ޚަބަރު
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫޢުތަކަށް މަޑުޖެހުމެއް ނާންނާނެ: ރައީސް
ރައީސުލްޖުމްހޫރިއްޔާ/ފޮޓޯ: ރައީސް އޮފީސް
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫޢުތަކަށް މަޑުޖެހުމެއް ނާންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަން ދެއްވާފައިވަނީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ތަރައްޤީގެ މަޝްރޫޢުތަކަށް އެއްވެސް އަސަރެއް ކުރާނެތޯ ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވަނީ، މަޝްރޫޢުތައް ހަލުވި ދުވެލީގައި ކުރިއަށްދާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން، މެދުއިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން ބޭރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުތަކާއި، ބޭރުގެ އެކިއެކި ފަރާތްތަކުގެ ލޯނުގެ އެހީގައި ކުރިޔަށްދާ މަޝްރޫޢުތަކާއި އަދި ކޮންޓްރެކްޓަރ ފައިނޭންސިންގެ ދަށުން ކުރިޔަށްގެންދާ މަޝްރޫޢުތަކަށް މަޑުޖެހުމެއް ނާންނާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ސަރުކާރުން އަލަށް ފަށަން ނިންމާފައި ހުރި މަޝްރޫޢުތަކުގެ ތެރެއިން، ހަނގުރާމައިގެ މި ހާލަތުގައި ވެސް ސަރުކާރުން އެންމެ އިސްކަންދޭނީ ބޯހިޔާވަހިކަމާއި ޞިއްޙީ ދާއިރާގެ މަސައްކަތްތަކަށް މަޑު ޖެހުމެއް އަޔަނުދީ ކުރިޔަށް ގެންދިއުމަށްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މި ދެ ދާއިރާއަކީ، އެމަނިކުފާނުގެ މެނިފެސްޓޯގައި ވެސް ހިމެނިވަޑައިގަންނަވާ މުހިންމުކަމަށްވީއިރު، ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދީ، ހަރުދަނާ ޞިއްޙީ ޚިދުމަތްތަކެއް ދިނުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.
ރާއްޖޭގައި ބޮޑެތި މަޝްރޫޢުތައް ބޭރު ޤައުމުތަކުގެ ހިލޭ އެހީގައި ކުރިއަށްގެންދާއިރު، މި މަޝްރޫޢުތައް ވީ އެންމެ އަވަހަކަށް ނިންމުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.