ޚަބަރު
ގިރާވަރުފަޅުން ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް އަންނަ ޖޫން މަހު ފެށޭނެ: ރައީސް
މަޝްރޫޢުގެ އަދާހަމަ/ފޮޓޯ: ރައީސް
ގިރާވަރުފަޅުން ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް އަންނަ ޖޫން މަހުގެ ތެރޭގައި ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ގިރާވަރުފަޅު ބިން ހިއްކުމުގެ މަޝްރޫޢުގެ އެންމެ ފަހު އަދާހަމަ މަޢުލޫމާތު ހިއްސާކުރެއްވުމަށް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މިއަަދު ވަނީ، ގިރާވަރުފަޅު ބިން ހިއްކުން މިހާރު ގޮސްފައިވާ ހިސާބު ދައްކުވައިދޭ ޑްރޯން ފޮޓޯއެއް ހިއްސާ ކުރައްވާފައެވެ. އަދި ކޮންމެ ދުވަހަކު ވެސް ބިން ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އިރާދަކުރެއްވިއްޔާ އަންނަ އޭޕްރިލް މަހު މި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. ހަމަ އެއާއެކު، ސަރވޭކޮށް ނިންމާ އަންނަ ޖޫން މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
ގިރާވަރުފަޅު ބިން ހިއްކުން މިހާރު ގޮަސްފައިވާ ހިސާބު. ކޮންމެ ދުވަހަކުވެސް ބިން ހިއްކުމުގެ މަސައްކަތް ދަނީ ކުރިޔަށް. އިރާދަކުރެއްވިއްޔާ އޭޕްރިލް މަހު އެއްކޮށް ނިމި، ސަރވޭ ކޮށް ނިންމާ ޖޫން މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ. pic.twitter.com/udwfTQN9H5
— Dr Mohamed Muizzu (@MMuizzu) March 21, 2026
ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތީގެ ޢަދަދާއި ބޮޑުމިނުގެ ތަފްޞީލް:
- 1250 އަކަފޫޓުގެ 2605 ގޯތި
- 1650 އަކަފޫޓުގެ 1213 ގޯތި
- 2050 އަކަފޫޓުގެ 253 ގޯތި
- 2450 އަކަފޫޓުގެ 1 ގޯތި
ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ ބިން ހިއްކުމުގެ މަސައްކަތަށް ރާއްޖެއަށް ގެނެސްފައިވާ އެންމެ ބޮޑެތި ޑްރެޖަރުތަކުގެ ތެރޭގައި ހިމެނޭ "ޓްރެއިލިން ސަކްޝަން ހޮޕަރ ޑްރެޖަރ އޮރަންޖީ" އިންނެވެ. މިއީ އެއްފަހަރާ 22،000 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ޤާބިލުކަން ލިބިފައިވާ ބޮޑު ޑްރެޖަރެކެވެ. ރައީސް ވިދާޅުވި ގޮތުގައި މާލެ ސަރަޙައްދުގައި ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫޢުތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ނިމިގެންދާނީ ގިރާވަރުފަޅުގެ މަސައްކަތެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 30 ޖެނުއަރީ 2026 ގައެވެ. މި މަޝްރޫޢަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.