ކުޅިވަރު
އެފްއޭކަޕަށް ތައްޔާރުވާ މާޒިޔާއަށް އޮތީ ޤައުމީ ޓީމުތަކަށް ކުޅުންތެރިން ދޫކޮށްފައިވުމުގެ އުނދަގޫ
މާޒިޔާއިން ދިވެހި ލީގުގެ ތެރެއިން ކުރިޔަށް ގެންދިޔަ ފަރިތަކުރުމެއްގެ ތެރެއިން / ފޮޓޯ: މާޒިޔާ
އަންނަ އެޕްރީލް މަހުގެ 10ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އެފްއޭ ކަޕަށް ތައްޔާރުވަމުންދާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް މިވަގުތު އޮތް އެންމެ ދަތިކަމަކީ، ޤައުމީ ޓީމުތަކަށް ދޫކޮށްފައިވާ ކުޅުންތެރިން ނެތުމުން، ޓީމުގެ ފަރިތަކުރުންތައް ރަނގަޅަށް ކުރިޔަށް ނުގެންދެވުން ކަމުގައި، އެ ޓީމުގެ ހެޑް ކޯޗު އަހުމަދު ސުޒެއިރު ބުނެފިއެވެ.
އެންމެ ފަހުން 2022 ވަނަ އަހަރު ބޭއްވި އެފްއޭ ކަޕް ކާމިޔާބުކޮށްފައިވާ މާޒިޔާއިން ތަށި ދިފާއުކުރުމުގެ އުއްމީދުގައި ތިބިއިރު، 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ޤައުމީ ޓީމަށް އެ ކްލަބުގެ 9 ކުޅުންތެރިއަކު ނަގާފައި ތިއްބެވެ. އަދި ސީނިއަރ ސްކޮޑަށް ވެސް އެ ޓީމުގެ 9 ކުޅުންތެރިއަކު ހޮވުނެވެ.
ނަމަވެސް ޒުވާން ޤައުމީ ޓީމަށް މިހާރު މުބާރާތް ނިމިފައިވާއިރު، އެ ކުޅުންތެރިން ވަނީ ރޭގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ. އަދި ސީނިއަރ ޤައުމީ ސްކޮޑަށް ނެގި ކުޅުންތެރިން އެ ކްލަބާ ގުޅޭނީ، މި މަހުގެ 31 ވަނަ ދުވަހު ކުޅޭ އޭއެފްސީ އޭޝިއަން ކަޕް 2027ގެ ކޮލިފިކޭޝަންގެ މެޗަށްފަހުއެވެ.
އެފްއޭ ކަޕްގެ އެންމެ ކާމިޔާބު ޓީމަކީ ރާއްޖޭގެ ފުޓްބޯޅައިގެ ކުރީގެ އެންމެ ވަރުގަދަ ޓީމު، ނިއުރޭޑިއަންޓެވެ. އެ ކުލަބުން 12 ފަހަރު އެފްއޭ ކަޕް ކާމިޔާބުކޮށް ދެ ފަހަރު ތަށި މިލްކުކުރިއެވެ.
ތިން އަހަރު ދުވަހުގެ މެދު ކެނޑުމަކަށްފަހު އެފްއޭކަޕް އަލުން ބާއްވާއިރު މިއަހަރު ވާދަކުރާނީ 8 ކުލަބަކުންނެވެ. އެއީ ބުލޫ ސްޕޯޓްސް ކްލަބް، އޮޑި ސްޕޯޓްސް ކްލަބް، ކްލަބް އީގަލްސް، ވިކްޓްރީ ސްޕޯޓްސް ކްލަބް، ޓީސީ ސްޕޯޓްސް ކްލަބް، ބުރު ސްޕޯޓްސް ކްލަބް، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް އަދި އެންމެ ފަހުގެ އެފްއޭކަޕްގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބެވެ.