ޚަބަރު
ޢީދު ސަލާން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހަށް ގިނަ ބަޔަކު ޒިޔާރަތްކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާ ޢީދު ސަލާމްކުރެއްވުން---
ފަރުދުން
20 މާރިޗު 2026، 11:36
20 މާރިޗު 2026، 11:36
ފިޠުރު ޢީދުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދުއާ ޢީދު ސަލާން ކުރައްވައި ތަޙުނިޔާ ދެންނެވުމަށް ގިނަ ބަޔަކު ޒިޔާރަތްކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާ ޢީދު ސަލާމް ކުރެއްވުން ކުރިޔަށް ދިޔައީ، އެ މަނިކުފާނު ދިރިއުޅުއްވާ ގެކޮޅު، މުލީއާގޭގައެވެ.
މިއަދު ހެނދުނު 9:00އިން ފެށިގެން ޢީދު ސަލާމް ކުރެއްވުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ މުލީއާގެ ކައިރީގައި ސަފު ހަދާފައެވެ. އޭގެ ތެރޭގައި ގިނައިން ހިމެނުނީ އާއިލާތަކެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ވަޒީރުންނާއި، އެފެންވަރުގެ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ރާއްޖޭގައި ތިއްބެވި ބޭރު ދައުލަތްތަކުގެ ޢިއްޒަތްތެރިންނާއި، ސަރުކާރުގެ އޮފީސް އޮފީހުގެ ވެރިންނާއި، ރާއްޖޭގެ އެކި ދާއިރާތަކުގެ ބޭފުޅުން ހިމެނިވަޑައިގެންނެވިއެވެ.
ޢީދު ދުވަހާ ގުޅިގެން، ޤައުމީ ދިފާޢީ ބާރުން ވިލަރެސްކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ "ޢީދު ހަވީރު 1447"ގެ ހަރަކާތްތައް މިއަދު ހަވީރު 16:00 އިން 18:00އަށް، މާލެއާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގައި ކުރިއަށް ދާނެއެވެ. "ޢީދު ހަވީރު 1447"ގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ސަރުކާރުގެ ބައެއް ކުންފުނިތަކުންވެސް ބައިވެރިވާނެއެވެ.