ޚަބަރު
ޢީދުގެ މުނާސަބަތުގައި، މުސްލިމުންނަށް ބާރުވެރިކަމާއި ޤަދަރުވެރިކަމާއި ހައިބަތަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވައިފި
ރައީސުލްޖުމްހޫރިއްޔާ/ފޮޓޯ: ރައީސް އޮފީސް
ޢީދުގެ މުނާސަބަތުގައި، މުސްލިމުންނަށް ބާރުވެރިކަމާއި ޤަދަރުވެރިކަމާއި ހައިބަތަށް އެދިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަހަރުގެ ބަރަކާތްތެރި ފިޠުރު ޢީދު ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އެންމެހާ މުސްލިމުންނަށް އަރިސްކުރައްވާ، ފޮނުއްވި ޚިޠާބުގައެވެ.
ފިޠުރު ޢީދު މިއަހަރު މި ބައްދަލުކުރަނީ، އިސްލާމީ އުންމަތް ނުތަނަވަސްކަމެއްގެ ތެރޭގައިވާ ދަނޑިވަޅެއްގައިކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ފަލަސްޠީނާއި، މެދުއިރުމަތީގެ އެހެން ބައެއް ބިންތަކުގައި މުސްލިމުން ތަހައްމަލުކުރަމުންދާ ހުރިހައި ވޭނެއްގައި ދިވެހީން ބައިވެރިވާކަން ހާމަކުރައްވާފައެވެ. އަދި އެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް އަމާންކަމާއި ރައްކާތެރިކަމަށް އެދިވަޑައިގަންނަވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ޢީދުގެ އުފަލަކީ، މާތް ﷲއަށް ޙަމްދުކޮށް، އެކަލާނގެ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވެ، އެކަކު އަނެކަކުގެ މައްޗަށް ހިތްހެޔޮކޮށް، ފަރުދީ ގޮތުންނާއި ޖަމަޢީ ގޮތުން ހިތްތަކަށް ހަމަޖެހުން ހޯދައި، މުޖުތަމަޢުގައި އީމާންކަމާއި ލޮބުވެތިކަން އާލާކުރުންކަން އެމަނިކުފާނުގެ ޚިޠާބުގައި ހަނދާންކޮށްދެއްވާފައިވެއެވެ. އަދި، ޢީދުގެ އުފަލުގައި ކަންކަން އިންތިޒާމުކޮށް ރާވާއިރު، އިސްލާމީ އިންތަކާއި މިންތަކަށް ފަރުވާތެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ހަނދާންކޮށްދެއްވިއެވެ.
މީގެ އިތުރުން، ވަކިވެގެންދާ ރަމަޟާން މަދަރުސާގެ ފިލާވަޅުތައް ހަނދާންކޮށް، ރަނގަޅު ބަސްބުނެ، ރަނގަޅު ޢަމަލުތައްކޮށް، ކެތްތެރިކަން އިސްކޮށް، އެއްބައިވަންތަކަމުގައި ދެމިތިބުމަށް އެމަނިކުފާނު ހިތްވަރުދެއްވިއެވެ. އަދި 6 ރޯދައިގެ ދުވަސްތައް މެދުވެރިކޮށް، ހެޔޮ ޢަމަލުތަކުގެ މަތީގައި ދެމިތިބެން އިސްލާމްދީން ގޮވާލާ ނިޒާމަށް އިޝާރާތްކުރައްވައި، އަޅުކަމާއި އަޅުވެރިކަން މަތީ ދެމިތިބުމަށް އެމަނިކުފާނު ނަސޭޙަތްތެރިވެވަޑައިގެންނެވިއެވެ.
ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި ތަހުނިޔާގެ މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޢީދު ހަދަންވާނީ، ކާބަފައި ޒަމާނުއްސުރެ ޢީދާ ގުޅިފައިވާ ރީތި އާދަތައް ދިރުވައި އާލާކޮށް ދިވެހިންގެ އަމިއްލަވަންތަކަމާއި އެއްބައިވަންތަކަމުގެ އަގުހުރި ރަމްޒަކަށްކަމުގައި ވިދާޅުވެފައެވެ. މި މުނާސަބަތާ ގުޅިގެން އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ވެސް ވަނީ، އެކްސްގައި ތަހުނިޔާގެ މެސެޖެއް ހިއްސާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލައްވާފައިވަނީ، އިސްލާމީ އުންމަތަށް ނަޞްރާއި ރައްކާތެރިކަން ދެއްވައި، ދިވެހި ޤައުމަށް ހެވާއި ލާބަ މިންވަރުކުރެއްވުމަށް އެދިވަޑައިގެން ދުޢާ ކުރައްވަމުންނެވެ.