Ads by PNC

ޚަބަރު

ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ބޭރުފައިސާގެ ރިޒާވަށް ހީނަރުކަމެއް އައިސްފައިނުވޭ: ރައީސް މުޢިއްޒު

ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ބޭރުފައިސާގެ ރިޒާވަށް ހީނަރުކަމެއް އައިސްފައިނުވޭ: ރައީސް މުޢިއްޒު

ރައީސް ޑރ މުޙައްމަދު މުޢިއްޒު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 މާރިޗު 2026، 11:19

23 މާރިޗު 2026، 11:19

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވަށް އެއްވެސް ހީނަރުކަމެއް އައިސްފައިނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި އަހަރުގެ އޭޕްރީލް މަހުގެ 8 ވަނަ ދުވަހު އަދާކުރަންޖެހޭ ސުކޫކުގެ ޕޭމެންޓު، ކުރިންވެސް ރޭވިފައިވާ ގޮތަށް ދެއްކޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި، ހަނގުރާމައިގެ ސަބަބުން ދިވެހިރާއްޖެއަށް ކުރާ އަސަރުތައް ކުޑަކުރުމަށް ސަރުކާރުން ދަނީ ހާލަތު ވަރަށް ކައިރިން ބަލައި، ތައްޔާރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން، ރާއްޖެއަށް ބޭނުންވާ ތެޔޮ ލިބުމުގައި ދަތިތަކެއް ކުރިމަތިނުވާނެކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، އިއްޔެ އައު ތެޔޮ ޝިޕްމެންޓެއް ގެނެވިފައިވާއިރު، އަންނަ މަހުވެސް އިތުރު ޝިޕްމެންޓުތައް ގެނައުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތެލުގެ އަގަށް އަންނަ ބަދަލުތަކުން ރައްޔިތުންނަށް ކުރާ އަސަރު ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މި މަސައްކަތްތައް ކުރިއަށްދަނީ މި ދާއިރާގައި ހަރަކާތްތެރިވާ އަމިއްލަ ވިޔަފާރިތައްވެސް ބައިވެރިކޮށްގެން ކަމަށެވެ. އަދި ތެލުގެ ސްޓޮކް ދެމެހެއްޓެނެވި ގޮތެއްގައި ބެލެހެއްޓެމުންދާކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.

ދައުލަތުގެ މާލީ ހާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މާޗް މަހުގެ 18 ވަނަ ދުވަހާ ހަމައަށް ދައުލަތުގެ ޖުމްލަ ރިޒާވް ހުރީ 1.2 ބިލިއަން ޑޮލަރަށްވުރެ މަތީގައި ކަމަށެވެ. އަދި ޔޫޒަބަލް ރިޒާވްވެސް 300 މިލިއަން ޑޮލަރަށްވުރެ މަތީގައި ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނިންމަވާލައްވަމުން ރައީސް ވިދާޅުވީ، ޔޫޒަބަލް ރިޒާވްގައި ހުރި ފައިސާއާއި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި (SDF) ރައްކާކޮށްފައި ހުރި ފައިސާ ބޭނުންކޮށްގެން، އަންނަ މަހުގެ އަށްވަނަ ދުވަހު ސުކޫކުގެ ޕޭމެންޓު އެއްކޮށް ދައްކައި ނިންމާލެވޭނެ ކަމަށެވެ. މިއީ ރާއްޖޭގެ މާލީ އިސްތިގުލާލު ދެމެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މުހިންމު ފިޔަވަޅެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450