ޚަބަރު
އެއްބާރުލުން ދެއްވާނެ ކެންޑިޑޭޓުން އިންތިޚާބު ކޮށްދެއްވާ، ނަތީޖާ ފޮނިވާނެ: ރައީސް މުޢިއްޒު
ރައީސް ޑރ މުޙައްމަދު މުއިއްޒު.
ސަރުކާރުން ފަށާފައިވާ ތަރައްޤީގެ މަސައްކަތްތައް ފުރިހަމަކުރުމަށްޓަކައި، އެކަމަށް އެއްބާރުލުން ދޭނެ ކެންޑިޑޭޓުން އިންތިޚާބުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
ރައީސް މިކަމަށް އެދިވަޑައިގެންނެވީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިއަދު މާލޭގައި ބޭއްވި ސައިކަލު ބުރު ނިންމަވާލެއްވުމަށް ބޭއްވި ހަރަކާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި، ސިޓީތަކާއި ރަށްތަކުގެ ކައުންސިލްތަކުގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތަކަށް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން އިންތިޚާބުކޮށްދެއްވުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ އިންތިޚާބަކީ ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ މުހިންމު ވޯޓެއް ކަމަށެވެ.
ލާމަރުކަޒީ ނިޒާމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކައުންސިލްތައް ބާކީކޮށް، އެތަންތަނުގެ ބާރު ކަނޑުވާލައި ހަމައެކަނި ސަރުކާރުން ކަންކަން ކުރުމަކީ އެމަނިކުފާނު ޤަބޫލުފުޅުކުރައްވާ ހަމައެއް ނޫން ކަމަށެވެ. އަދި ރަށްރަށާއި ސިޓީތަކުގައި ކުރަންހުރި ކަންކަން ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކުރިއަށްގެންދިއުމުން އޭގެ ހެވާއި ލާބަ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރަށް އެއްބާރުލުން ދޭނެ ކެންޑިޑޭޓުން އިންތިޚާބުކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، "މިކަމުގެ ނަތީޖާ އިރާދަކުރެއްވިއްޔާ ވަރަށް ފޮނިވާނެ" ކަމަށެވެ. ރައީސް ވިދާޅުވީ، ރައްޔިތުންގެ ކިބައިން ވޯޓަށް އެދެނީ ހެޔޮ ނިޔަތުގައި ވަރަށް ޒިންމާދާރުކަމާއެކު މަސައްކަތް ކުރަން ބޭނުންފުޅުވާތީ ކަމަށާއި، ކައުންސިލް ނިޒާމުގެ ތެރެއިން ބޭނުންވާ ސަޕޯޓް ލިބޭނީ އެއްބާރުލުން ދޭނެ ބަޔަކު އެތަނުގައި ތިބެގެން ކަމަށެވެ.
މިއަދުގެ މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ނައިބު ރައީސް އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި، ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުންނާއި ސަޕޯޓަރުން މި ސައިކަލު ބުރުގައި ބައިވެރިވިއެވެ.
މި ސައިކަލު ބުރުގެ ބޭނުމަކީ ކުރިއަށް އޮތް އިންތިޚާބަށް ކޮންގްރެސް ޕާޓީން ކުރިއަށްގެންދާ ކެމްޕޭން ވަރުގަދަކޮށް، ސަރުކާރުގެ ތަރައްޤީގެ މެސެޖުތައް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.