ކުޅިވަރު
އޭޝިއަން ކަޕް ކޮލިފައިން މެޗަށް އެކުލަވާލި ޤައުމީ ސްކޮޑުގައި އަޝްފާގު ހިމަނައިފި
ޤައުމީ ޓީމުގެ ފަރިތަކުރުންތަކުގައި އަޝްފާޤު ބައިވެރިވުން / ފޮޓޯ: އަދަދު ސްޕޯޓްސް
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާއި ދެކޮޅަށް ކުޅޭ މެޗަށް އެކުލަވާލި ޕްރިލިމިނަރީ ސްކޮޑުގައި، ދިވެހިރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ސްޓްރައިކަރު، އަދި ކުރިން ޤައުމީ ޓީމުގެ ކެޕްޓަންގެ މަޤާމު ވެސް އަދާކޮށްފައިވާ ޢަލީ އަޝްފާގު ހިމަނައިފިއެވެ.
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އިއްޔެ މީޑިއާތަކާ ޚިއްޞާކުރި ޕްރިލިމިނަރީ ޤައުމީ ސްކޮޑުގައި އަޝްފާގު ހިމަނާފައިވާއިރު، މިއީ 3 އަހަރުގެ މެދުކެނޑުމަކަށްފަހު އޭނާ ޤައުމީ ޓީމަށް ނެގި ފުރަތަމަ ފަހަރެވެ. މި މުއްދަތުގައި އޭނާ ވަނީ އަނިޔާގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައެވެ.
އަނިޔާގެ ސަބަބުން ފާއިތު ދެ އަހަރު އަޝްފާގު ވަނީ ކަކުލުގެ ދެ އޮފަރޭޝަނެއްވެސް ކޮށްފައެވެ. އޭނާ އެންމެ ފަހުން ޤައުމީ ޓީމަށް ކުޅުނީ 2023 ވަނަ އަހަރު މާޗް މަހު ޕާކިސްތާނާއި ދެކޮޅަށް ރާއްޖޭގެ ޤައުމީ ޓީމު ކުޅުނު އެކުވެރިކަމުގެ މެޗެއްގައެވެ. އެ މެޗު ކުޅުނީ ލ. އަތޮޅު ޒޯން ސްޓޭޑިއަމްގައެވެ.
ޓިމޯ ލެސްޓޭ އާއި ދެކޮޅަށް ނިކުންނަ މެޗަށް ޤައުމީ ޓީމުގެ ފަރިތަކުރުންތައް ވަނީ އާދީއްތަ ދުވަހެގެރޭ ފަށާފައެވެ. އަދި ފުރަތަމަ ފަރިތަކުރުމުގައި އަޝްފާގު ވެސް ވަނީ ބައިވެރިވެފައެވެ. އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ޓިމޯ ލެސްޓޭއާއި ދެކޮޅަށް ނިކުންނާނީ މި މަހުގެ 31 ގައެވެ. އެ މެޗު އޮންނާނީ ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައެވެ.
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާއި ދެކޮޅަށް ކުޅޭ މެޗަށް އެކުލަވާލި ޕްރިލިމިނަރީ ސްކޮޑު
މި މެޗަށް އެކުލަވާލި ޤައުމީ ސްކޮޑުގައި އަޝްފާގުގެ އިތުރުން ތަޖުރިބާކާރު ގިނަ ކުޅުންތެރިން ހިމެނެއެވެ. އެގޮތުން އޮޑި ސްޕޯޓްސް ކުލަބުގެ އިބްރާހިމް ވަހީދު (އިއްބެ) އާއި ބުރު ސްޕޯޓްސް ކުލަބުގެ އަހުމަދު އަބުދުﷲ (ލިލީ) ވެސް ހިމެނެއެވެ. މީގެ އިތުރުން އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރި ފުޓްސަލް ތަރި، ކުލަބު އީގަލްސްގެ އަލީ ހާފިޒު (ހާއްޕެ) ވެސް މި ސްކޮޑްގައިވަނީ ހިމަނާފައެވެ.
ޓިމޯ ލެސްޓޭ މެޗަށް އެކުލަވާލި ޕްރިލިމިނަރީ ސްކޮޑްގައި ހިމެނެނީ ބުރުގެ ދެ ކުޅުންތެރިންނާއި، އީގަލްސްގެ 3 ކުޅުންތެރިންނާއި، މާޒިޔާގެ 8 ކުޅުންތެރިންނާއި، ނިއުރޭޑިއަންޓުގެ 5 ކުޅުންތެރިންނާއި، އޮޑީގެ 5 ކުޅުންތެރިންނާއި ވިކްޓްރީގެ 3 ކުޅުންތެރިންނެވެ.