ޚަބަރު
އައްޓުއަށް އިބްރާހިމް ތާއީދު ކުރަން ނިންމެވުން، ރައީސް ޝުކުރު އަދާކުރައްވައިފި
މިއަދުގެ ޑޯޓުޑޯ ހަރަކާތުގެ ތެރެއިން
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާފަންނު ހުޅަނގު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ އިބްރާހިމް އަބޫބަކުރު، އެ ދާއިރާއަށް ކޮންގްރެސް ޕާޓީގެ ޓިކެޓްގައި ކުރިމަތިލައްވާ މުޙައްމަދު އަރީޝްއަށް ތާއީދުކުރަން ނިންމަވައިފިއެވެ.
އިބްރާހިމް އަބޫބަކުރު މިކަން ހާމަކުރެއްވީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕޭނުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އިން މިއަދު ކުރިއަށްގެންދިޔަ މާފަންނު ހުޅަނގު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގައެވެ. ކޮންގްރެސް ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިހުގައި ހުންނަވާ އިބްރާހިމް ވިދާޅުވީ، އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަން ކުރިން ނިންމެވި ނަމަވެސް، މިހާރު އެ ނިންމެވުން ބަދަލުކުރައްވާފައިވާ ކަމަށެވެ.
މިހާރުވެސް އެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އިބްރާހިމް އިތުރަށް ވިދާޅުވީ، ޕާޓީއަށް ގެއްލުމެއް ލިބޭނެ ފަދަ އެއްވެސް ކަމެއް އޭނާ ނުކުރައްވާނެ ކަމަށެވެ. އިބްރާހިމް ތާއީދުކުރަން ނިންމެވި މުޙައްމަދު އަރީޝްއަކީ މިހާރު މާފަންނު ހުޅަނގު އުތުރު ދާއިރާގެ ކައުންސިލަރުގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުވެސް މެއެވެ.
ރައީސްގެ ޝުކުރު އިބްރާހިމް އަބޫބަކުރަށް
އިބްރާހިމް އަބޫބަކުރުގެ މި ނިންމެވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަދި ކޮންގްރެސް ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެއީ ޕާޓީއަށްޓަކައި ނިންމެވި މުހިންމު ނިންމެވުމެއްކަން ފާހަގަކުރައްވައި އޭނާއަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސް ވިދާޅުވީ އިބްރާހިމާއި އަރީޝްއަކީ ވެސް އެމަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނެވިއިރު އަދި މިހާރުވެސް ވަރަށް ގާތުން، އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ދެ ކައުންސިލަރުން ކަމަށެވެ. އަދި ޕާޓީގެ ކެންޑިޑޭޓް، ޑެޕިއުޓީ މޭޔަރު އަރީޝްއަށް ތާއީދުކުރަން ނިންމެވި ނިންމެވުމަކީ ޕާޓީގެ އެއްބައިވަންތަކަމަށް ލިބުނު ބޮޑު ބާރެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ.