Ads by PNC

ޚަބަރު

މެދުއިރުމަތީގެ ހަނގުރާމައަށް ރާއްޖޭގެ އެއްވެސް ސަރަހައްދެއް ބޭނުން ނުކުރެވޭނެ: ރައީސް މުޢިއްޒު

މެދުއިރުމަތީގެ ހަނގުރާމައަށް ރާއްޖޭގެ އެއްވެސް ސަރަހައްދެއް ބޭނުން ނުކުރެވޭނެ: ރައީސް މުޢިއްޒު

ރައީސް ޑރ މުޙައްމަދު މުޢިއްޒު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 މާރިޗު 2026، 01:15

23 މާރިޗު 2026، 01:15

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގައި ނުވަތަ އެހެންވެސް ހަނގުރާމައެއްގައި ރާއްޖޭގެ އެއްވެސް ސަރަހައްދެއް ބޭނުންނުކުރުމުގެ ފުރުޞަތު ނުދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމެރިކާ އާއި އިޒްރޭލުން އިސްވެ އީރާނަށް ދޭންފެށި ހަމަލާތަކަކީ ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް ކަމަށެވެ. އެއްވެސް ޤައުމެއްގެ މިނިވަންކަމާއި އިސްތިގުލާލު ނަގާލެވޭ ގޮތަށް ހަމަލާތައް ދެވިގެން ނުވާނެ ކަމަށާއި، އެމެރިކާ އާއި ޔަހޫދީން ދެމުންދާ ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ހަނގުރާމައިގައި ރާއްޖޭގެ އެއްވެސް ސަރަހައްދެއް ބޭނުންކުރުމުގެ ފުރުޞަތު ދޭން އުޅޭކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ފައިދާވާނެ ކޮންމެ ކަމެއްގައި އިޒްރޭލު ފިޔަވައި އެހެން ހުރިހާ ޤައުމަކާވެސް ރާއްޖޭން ގުޅުން ބަދަހިކުރާނެ ކަމަށެވެ. ނަމަވެސް، ހަނގުރާމައިގައި ރާއްޖޭގެ އެއްވެސް ސަރަހައްދެއް ބޭނުންކުރުމަށް ނުވަތަ އެއްވެސް ޤައުމެއްގެ މިލިޓަރީ ބޭނުމަށް ރާއްޖޭގެ އެއްވެސް ސަރަހައްދަކުން ފުރުސަތު ނުދެއްވާނެ ކަމަށް އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.

"ރާއްޖެއަކުންނެއް އެއްވެސް ފުރުޞަތެއް ނުދޭނަން އިސްލާމީ ޤައުމަކާ ދެކޮޅަށް ދޭ ހަމަލާއަކަށް ޖާގަ ދޭކަށެއް. އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫން. އެ ހަނގުރާމަ ޖެހޭނީ މިހާރުން މިހާރަށް ހުއްޓެން،" ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އީރާނުން ހަމަލާދޭނަމަ ދޭންޖެހޭނީ ސީދާ އިޒްރޭލަށް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ އެމެރިކާ އާއި ޔަހޫދީން އީރާނަށް ދެމުން އަންނަ ހަމަލާތަކަކީ ބައިނަލްއަގުވާމީ ޤާނޫނުތަކާވެސް ޚިލާފު ހަމަލާތަކެއް ކަމަށެވެ. އަދި މުސްލިމް އެއްވެސް ޤައުމަކަށް ދޭ އެއްވެސް ހަމަލާއެއް ސަރުކާރުން ބަލައި ނުގަންނާނެ ކަމަށާއި، މިހާރު ހިނގަމުންދާ ހަމަލާއާ ރާއްޖޭން ކަނޑައެޅިގެން ދެކޮޅުހައްދަވާ ކަމަށް ވިދާޅުވެ އެމަނިކުފާނު ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450