Ads by PNC

ޚަބަރު

އަސާސީ ކާބޯތަކެތި ލިބުމުގައި ދަތިކަމެއް ނެތް ކަމަށާއި، ތަކެތީގެ އަގު ބޮޑުވެގެން ނުދާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

އަސާސީ ކާބޯތަކެތި ލިބުމުގައި ދަތިކަމެއް ނެތް ކަމަށާއި، ތަކެތީގެ އަގު ބޮޑުވެގެން ނުދާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ރައީސް ޑރ މުޙައްމަދު މުޢިއްޒު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 މާރިޗު 2026، 01:11

23 މާރިޗު 2026، 01:11

ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތި ލިބުމުގައި އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށާއި، އެ ތަކެތީގެ އަގު މައްޗަށް ނުދާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ދުނިޔޭގެ މަސްރަހުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ކުރިން ވެސް އަސާސީ ކާބޯތަކެތި ހުރި ހާލަތުގައި މިހާރު ވެސް އެކަން އެބައޮތް ކަމަށެވެ.

އެގޮތުން ހަނޑޫ، ހަކުރު އަދި ފުށް އެއްވެސް ދަތިކަމެއް ނެތި ކުރިން ވެސް ގެންނަ މިންވަރަށް ރާއްޖެއަށް ގެނެސް، ސްޓޮކް ބަލަހައްޓަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ތެލުގެ އަގަށް ކޮންމެ ދުވަހަކު ވެސް ތަފާތުތަކެއް އަންނަމުންދާ ކަމަށެވެ. "އޭގެ ސަބަބުން އަންނާނެ ލޮޅުންތައް ވަރަށް ރަނގަޅަށް މި ދަނީ ބަލަމުން. އާންމު ރައްޔިތުންނަށް ވީހާވެސް ކުޑަކޮށް އިމްޕެކްޓް އަންނާނެ ގޮތަކަށް މިކަން މެނޭޖްކުރުމުގެ މަސައްކަތްތަކެއް ދަނީ ކުރަމުން،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ތެލުގެ ވިޔަފާރީގައި އުޅޭ އަމިއްލަ ފަރާތްތަކާ ގުޅިގެން އިގްތިސޯދަށް އެންމެ ފައިދާހުރި ގޮތަކަށް އެކަން ބަލަހައްޓަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖޭގެ މާލީ ހާލަތާ ގުޅޭގޮތުން ރައީސް ވިދާޅުވީ، މިދިޔަ މާޗް މަހުގެ 18 އާ ހަމައަށް ރާއްޖޭގެ ގްރޮސް ރިޒާވް ހުރީ މީގެ ކުރިން ނުދާ މިންވަރަށް މަތީގައި ކަމަށެވެ. އެގޮތުން ރިޒާވް 1.2 ބިލިއަން ޑޮލަރަށް ވުރެ މަތީގައި ހުރި އިރު، ޔޫސަބަލް ރިޒާވް ވެސް 300 މިލިއަން ޑޮލަރަށް ވުރެ މަތީގައި ހިފެހެއްޓިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނިންމަވާލައްވަމުން ރައީސް ވިދާޅުވީ ބޭރުގެ ހަނގުރާމަތަކުގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރުތައް ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ. އަދި ދައުލަތުން ދައްކަންޖެހޭ ސްކޫކް ޕޭމަންޓްތައް ދެއްކުމުގައި ވެސް އެއްވެސް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450