ޚަބަރު
ޤަތަރުގެ އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓުނު ޙާދިސާއާ ގުޅިގެން، އެ ޤައުމުގެ އަމީރަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ފޮނުއްވައިފި
ރައީސް، ޤަތަރުގެ ސަފީރާއެކު/ފޮޓޯ: ރައީސް އޮފީސް
ޤަތަރުގެ އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓުނު ޙާދިސާއާ ގުޅިގެން، އެ ޤައުމުގެ އަމީރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފި އެވެ.
މި ޙާދިސާގައި، އެތައް ބައެއް ނިޔާވުމުގެ ހިތާމާގައި ރައީސް ވަނީ، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޤަތަރުގެ އަމީރު ހިޒް ހައިނަސް ޝައިޚް ތަމީމް ބިން ޙަމަދު އައްޘާނީ އަދި، އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ތައުޒިޔާގެ މެސެޖުގައި، ޤަތަރުގެ އަސްކަރިއްޔާގެ މެންބަރުންނާއި، ޤަތަރާއި ތުރުކީ ގުޅިފައިވާ ލަޝްކަރުގެ މެންބަރުންތަކެއް މި ހާދިސާގައި ވަކިވެދިޔުމާ ގުޅިގެން އެކަމުގެ ފުން ހިތާމަ ވަނީ ފާޅުކުރައްވާފަ އެވެ. ހަމަ އެހެންމެ، މި ދަތި އުނދަގޫ ވަގުތުގައި ދިވެހިރާއްޖެ އޮތީ ޤަތަރާއެކު ސާބިތުކަންމަތީގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، މި ޙާދިސާގައި ފުރާނަ ގެއްލުނު ފަރާތްތަކުގެ ޢާއިލާތަކަށް ތައުޒިޔާ ރައްދުކުރައްވައި، މި ހިތާމަވެރި ވަގުތުގައި އެ ޢާއިލާތަކަށް ކެތްތެރިކަމާއި ހިތްވަރު ދެއްވުމަށް އެދި ރައީސް ދުޢާކުރައްވާފައިވެއެވެ.