Ads by PNC

ޚަބަރު

ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން އިންސާފުވެރި މިނިވަން އިންތިޚާބަކަށް ފުރުޞަތު ބޮޑުވާނެ: ރައީސް

ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން އިންސާފުވެރި މިނިވަން އިންތިޚާބަކަށް ފުރުޞަތު ބޮޑުވާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ/ފޮޓޯ: ރައީސް އޮފީސް

30 މާރިޗު 2026، 12:43

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން މިހާރަށްވުރެ އިންސާފުވެރި އަދި މިނިވަން އިންތިޚާބަކަށް ފުރުޞަތު ބޮޑުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ޤަބޫލުކުރައްވާ ގޮތުގައި ގިނަ ރައްޔިތުން ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާޢީދުކުރާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބެއްކަމަށް ރައީސް ވިދާޅުވީ، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް އެމަނިކުފާނު ހުށަހަޅުއްވާ ކަންކަމަކީ ސިޔާސީ ކަންކަމަށްނުވާއިރު، އެއީ ގިނަ ރައްޔިތުންނަށް ޤަބޫލުކުރެއްވޭނެ ސަބަބުތަކަށްވާނެތީ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، މިހާރު މިއޮންނަ ނިޒާމުގައި ރައީސަކު އިންތިޚާބުވެވަޑައިގަންނަވާތާ 6 މަސް ފަހުން މަޖިލީހުގެ އިންތިޚާބު ބޭއްވުމުން އެ އިންތިޚާބުގައި ސަރުކާރު ނިސްބަތްވާ ޕާޓީގެ ކެންޑިޑޭޓުންނަށް އެމީހުންނަކީ ސަރުކާރުގެ ކެންޑިޑޭޓުން ކަމުގައި ބުނުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ. ނަމަވެސް، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ރައީސްކަމަށް ހޮވިވަޑައިގަންނަވާ ބޭފުޅަކު ނޭނގޭތީ އެގޮތަށް ބުނުމުގެ ފުރުޞަތު އެއްވެސް ކެންޑިޑޭޓަކަށް ނޯންނާނެކަން ރައީސް  ފާހަގަކުރެއްވިއެވެ.

އަޅުގަނޑު ޤަބޫލުކުރަނީ ސަރުކާރު ކެންޑިޑޭޓު މިގޮތަށް ވަކާލާތުކޮށް، ސަރުކާރު ނުވަތަ ވެރިކަންކުރާ ޕާޓީގެ ހިޔަލުގައި ނިވަލުގައި އެގޮތަށް ގޮސްގެން ކެމްޕެއިންކޮށްގެން ވޯޓު ހޯދަނީ. އެކަމެއް ނެތި ވޯޓުނެގުމުން ވަރަަށް އީވެންލީ ޑިސްޓްރިބިއުޓެޑް ގޮތެއްގައި މަޖިލީހަށް މީހުން ހޮވެނީ. ސުޕަ މެޖޯރިޓީ ނުވަތަ ވަކި ޕާޓީއަކަށް ބުރަވާ ގޮތަކަށް ނޫނޭ. އޭގެ ނަތީޖާއަކަށްވާނީ ސަރުކާރު ޖަވާބުދާރީކުރެވޭ މަޖިލީހެއް ހޮވޭނީ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، މިހާރު މިއޮންނަ ނިޒާމުގެ ތެރޭގައި ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުން އެމީހުންނަކީ ސަރުކާރުގެ ކެންޑިޑޭޓު ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ކެންޑިޑޭޓު ކަމުގައި ބުނެގެން ކެމްޕެއިން ކުރުމަށް ފުރުޞަތު ލިބުމުގެ ސަބަބުން ވަރަށް ބޮޑަށް އަދަލުވެރިކަން ގެއްލިގެންދާކަމަށް ރައީސް ވިދާޅުވިއެވެ. ހަމަ އެއާއެކު، ފާއިތުވި ދުވަސްތަކުގައި އަބަދުވެސް ސަރުކާރު ހިންގާ ޕާޓީއަށް ސުޕަމެޖޯރިޓީ ލިބުނު ނަމަވެސް، ވެރިކަމަށް އަންނަ ޕާޓީ ނޭނގޭ ގޮތަށް ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ގިނަ ޕާޓީތައް ޝާމިލުވާ ގޮތަށް މަޖިލިސް އެކުލަވައިލުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށާއި، އެކި ޕާޓީތަކުގެ މެންބަރުން މަޖިލީހުގައި ތިބުމަކީ ސަރުކާރު ޖަވާބުދާރީކުރުވާ މަޖިލީހަކަށްވުމަށް މަގުފަހިވާނެ ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރިޔާސީ އިންތިޚާބަކީ އެންމެ ގިނަ މީހުން ވޯޓުލާން ނިކުންނަ އިންތިޚާބަށްވީއިރު، ދެ އިންތިޚާބު އެއްދުވަހެއްގަައި ބޭއްވުމަކީ މަޖިލީސް ވޯޓުގައި ގިނަ ރައްޔިތުން ބައިވެރިވުމަށް މަގުފަހިވާނެ ކަމެއް ކަމަށްވެސް  އެމަނިކުފާނު ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450