ޚަބަރު
މިއަދު ނިޔާވި ފުލުހުންގެ ކުރީގެ ޑީސީޕީ ޢަބްދުއްޝަކޫރަކީ ތަޖުރިބާކާރު ހަރުދަނާ ދިވެހި ދަރިއެއް: ރައީސް
ޢަބްދުއްޝަކޫރަށް ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމް ދިނުން/ފޮޓޯ: ރައީސް އޮފީސް
މިއަދު ނިޔާވި ފުލުހުންގެ ކުރީގެ ޑީސީޕީ ޢަބްދުއްޝަކޫރް ޢަބްދުﷲ އަކީ ތަޖުރިބާކާރު ހަރުދަނާ ދިވެހި ދަރިއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިިދާޅުވީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝަކޫރު ޢަބްދުﷲ ނިޔާވުމާއި ގުޅިގެން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި ދިވެހި ފުލުހުންގެ ޚިދުމަތުގައި 43 އަހަރަށް ވުރެ ދިގު މުއްދަތެއްގައި މަސައްކަތް ކުރައްވައި، އެ ދެ މުއައްސަސާގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝަކޫރު ޢަބްދުﷲ އަވަހާރަވި ޚަބަރު އަޑުއެހީ ފުން ހިތާމައާއެކުގައި ކަމަށެވެ.
މީގެ އިތުރުން، ޢަބްދުއްޝަކޫރަކީ ނޮވެމްބަރު 3 ގެ ޢުދުވާނީ ޙަމަލާއިން ރާއްޖެ ދިފާޢުކުރެއްވުމަށް ހިތްވަރާއެކު ޖިހާދުކުރެއްވި ދިވެހި ސިފައިންގެ ލަޝްކަރުގައި ހިމެނިވަޑައިގަތް ބޭފުޅެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު، އެބޭފުޅާއަކީ ރާއްޖޭގެ ޖަލުތަކުގެ ޙާލަތާއި އިންތިޒާމުތައް ރަނގަޅު ކުރެއްވުމާއި މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރެއްވުމުގެ މަސައްކަތުގައި ވެސް އިސް ދައުރެއް އަދާކުރެއްވި ތަޖުރިބާކާރު ހަރުދަނާ ދިވެހި ދަރިއެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޢަބްދުއްޝަކޫރުގެ މުޅި ޙަޔާތްޕުޅުގައި ވެސް ޤައުމު އިސްކުރައްވާ އިޚުލާޞްތެރިކަން ދެއްކެވިކަމަށް ރައީސް ވިދާޅުވިއެވެ.
ޢަބްދުއްޝަކޫރު ޢަބްދުﷲ އަކީ، އޯގަސްޓު 2004 ގެ ނިޔަލަށް، ނޭޝަނަލް ސެކިއުރިޓީ ސަރވިސްގައި އަދި 1 ސެޕްޓެމްބަރު 2004 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޚިދުމަތަށް ބަދަލުވެވަޑައިގަތުމަށްފަހު، ވަރަށް އިޚުލާޞްތެރިކަމާ އެކުގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވުމަށްފަހު، 4 މާރިޗު 2009 ގައި ރިޓަޔަރ ކުރައްވައިފައިވާ ބޭފުޅެކެވެ. ރިޓަޔަރ ކުރެއްވިއިރު، 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަނީ ދައުލަތަށް ޚިދުމަތް ކުރައްވައިފައެވެ. އެގޮތުން، ސިފައިންގެ ޚިދުމަތުގައި 39 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރެއްވިއެވެ.
ރައީސް ވަނީ، ޢަބްދުއްޝަކޫރުގެ ޢާއިލާއަށާއި ދިވެހި ސިފައިންނަށާއި ފުލުހުންނަށް ތަޢުޒިޔާ ދަންނަވާފަ އެވެ. އަދި މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ޢަބްދުއްޝަކޫރު ޢަބްދުﷲ ލެހެއްޓެވުން އެދި ރައީސް ވަނީ ދުޢާ ކުރައްވާފައެވެ.