ދުނިޔެ

އީރާނުން ކުވައިތުގެ ކަރަންޓާއި ފެން އުފައްދާ ކާރުޚާނާއަކަށް ދިން ހަމަލާއެއްގައި މީހަކު މަރުވެއްޖެ

އީރާނުން ކުވައިތުގެ ކަރަންޓާއި ފެން އުފައްދާ ކާރުޚާނާއަކަށް ދިން ހަމަލާއެއްގައި މީހަކު މަރުވެއްޖެ

އިރާނުން ކިވައިތުގެ ކަރަންޓާއި ފެން އުފައްދާ ކާރުޚާނާއަކަށް ހަމަލާދިނުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 މާރިޗު 2026، 12:43

30 މާރިޗު 2026، 12:43

އީރާނުން ކުވައިތުގެ ކަރަންޓާއި ފެން އުފައްދާ ކާރުޚާނާއަކަށް ދިން ހަމަލާއެއްގައި އިންޑިއާގެ މަސައްކަތްތެރިއަކު މަރުވެ، އެ ތަނުގެ އިމާރާތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ ކަމަށް ކުވައިތުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ. 

މި ހަމަލާ ދީފައިވަނީ އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ސަރަހައްދީ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ކުވައިތުގެ މިނިސްޓްރީ އޮފް އިލެކްޓްރިސިޓީން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ކުވައިތަށް އަމާޒުކޮށް އީރާނުން ދެމުންދާ އުދުވާނީ ހަމަލާތަކުގެ ތެރެއިން، ކަރަންޓާއި ފެން އުފައްދާ ކާރުޚާނާގެ ސާވިސް ބިލްޑިންގަކަށް ހަމަލާދީފައިވާ" ކަމަށެވެ. މި ހަމަލާގައި އިންޑިއާގެ މަސައްކަތްތެރިއަކު މަރުވެފައިވާއިރު، އިމާރާތަށް ވަނީ ބޮޑެތި މާއްދީ ގެއްލުންތަކެއް ލިބިފައެވެ. ހަމަލާއާ ގުޅިގެން ކާރުޚާނާގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށާއި ލިބުނު ގެއްލުންތައް މަރާމާތު ކުރުމަށް ފަންނީ ޓީމުތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ސަރަހައްދީ ނުތަނަވަސްކަން އިތުރުވުން
އަލްޖަޒީރާގެ ރިޕޯޓަރު މާލިކް ޓްރައިނާ ކުވައިތު ސިޓީން މައުލޫމާތު ދިން ގޮތުގައި، އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން ވޭތުވެދިޔަ އެއް މަސް ދުވަހުގެ ތެރޭގައި ކުވައިތަށް ވަނީ ތަކުރާރުކޮށް ހަމަލާތައް އަމާޒުވެފައެވެ. އިއްޔެ އިރުއޮއްސުނު ވަގުތުވެސް ކުވައިތުގެ ވައިގެ ސަރަހައްދުން 14 މިސައިލާއި 12 ޑްރޯން ފެނިފައިވާ ކަމަށާއި، އޭގެ ތެރެއިން ބައެއް ޑްރޯންތައް އަސްކަރީ ކޭމްޕަކަށް އަމާޒުވެ 10 ސިފައިން ޒަޚަމްވެފައިވާ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ބުނެއެވެ.

އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 2،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އީރާނުގެ މަސްދަރުތަކުން ބުނެއެވެ. މީގެ ތެރޭގައި އީރާނުގެ ކުރީގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި މަތީ ފަންތީގެ އެތައް އޮފިޝަލުންނެއްގެ އިތުރުން 216 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. މީގެ ބަދަލުހިފުމެއްގެ ގޮތުން އީރާނުން ދަނީ އިސްރާއީލަށާއި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ސަރަހައްދީ ގައުމުތަކަށް ޑްރޯން އަދި މިސައިލް ހަމަލާތައް ދެމުންނެވެ.

ހަނގުރާމައިގެ ސަބަބުން އީރާނުން ވަނީ ދުނިޔޭގެ ތެލާއި ގޭހުގެ 20 އިންސައްތަ ދަތުރުކުރާ ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް އުފުލި، މާލީ ބާޒާރުތަކަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ދޭން ނިންމާފައިވާ ހަމަލާތައް އޭޕްރީލް 6 އާ ހަމައަށް މަޑުޖައްސާލާފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އީރާނުން ބުނެފައިވަނީ އެ ގައުމުގެ ވަސީލަތްތަކަށް ހަމަލާދީފިނަމަ ގަލްފް ސަރަހައްދުގެ ހަކަތަ އުފައްދާ ތަންތަނަށް ހަމަލާދޭނެ ކަމަށެވެ.

މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގައި ފެނުގެ ދަތިކަން އެންމެ ބޮޑު އެއް ސަރަހައްދު ކަމަށްވާ މެދުއިރުމަތީގެ ފެން އުފައްދާ ނިޒާމުތަކަށް އޮތް ނުރައްކާ މިވަނީ ވަރަށް ބޮޑަށް ހާމަވެގެން ގޮސްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450