ޚަބަރު
ތިން ސަރަހައްދެއްގައި ތެޔޮ ރިޒާވް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ރާވާފަ: ރައީސް މުޢިއްޒު
ރައީސް ޑރ މުޙައްމަދު މުޢިއްޒު
ފިޔަވަހިތަކަކަށް ބަހާލައިގެން ރާއްޖޭގެ ތިން ސަރަހައްދެއްގައި ތެޔޮ ރިޒާވްއެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ރާވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ރާއްޖޭގެ އިގުތިސާދުގައި ހުރި ނާޒުކުކަން ހައްލުކުރުމަށްޓަކައި ދުރު ރާސްތާއަށް ރާވައިގެން ސަރުކާރުން ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. މި މަސައްކަތްތަކުގެ ތެރޭގައި މަރުހަލާތަކަކަށް ބަހާލައިގެން ރާއްޖޭގެ ތިން ހިސާބެއްގައި ތެޔޮ ރިޒާވްތަކެއް ގާއިމުކުރުން ހިމެނޭކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ ކޮންމެ ދެ އަހަރަކުން ނުވަތަ ދޮޅު އަހަރަކުން ފިޔަވައްސެއް ނިންމައި، ފަސް އަހަރު ނުވަތަ ހަ އަހަރުގެ ތެރޭގައި މުޅި މަސައްކަތް ފުރިހަމަކުރެވޭނެ ގޮތަށެވެ. ރައީސް ވިދާޅުވި ގޮތުގައި މިހާރު ކުރިއަށްދަނީ މި މަސައްކަތް ކުރިއަށްގެންދާނެ ގޮތް ރާވައި އެކަމަށް ބޭނުންވާ ޕްލޭންތައް އެކުލަވައިލުމުގެ މަރުހަލާއެވެ.
"ރާއްޖޭގައި ނޭޝަނަލް އޮއިލް ރިޒާވް ގާއިމުކުރުމަށް ކުރެވޭނެ މަސައްކަތްތައް ދިރާސާކުރުމުގެ މަސައްކަތް މިއޮތީ ފެށިފައި. އޭގެ އައިޑިއާއަކީ ރާއްޖޭގެ ތިން ސަރަހައްދެއްގައި އިރާދަކުރެއްވިއްޔާ، މިއީ އެއް އަހަރަކުން ނޫނީ ދެ އަހަރަކުން ކުރެވޭނެ ކަމެއް ނޫން، އެހެންވީމާ ތިން ފޭސްއަކަށް ބަހާލައިގެން ދޮޅު އަހަރުން ނުވަތަ ދެ އަހަރުން ފޭސްއެއް ނިންމޭ ގޮތަށް އޮއިލް ރިޒާވްއެއް ގާއިމުކުރުމުގެ މަސައްކަތް ކުރުން،" ރައީސް ވިދާޅުވިއެވެ.
މި ތެޔޮ ރިޒާވްވެގެން ދާނީ ސޮވެރިން ޑިވެލޮޕްމެންޓު ފަދަ ފަންޑަކަށް ނުވަތަ ރިޒާވަކަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މަސައްކަތުގެ ޕްލޭން ރާވައި ނިމުމުން އެކަމުގެ ތަފުސީލުތައް މީޑިޔާއާ ހިއްސާކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަސައްކަތުގެ ކޮންމެ މަރުހަލާއަކަށް ގާތްގަނޑަކަށް 150 މިލިއަން އެމެރިކާ ޑޮލަރު ހަރަދުވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުގެ ވިސްނުމަކީ ކޮންމެ މަރުހަލާއެއްގައިވެސް ދެމެހެއްޓެނެވިކަމާއި، އިގުތިސާދީ ގޮތުން އެކަމެއްގެ ފީސިބިލިޓީއަށް ބަލައިގެން މަސައްކަތް ކުރިއަށް ގެންދިއުން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.