ޚަބަރު
ބަލީގެ ނިސްބަތުން ޓީބީ މަދު ޤައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ލިބޭ ފަޚުރެއް: ރައީސް
ރައީސުލްޖުމްހޫރިއްޔާ/ފޮޓޯ: ރައީސް އޮފީސް
ބަލީގެ ނިސްބަތުން ޓީބީ މަދު ޤައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ލިބޭ ފަޚުރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ޓީބީ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ، ދުނިޔޭގެ ޓީބީ ދުވަސް ފާހަގަކުރަމުންދާއިރު، މިއީ ރައްކާތެރިވެވިދާނެ އަދި ފަރުވާކޮށްގެން ރަނގަޅުކުރެވޭ ބައްޔަކަށް ވީނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިޔަން ބަޔަކަށް މިބަލީގެ ނުރައްކާ އަދިވެސް ކުރިމަތިވަމުންދާ ކަމަށެވެ. ހަމަ އެހެންމެ، މި ބަލި ނައްތާލުމަށްޓަކައި ހަރުދަނާ ޞިއްޙީ ނިޒާމެއްގެ މުހިންމުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ބަލި އަވަހަށް ދެނެގަތުމަށް މުޖުތަމަޢުގެ ފަރުދުންގެ ބައިވެރިވުން އިތުރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
މީގެ އިތުރުން، ދިވެހިރާއްޖެއަކީ ޓީބީ ބަލީގެ ނިސްބަތް މަދު ޤައުމެއްގެ ގޮތުގައި އޮތުމަކީ ފަޚުރުވެރިވާ ކަމެއްކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި ޓީބީ ބަލި އަވަހަށް ދެނެގަތުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާއި، ޓެސްޓުތަކާއި ފަރުވާ ފަސޭހައިން ލިބޭނެ މަގު ތަނަވަސްކުރުމުގެ އިތުރުން، ބަލީގެ ނުރައްކާ ބޮޑު މީހުންނަށް ބޭނުންވާ އަޅާލުން ފޯރުކޮށްދިނުމުގައި ރާއްޖެއިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ.
ހަމަ އެއާއެކު، ޓީބީން ސަލާމަތްވެފައިވާ މުސްތަޤްބަލަކަށް ވާސިލުވުމަށްޓަކައި، ޞިއްޙީ ޚިދުމަތްތެރިންނާއި މުޖުތަމަޢު ގުޅިގެން، އާންމު ޞިއްޙަތު ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ރައީސް ގޮވާލެއްވިއެވެ.
As we mark #WorldTBDay, we are reminded that tuberculosis continues to affect millions worldwide, despite being preventable and curable. Today, we recognize the importance of strong health care systems, early detection, and community participation in ending this disease.
— Dr Mohamed Muizzu (@MMuizzu) March 24, 2026
The… pic.twitter.com/clRLgSZ9nx
ޓިއުބަރކިއުލޯސިސް ނުވަތަ ޓީބީއަކީ މައިކްރޯ ބެކްޓީރިއަމް ޓިއުބަރކިއުލޯސިސް ކިޔާ ބެކްޓީރިއާއެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ބަލި އެންމެ ޢާންމުކޮށް ޖެހެނީ ފުއްޕާމެއަށް ނަމަވެސް، ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ވެސް މި ބަލި ޖެހެއެވެ. އަދި ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ޖެހޭ ޓީބީ ގައިންގަޔަށް ނާރާއިރު، ފުއްޕާމެއަށް ޖެހޭ ޓީބީ ގައިންގަޔަށް އަރާނެކަމަށް ޞިއްޙީ މާހިރުން ވަނީ ވިދާޅުވެފައެވެ.
ޓީބީ ބަލި ގައިންގަޔަށް އަރަނީ ފުއްޕާމެއަށް ޓީބީ ބަލިޖެހި، ކުޅުން ބެކްޓީރިއާ ފެންނަ ބަލި މީހުންގެ ފަރާތުން އެކަންޏެވެ. ފުއްޕާމޭގެ ޓީބީ ޖެހިފައިވާ މީހުން ކެއްސާ، ކިނބިހި އަޅާ ހަދާއިރު، ވައިގެ ތެރެއަށް ބޭރުވާ ޓީބީ ބަލި ފަތުރާ ބެކްޓީރިއާ، އެހެން މީހުންގެ ނޭވާލާ ނިޒާމުގެ ތެރެއަށް ވާޞިލްވެއެވެ. ޓީބީގެ ޢަލާމަތްތަކުގެ ތެރޭގައި ހުންއައުން، ވަރުދެރަވުން، މޭގައި ރިއްސުން އަދި ކެއްސާފައި އަންނަ ދަވާގައި ލޭހުރުން، ހީކެރުވުން އަދި ރޭގަނޑު އާދަޔާ ޚިލާފަށް ދާހިއްލުން ހިމެނެއެވެ.