ކުޅިވަރު

ފީނަލިސީމާ ކެންސަލްކުރަން ޖެހުނީ އާޖެންޓީނާގެ ސަބަބުންކަމަށް ޔޫއެފާއިން ބުނެފި

ފީނަލިސީމާ ކެންސަލްކުރަން ޖެހުނީ އާޖެންޓީނާގެ ސަބަބުންކަމަށް ޔޫއެފާއިން ބުނެފި

ފީނަލިސީމާ އެންމެ ފުރަތަމަ ކުޅުމަށް ހަމަޖެހިފައި އޮތީ ލުސެއިލް ސްޓޭޑިއަމްގައި---

farudhun logo

ފަރުދުން

16 މާރިޗު 2026، 01:12

16 މާރިޗު 2026، 01:12

ޔޫރަޕްގެ ޗެމްޕިއަނުންނާއި ސައުތު އެމެރިކާގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ފީނަލިސީމާ ކެންސަލްކުރަން ޖެހުނީ އާޖެންޓީނާގެ ސަބަބުންކަމަށް، ޔޫރަޕްގެ ފުޓުބޯޅައިގެ މައި އިދާރާ، ޔޫއެފާއިން ބުނެފިއެވެ.

ފީނަލިސީމާ މި އަހަރު ކުޅުމަށް ހަމަޖެހިފައި އޮތީ 2024 ވަނަ އަހަރު ޔޫރޯ ކާމިޔާބުކުރި ސްޕެއިން އާއި ހަމަ އެ އަހަރު ކޮޕާ އެމެރިކާ ކާމިޔާބުކުރި އާޖެންޓީނާއާ ދެމެދުއެވެ. 

އެ މެޗު ފުރަތަމަ ތާވަލުކޮށްފައި އޮތީ މި މަހުގެ 27ގައި ގަތަރުގެ ލުސައިލް ސްޓޭޑިއަމުގައި ކުޅުމަށެވެ. ނަމަވެސް އެމެރިކާ އާއި އިޒްރޭލުން އިރާނަށް ހަމަލާ ދިނުމާ ގުޅިގެން މެދުއިރުމަތީގެ ހަމަނުޖެހުން ބޮޑުވެފައިވުމުންނާއި، މި ހަނގުރާމައާ ގުޅިގެން ގަތަރުގައި ކުޅިވަރުގެ ހުރިހާ ހަރަކާތްތަކެއް މެދުކަނޑާލާފައި ވުމުން މެޗު ކުޅޭނެ އިތުރު ދަނޑަކާ ގުޅިގެން މަޝްވަރާތައް ފެށުނެވެ.

ޔޫއެފާއިން ބުނީ، މި ހާލަތާ ގުޅިގެން މި މެޗު ކުޅެން ޔޫއޭފާއިން ހުށަހެޅި އެއްވެސް ގޮތެއް އާޖެންޓީނާއަށް ގަބޫލު ނުކުރެވުނު ކަމަށެވެ. 

އެގޮތުން ޔޫއެފާއިން އެންމެ ފުރަތަމަ ހުށަހެޅީ މި މަހުގެ 17 ވަނަ ދުވަހު މި މެޗު ސްޕޭނުގެ ރެއާލް މެޑްރިޑުގެ ދަނޑުގައި ކުޅޭށެވެ. އެއީ ދެ ގައުމަށް ވެސް ހަމަހަމައަށް ދަނޑުގެ ޖާގަ އާއި ލިބޭ ފައިސާ ބަހާލާ ގޮތަށެވެ. ނަމަވެސް އާޖެންޓީނާ މިކަމަށް އެއްބަހެއް ނުވިއެވެ. 

ޔޫއޭފާއިން ބުނީ ދެ ވަނަ އަށް ހުށަހެޅި ގޮތަކީ މި ފައިނަލް މެޗު ހޯމް އެންޑް އަވޭ އުސޫލުން ކުޅެން ކަމަށެވެ. މި ގޮތުން ފުރަތަމަ މެޗު މާޗު 27ގައި ކުޅުމަށްފަހު ދެ ވަނަ މެޗު 2028 ނިމުމުގެ ކުރިން ކުޅޭ ގޮތަށެވެ. މި ގޮތަށް އާޖެންޓީނާ އަށް އެއްބަސް ނުވެވުނު ކަމަށެވެ.

ތިން ވަނަ ގޮތަކަށް ހުށަހެޅީ މި މެޗު ފަހުގެ ތާރީހެއްގައި ނިއުޓްރަލް ދަނޑެއްގައި ކުޅުމަށެވެ. މި ގޮތަށް އާޖެންޓީނާ އަށް އެއްބަސް ނުވެވުނު ކަމަށެވެ.

ޔޫއޭފާއިން ބުނީ އާޖެންޓީނާއިން ހުށަހެޅި ހަމައެކަނި ގޮތަކީ މި މެޗު ނިއުޓްރަލް ދަނޑެއްގައި މި މަހުގެ 31ގައި ކުޅުމަށެވެ. ނަމަވެސް މި ތާރީހުގައި އެހެން މެޗެއް ކުޅެން ހަމަޖެހިފައިވުމާއެކު މިއީ ސްޕޭނަށާއި ޔޫއޭފާ އަށް ވެސް ގަބޫލު ނުކުރެވުނު ކަމެއް ކަމަށެވެ.

ނަމަވެސް ވަކި ސަބަބެއް ނުބުނެ އާޖެންޓީނާއިން ބުނީ މެޗު ކުޅެން އެ މީހުން ބޭނުންވަނީ އާޖެންޓިނާގެ ރިވަޕްލޭޓްގެ ދަނޑުގައި ކަމަށެވެ. މިއީ މެޑްރިޑުގައި މެޗު ކުޅުން ހުއްޓުވަން ވެގެން ދެއްކި ވާހަކައެއް ކަމަށް ބެލެވެއެވެ. މިއަށްފަހު އާޖެންޓީނާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ވަނީ ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑަރޭޝަނާއެކު މެޗުގެ އިންތިޒާމުގެ މަޝްވަރާ ކޮށްފައެވެ.

ފައިނަލިސިމާ ފައިނަލް އެންމެ ފަހުން ކުޅުނީ 2023ގައެވެ. އާޖެންޓީނާ އާއި އޭރުގެ ޔޫރަޕުގެ ޗެމްޕިއަން އިޓަލީ ވާދަކުރި މެޗު ފަސޭހަ ކަމާއެކު ކާމިޔާބު ކުރީ އާޖެންޓީނާއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450