Ads by PNC

ޚަބަރު

ދަރިފުޅުގެ އުމުރުން 2 އަހަރު ވަންދެން ޑިއުޓީން ދޭވަގުތު އިތުރުކުރުމާ ގުޅޭ އިޞްލާޙު ތަސްދީޤުކުރައްވައިފި

ދަރިފުޅުގެ އުމުރުން 2 އަހަރު ވަންދެން ޑިއުޓީން ދޭވަގުތު އިތުރުކުރުމާ ގުޅޭ އިޞްލާޙު ތަސްދީޤުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ/ފޮޓޯ: ރައީސް އޮފީސް

14 މާރިޗު 2026، 10:11

ދަރިފުޅުގެ އުމުރުން 2 އަހަރު ވަންދެން ޑިއުޓީން ދޭވަގުތު އިތުރުކުރުމަށް ވަޒީފާއާބެހޭ ޤާނޫނަށް ގެނައި 9 ވަނަ އިޞްލާޙު ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤުކުރައްވައިފި އެވެ.

މި ބިލަކީ، 2026 މާރިޗު 8 ވީ އާދިއްތަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާއިން ފާސްކުރައްވާފައިވާ ބިލެކެވެ.

މި އިޞްލާޙު ގެނައުމުގެ ބޭނުމަކީ، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު ވެވޭ ވަޒީފާގެ އެއްބަސްވުން ބާޠިލުކުރުމުގެ އުސޫލުތައް ހަރުދަނާކޮށް، ބިދޭސީ މުވައްޒަފުން ގެނައުމަށްޓަކައި ޤާނޫނުގެ ދަށުން ދައްކަންޖެހޭ ކޯޓާ ފީ މުރާޖަޢާކޮށް، ކޯޓާ ފީ ދެއްކުމުން ބައެއް ފަރާތްތައް އިސްތިސްނާކުރުމުގެ އުސޫލު ބަޔާންކުރުމަށާއި، އެނޫންވެސް ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުގެ ޙައްޤުތައް ކަށަވަރުކޮށް އެ ޙައްޤުތައް ލިއްބައިދޭ މޭރުމުން، ޤާނޫނު ތަންފީޛުކުރުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމެވެ.

އެގޮތުން ގެނެވުނު އިޞްލާޙުތަކުގެ ތެރޭގައި، ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ ހަމަކޮށް ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅުގެ ޢުމުރުން 2 އަހަރު ފުރުމާ ހަމައަށް ކުއްޖާ ބެލުމަށް ވަގުތު ދިނުމަށް ވަނީ ކަނޑައަޅުއްވާފައެވެ. މީގެ އިތުރުން، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަށް ނިސްބަތްވާ ވަޒީފާދޭ ފަރާތްތައް ޤާނޫނުގެ ދަށުން ދައްކަންޖެހޭ، ވަކި ވިޔަފާރިތަކެއް، ކޯޓާފީ ދެއްކުމުން އިސްތިސްނާކުރުމަށް، ވަޒީރުންގެ މަޖިލީހަށް ނިންމި ދާނެކަމަށް ބިލުގައި ކަނޑައަޅުއްވާފައިވެއެވެ. އަދި، ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހަކީ ޤާނޫނުގެ ދަށުން ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައިވެސް ވަނީ ކަނޑައަޅުއްވާފައެވެ.

ވަޒީފާއާ ބެހޭ ޤާނޫނުގައި ކުރިން އޮންނަ ގޮތުން، މުވައްޒަފަކު ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީއަށްފަހު އެނބުރި ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅުގެ ކަންކަން ބެލެހެއްޓުމަށް، ދަރިފުޅުގެ އުމުރުން 1 އަހަރު ވަންދެން ދަރިފުޅު ކައިރިއަށް ދިއުމަށް ދުވާލަކު ދެ ފަހަރު 30 މިނެޓުގެ ވަގުތުކޮޅެއް ލިބޭނެއެވެ. ނަމަވެސް ޤާނޫނަށް ގެންނަން ހުށަހެޅި އިޞްލާޙުގައި ވަނީ، ދަރިފުޅުގެ ކަންކަން ކޮށްދިނުމަށް ދަރިފުޅުގެ އުމުރުން 2 އަހަރު ވަންދެން ދުވާލަކު ދެ ފަހަރު 30 މިނެޓުގެ ވަގުތުކޮޅެއް ދިނުމަށެވެ. އަދި މި ހުސްވަގުތުކޮޅު ދޭން ޖެހޭނީ މުސާރައިން ނުކެނޑޭ ގޮތަށްކަމަށް ވެސް ބުނެފައި ވެއެވެ.

ވަޒީފާއާ ބެހޭ ޤާނޫނުން، ކޮންމެ މުވައްޒަފަކަށްވެސް ޑިއުޓީ ވަގުތުން 1 ގަޑިއިރުގެ ހުސްވަގުތު ދޭން ޖެހެއެވެ. ނަމަވެސް ވިހެއުމަށްފަހު ދަރިފުޅަށް ދެ އަހަރުވަންދެން އެ ދަރިފުޅު ކައިރިއަށް ދިއުމަށް މަންމައަށް ދޭންޖެހޭ ވަގުތަކީ މި ވަގުތުގެ އިތުރަށް ދޭންޖެހޭ ވަގުތެކެވެ. މި އިޞްލާޙުގައި ވަޒީފާއިން ވަކިކުރުމުގައި ދޭންޖެހޭ މުއްދަތަށް އިޞްލާޙު ގެނައުމަށް ވަނީ ހުށަހަޅާފައެވެ. އެގޮތުން، މިހާރު ޤާނޫނުގައި 6 މަސް ދުވަހާއި 1 އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ވަޒީފާގައި ހުރި މުވައްޒަފަކު ވަކިވާނަމަ ދެ ހަފުތާގެ މުއްދަތެއް ދޭންޖެހޭ ކަމަށް ކަނޑައަޅާފައިވާއިރު އިޞްލާޙުގައި 1 އަހަރަށްވުރެ ދިގު ނޫން މުއްދަތެއްގައި ވަޒީފާގައި އުޅޭ ކޮންމެ މުވައްޒަފަކުވެސް 2 ހަފުތާގެ ނޯޓިސް ދޭންޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު، މިހާރު ވަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450