ޚަބަރު
ތެލެސީމިއާ ސޮސައިޓީގެ ކުރީގެ ޗެއަރޕާސަން ނިޔާވުމުގެ ހިތާމައިގައި ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
ތެލެސީމިއާ ސޮސައިޓީގެ ކުރީގެ ޗެއަރޕާސަން--
ތެލެސީމިއާ ސޮސައިޓީގެ ކުރީގެ ޗެއަރޕާސަން ޢަބްދުލްމުޢިއްޒު ޙަސަން ނިޔާވުމާއި ގުޅިގެން އޭނާގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
މިކަމާއި ގުޅިގެން މީސްމިޑީއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ތެލަސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާޕާސަން އަދި އެ ސޮސައިޓީގެ އެގްޒެކެޓިވް ކޮމެޓީގެ މެންބަރު ޢަބްދުލްމުޢިއްޒު ޙަސަން ނިޔާވި ޚަބަރު އަޑު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށެވެ. ހަމަ އެހެންމެ، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ކްލަބްގެ ރައީސްގެ ހައިސިއްޔަތުންވެސް ޢަބްދުލްމުޢިއްޒު އަކީ ހިތްވަރުގަދަކަމާއި ހިތްހެޔޮކަމުގެ ރީތި ނަމޫނާއެއް ދެއްކެވި ޒުވާނެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓް ނިންމަވާލެއްވީ، މުޢިއްޒުގެ ޢާއިލާއަށާއި، ތެލަސީމިއާ ސޮސައިޓީގެ މެންބަރުންނަށް އަދި އެޗްޑީސީގެ މުވައްޒަފުންނަށް ތަޢުޒިޔާ ދަންނަވަމުންނެވެ. އަދި މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ޢަބްދުލްމުޢިއްޒު ޙަސަން ލެހެއްޓެވުމަށް އެދި ރައީސް ވަނީ ދުޢާ ދަންނަވާފައެވެ.
ޢަބްދުލްމުޢިއްޒު ޙަސަން ނިޔާވެފައިވަނީ، މިއަދުގެ ވަޤުތެއްގައި ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ.