ޚަބަރު
މަރުގެ ޙުކުމް ތަންފީޒު ނުކުރުމަކީ ސައްތައިންސައްތަ އިސްލާމީ ޤައުމެއްގައި އިތުރު ޗޮއިސްއެއް އޮތް ކަމެއް ނޫން: ރައީސް
ރައީސުލްޖުމްހޫރިއްޔާ/ފޮޓޯ: ރައީސް އޮފީސް
މަރުގެ ޙުކުމް ތަންފީޒު ނުކުރުމަކީ ސަންތައިންސައްތަ އިސްލާމީ ޤައުމެއްގައި އިތުރު ޗޮއިސްއެއް އޮތް ކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މިވަގުތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދިވެހިރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މަރުގެ ޙުކުމް އިއްވާފައިވާ ފަރާތްތަކުގެ ތެރެއިން ޤާނޫނީ ގޮތުން ހުރިހާ މަރުޙަލާއެއް ނިމިފައިވާ ގިނަ ފަރާތްތަކެއް މިހާރު ތިބި ކަމަށެވެ. ހަމަ އެހެންމެ، އެ ފަރާތްތަކަށް އެ ޙުކުމް ތަންފީޒުކުރުމާ ގުޅޭ ޚާއްޞަ ބިލެއް މިހާރު ތައްޔާރުކުރެވެމުންދާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރުގެ ތެރޭގައި މަރުގެ އަދަބާ ގުޅޭ މި ބިލު ހުށަހެޅުއްވުމުގެ މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
އެ ބިލު މަޖިލީހުން ފާސްވެގެން އައުމުން ބިލު ތަސްދީގުކުރެވުނީމަ ޝަރުޢީ ހުރިހާ މަރުހަލާއެއް ފުރިހަމަވާ، މަރުގެ ހުކުމް ތަންފީޒުކުރުމަށް ފުރިހަމަވާ ހުރިހާ ފަރާތްތަކެއްގެ މަރުގެ އަދަބު ތަންފީޒު އިރާދަކުރެއްވިއްޔާ މި ސަރުކާރުން ކުރާނަން.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް ވިދާޅުވީ، މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭ ޚާއްޞަ ޤާނޫނެއް ހެދުމަކީ ރާއްޖޭގައި އަދުލު އިންސާފު ޤާއިމުކުރުމަށް އަދި ސޯޝަލް ޖަސްޓިސް ޤާއިމުކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. ހަމަ އެހެންމެ، އިސްލާމީ ޤައުމެއްގައި އެ އޮންނަ އުޞޫލުގެ މަތިން ހުރިހާ ކަމެއް ފުރިަހަމަވެފައި އޮންނަ ހާލަތުގައި މަރުގެ އަދަބު ތަންފީޒުކުރުމަކީ ދައުލަތަކަށް ކުރެވޭނެ ކަމެއްކަމުގައި ޤަބޫލުކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ހަމަ އެއާއެކު، ކުރީ ސަރުކާރުތަކުން ވެސް މި އަދަބު ތަންފީޒުކުރާނެ ކަމަށް ބުނި ނަމަވެސް މިހާތަނަށް އެކަން ކުރެވިފައިނުވާ ކަމަށާއި، ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި އެފަދަ ކަމެއްގައި ދޫ ދިނުމަކީ ދައުލަތުގެ އެންމެ އިސް ފަރާތަށްވެސް އޮތް ޗޮއިސެއް ނޫން ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ.