ޚަބަރު
މެލޭޝިއާގައި ބާއްވާ ޤުރްއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށް!
ކުރީ އަހަރެއްގައި ބޭއްވި މުބާރާތުގެ ތެރެއިން--
މެލޭޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ 66 ވަނަ "މެލޭޝިއާ އިންޓަނޭޝަނަލް އަލްޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒޭޝަން އެސެމްބްލީ" ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށް ލިބިއްޖެއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ކުރި އިޢުލާނުގައި، ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވި ގޮތުގައި މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އޮކްޓޯބަރު މަހުގެ 4 އިން 10 އާ ހަމައަށެވެ.
މި މުބާރާތަކީ ދެ ޖިންސަށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މުބާރާތާކަށްވީއިރު، މުބާރާތުގައި ބައިވެރިކުރުމަށް ރާއްޖެއަށް ފުރުޞަތު ލިބިފައިވަނީ އަންހެން ބައިވެރިއަކާއި އަދި ފިރިހެން ބައިވެރިއަކާއި އެކު، ޖުމްލަ 2 ބައިވެރިންނަށެވެ. އެގޮތުން، މުބާރާތުގައި ބައިވެރިކުރުމަށް ކޮންމެ ކެޓެގަރީއަކުން 1 ބައިވެރިއަކު ހޮވާއިރު، ބައިވެރިއަކު ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް ކީރިތި ޤުރްއާނާއި ބެހޭ މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުގައެވެ. އިމްތިޙާންކުރުމުގައި ތަޖުވީދަށާއި، ކިޔެވުމުގެ ފަރިތަކަމަށާއި، ކިޔެވުމުގެ ހުނަރާއި އަޑާއި ރާގަށް ބަލާނެއެވެ.
ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ، މި މުބާރާތުގައި ބައިވެރިކުރުމަށް އެ މަރުކަޒުން ހޮވުމަށްފަހު ހުށަހަޅާ 2 ބައިވެރިން، މުބާރާތް އިންތިޒާމުކުރާ ފަރާތުން 3 އިން 8 މެއި 2026 އަށް ބާއްވާ އޮންލައިން ސްކްރީނިންގައި ބައިވެރިވާންޖެހޭނެ ކަމަށެވެ. އަދި މިއީ މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ހުރިހާ ބައިވެރިންނަށް ބާއްވާ ކޮލިފައިން ބުރެއް ކަމަށާއި، މުބާރާތުގައި ކިޔެވުމަށް މެލޭޝިއާ އަށް ގެންދާނީ މި ކޮލިފައިން ބުރުން ފާސްވާ ބައިވެރިންކަމަށް ޤުރްއާނާ ބެހޭ މަރުކަޒުން މަޢުލޫމާތުދެއެވެ. އަދި މި މުބާރާތުގައި ބައިވެރި ވެވޭނީ ދެ ކެޓެގަރީ އަކަށެވެ.
އެގޮތުން، މުޅި ޤުރްއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމުގެ ކެޓެގަރީގައި ބައިވެރިވެވޭނީ ޢުމުރުން 13 އަހަރުފުރި، 25 އަހަރު ނުފުރޭ ފަރާތްތަކަށެވެ. އަދި މުޅި ޤުރްއާން އެއްކޮށް ހިތުދަސްކޮށް ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ކިޔައިދީ ސަނަދު ހާސިލުކުރައްވާފައިވާ ޙާފިޡަކަށްވާންޖެހޭއިރު، މުޖައްވަދުކޮށް ތިލާވަތުކުރުމުގެ ކެޓެގަރީގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރުފުރި، 50 އަހަރު ނުފުރޭ ފަރާތްތަކަށެވެ. އަދި މުޅި ޤުރްއާން އެއްކޮށް ބަލައިގެން ފަރިތަކަމާއެކު، ތަޖުވީދުގެ ހަމަތަކުގެމަތިން 2 މަޤާމާތަށް މުޖައްވަދުކޮށް ކިޔަވަން އެނގޭ ފަރާތަކަށް ވާން ޖެހޭނެއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 20 މާރިޗު 2026 ވާ ހުކުރު ދުވަހުގެ 15:00 ގެ ކުރިން https://forms.gle/i92A7hMcBztzxJ1y5 ގޫގުލް ފޯމް ފުރިހަމަ ކުރުމަށް ޤުރްއާނާ ބެހޭ މަރުކަޒުން އެދިލެއްވިއެވެ.