްޔަންކުރުމަށް އެ ޤައުމުން ނިންމި ނިންމުމަށް އުތުރު ކޮރެއާއިން ތާއީދުކޮށް، އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ "ޣައިރު ގާނޫނީ" ހަމަލާތައް އަނެއްކާވެސް ކުށްވެރިކޮށްފިއެވެ.
އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާ (ކޭސީއެންއޭ) އިން ބުދަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވީ ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާއެއްގައި އަވަހާރަވި އާޔަތުﷲ ޢަލީ ޚާމަނާއީގެ ދަރިކަލުން މުޖުތަބާ ހާމަނާއީ އީރާނުގެ ލީޑަރަކަށް އައްޔަންކުރުމަށް އީރާނުގެ އެސެމްބްލީ އޮފް އެކްސްޕާޓްސްއިން ނިންމި ނިންމުމަށް ޕިޔޮންގޔަންގުން އިހުތިރާމް ކުރާ ކަމަށެވެ. "އީރާނުގެ ރައްޔިތުން އެ ޤައުމުގެ އެންމެ މަތީ ވެރިޔާ އިންތިޚާބު ކުރުމަށް ނިންމި ނިންމުމަށާއި އެމީހުންގެ ހައްގުތަކަށް އަޅުގަނޑުމެން އިހުތިރާމް ކުރަން،" ތަރުޖަމާނު ވިދާޅުވިއެވެ.
އީރާނަށް ދެމުންދާ އަސްކަރީ ހަމަލާތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ތަރުޖަމާނު ވިދާޅުވީ، އެމެރިކާ އާއި އިސްރާއީލުގެ އުދުވާނުގެ ސަބަބުން ސަރަހައްދީ ސުލްހަ އާއި އަމާންކަން ގެއްލި، ބައިނަލްއަގުވާމީ މަސްރަހު ނުރައްކާތެރިކަމުގެ ތެރެއަށް ވެއްޓެމުންދާ ކަމަށެވެ. އަދި ޤައުމެއްގެ ސިޔާސީ ނިޒާމާއި ސަރަހައްދީ ނަޒާހަތްތެރިކަމަށް އަރައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މުޅި ދުނިޔެއިން އެކަން ކުށްވެރިކުރަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވަނީ އެ ގައުމުގެ އެންމެ ފަހުގެ އަދި އެންމެ ބޮޑު މަނަވަރު ކަމަށްވާ 'ޗޯ ހިޔޮން' އިން ކްރޫޒް މިސައިލް ޓެސްޓްކުރުމުގެ ހަރަކާތްތައް ބުދަ ދުވަހު ބައްލަވާލައްވާފައެވެ. މި ހަރަކާތުގައި ވާހަކަ ދައްކަވަމުން ކިމް ވިދާޅުވީ ނިއުކްލިއާ ހަތިޔާރުގެ ގާބިލްކަން އިތުރުކުރުމަކީ ގައުމުގެ ސަލާމަތަށް މުހިންމު ކަމެއް ކަމަށެވެ.
އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމަށް އެމެރިކާއިން އެތައް އަހަރެއް ވަންދެން މަސައްކަތް ކުރި ނަމަވެސް، ޕިޔޮންގޔަންގުން ބުނަމުންދަނީ އެފަދަ ހަތިޔާރަކީ ބޭރުގެ އުދުވާނުން ސަލާމަތްވުމަށް ކޮންމެހެން ބޭނުންތެރި އެއްޗެއް ކަމަށެވެ. ނަމަވެސް، އެމެރިކާގެ ޓްރަމްޕް އިދާރާއިން ވަނީ އަލުން މަތީ ފަންތީގެ މަޝްވަރާތައް ފެށުމަށް ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ. ކިމް ޖޮންގް އުން ދާދި ފަހުން ވިދާޅުވެފައިވަނީ އުތުރު ކޮރެއާއަކީ ނިއުކްލިއާ ބާރެއްގެ ގޮތުގައި ވޮޝިންގޓަނުން ގަބޫލުކުރާނަމަ ދެ ޤައުމުގެ ގުޅުން ރަނގަޅު ކުރެވިދާނެ ކަމަށެވެ.