ކުޅިވަރު / ދުނިޔެ

އީރާނުގެ ހަނގުރާމައާ ގުޅިގެން ބަހްރޭން އަދި ސައުދީ އަރަބިއްޔާގެ އެފް1 ރޭސްތައް ކެންސަލްކޮށްފި

އީރާނުގެ ހަނގުރާމައާ ގުޅިގެން ބަހްރޭން އަދި ސައުދީ އަރަބިއްޔާގެ އެފް1 ރޭސްތައް ކެންސަލްކޮށްފި

އީރާނުގެ ހަނގުރާމައާ ގުޅިގެން ބަހްރޭން އަދި ސައުދީ އަރަބިއްޔާގެ އެފް1 ރޭސްތައް ކެންސަލްކުރުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 މާރިޗު 2026، 01:41

15 މާރިޗު 2026، 01:41

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އޭޕްރީލް މަހު ބަހްރޭން އަދި ސައުދީ އަރަބިއްޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފޯމިއުލާ ވަން (އެފް1) ގްރޯން ޕްރީ ރޭސްތައް ނުބާއްވާނެކަން ފޯމިއުލާ ވަން އާއި އެފްއައިއޭ އިން ކަށަވަރުކޮށްދީފިއެވެ.

މި ނިންމުން ނިންމާފައިވަނީ އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން، އީރާނުން ދިން ބަދަލުހިފުމުގެ ހަމަލާތައް ބަހްރޭން އަދި ސައުދީ އަރަބިއްޔާއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. މިކަން އިއުލާންކޮށްފައިވަނީ ޗައިނާ ގްރޯން ޕްރީގެ ކުރިން އާދީއްތަ ދުވަހުގެ ހެނދުނު ޝަންހާއީގައެވެ.

އެފް1 އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "މެދުއިރުމަތީގެ މަސްރަހު މިހާރު އޮތް ގޮތުން، އޭޕްރީލް މަހު ބަހްރޭން އަދި ސައުދީ އަރަބިއްޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ރޭސްތައް ކުރިއަކަށް ނުގެންދެވޭނެ،" ކަމަށެވެ. އަދި މި ރޭސްތަކުގެ ބަދަލުގައި އެހެން ގައުމެއްގައި ރޭހެއް ނުބާއްވާނެ ކަމަށްވެސް އެފް1 އިން ވަނީ ބުނެފައެވެ. ތާވަލުގައިވާ ގޮތުން ބަހްރޭން ރޭސް އޮތީ އޭޕްރީލް 12 ގައެވެ. އަދި ސައުދީގެ ޖިއްދާ ރޭސް އޮތީ އޭޕްރީލް 19 ގައެވެ.

އެފް1 ގެ ރައީސް އަދި ސީއީއޯ ސްޓެފަނޯ ޑޮމެނިކާލީ ވިދާޅުވީ، މިއީ ނިންމަން އުނދަގޫ ނިންމުމެއް ނަމަވެސް، މިވަގުތުގެ ހާލަތަށް ބަލާއިރު މިއީ އެންމެ ރަނގަޅު ނިންމުން ކަމަށެވެ. އެފްއައިއޭގެ ރައީސް މުހައްމަދު ބިން ސުލައިމް ވިދާޅުވީ، އެ އިދާރާއިން އަބަދުވެސް އެންމެ އިސްކަމެއް ދޭނީ މުވައްޒަފުންނާއި ބައިވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ.

މި ދެ ރޭސް ކެންސަލްވުމާ ގުޅިގެން، މާޗް 29 ގައި އޮންނަ ޖަޕާން ގްރޯން ޕްރީއަށް ފަހު ދެން ރޭހެއް އޮންނާނީ މެއި 3 ގައި އޮންނަ މިއާމީ ގްރޯން ޕްރީގައެވެ. މިއާއެކު ސީޒަނުގެ ތާވަލުގައި ފަސް ހަފުތާގެ ބޮޑު މެދުކެނޑުމެއް އަންނާނެއެވެ. އަދި އިތުރު ރޭހެއް ތާވަލަށް އިތުރު ނުކޮށްފިނަމަ، މިއީ 2023 ވަނަ އަހަރަށް ފަހު އެންމެ ކުރު އެފް1 ސީޒަނަށް ވެގެންދާނެއެވެ.

މާސިޑީޒްގެ ޑްރައިވަރު ކިމީ އެންޓޮނެލީ ބުނީ، އޭނާގެ ހަމްދަރުދީ ވަނީ މި ހާލަތުގެ ސަބަބުން ތަހައްމަލު ކުރަމުންދާ ފަރާތްތަކާއެކު ކަމަށާއި، އެންމެ މުހިންމު ކަމަކީ ސަލާމަތްތެރިކަން ކަމަށެވެ. ބަހްރޭން އަދި ސައުދީ އަރަބިއްޔާގެ ރޭސް އިންތިޒާމުކުރާ ފަރާތްތަކުންވެސް ވަނީ އެފް1 ގެ މި ނިންމުމަށް ތާއީދުކޮށްފައެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450