ޚަބަރު
ކާޑެއްދޫ އެއަރޕޯޓުގެ މަސައްކަތް ނުހުއްޓޭ، އަހަރުގެ މެދުތެރޭގައި މަސައްކަތް ފެށޭނެ: ރައީސް މުޢިއްޒު
ކާޑެއްދޫ އެއަރޕޯޓު
ގދ. ކާޑެއްދޫ އެއަރޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ނިންމާފައިވާ މަޝްރޫޢުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާކަމަށާއި، މިއަހަރުގެ މެދުތެރޭގައި އެ މަސައްކަތުގެ ޢަމަލީ މަސައްކަތް ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކާޑެއްދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް މިހާތަނަށް ބޭނުންވި ބާރުމިނުގައި ކުރިއަށް ގޮސްފައި ނުވަނީ އެންމެ ފީސިބަލް އަދި އެންމެ ރަނގަޅު އިންވެސްޓްމަންޓް މޮޑެލްއެއް ހޯދުމަށް ވަގުތު ހޭދަވުމުން ކަމަށެވެ. މި މަޝްރޫޢަކީ ދަޢުލަތުގެ ސީދާ ބަޖެޓުން ޚަރަދުކުރުމުގެ ބަދަލުގައި، އިންވެސްޓަރ ފައިނޭންސް މޮޑެލްއަށް ކުރިއަށްގެންދާ މަސައްކަތެއްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ މަޝްރޫޢުގެ ޕްލޭނިންގ މަސައްކަތްތައް މިހާރު ނިމުމަކާ ހަމައަށް އައިސްފައިވާ ކަމަށެވެ. "މިއީ ތިނަދުއާއި ހުވަދޫގެ ރައްޔިތުންނަށް އަޅުގަނޑުވީ ވަޢުދެއް. 'ރިއަލިސްޓިކް' ޓަރގެޓްތަކެއް މިދަނީ ކަނޑައެޅެމުން. މިއަހަރުގެ މެދުތެރޭގައި ޢަމަލީ މަސައްކަތް ފެށޭނެ،" ރައީސް ވިދާޅުވިއެވެ.
ކާޑެއްދޫ އެއަރޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ތަރައްޤީކޮށް، ގދ. ތިނަދޫއާއި ކާޑެއްދޫ ބްރިޖަކުން ގުޅާލުމަށް ސަރުކާރުން ނިންމަވާފައިވާކަން ރައީސް އިޢުލާނުކުރެއްވީ މިދިޔަ އަހަރުގެ މޭ މަހުއެވެ. ކުރިން ސަރުކާރުން ވިސްނާފައި އޮތީ ތިނަދޫގައި ވަކި އިންޓަނޭޝަނަލް އެއަރޕޯޓެއް ތަރައްޤީކުރުމަށެވެ. ނަމަވެސް ފަހުން ސަރުކާރުން ނިންމީ ކާޑެއްދޫ އެއަރޕޯޓް ތަރައްޤީކޮށް ބްރިޖަކުން ގުޅާލުމަކީ އެންމެ ފައިދާހުރި ގޮތް ކަމަށެވެ.
1993 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހުޅުވި ކާޑެއްދޫ އެއަރޕޯޓަކީ ހުވަދުއަތޮޅުގައި ހުޅުވި ފުރަތަމަ ޑޮމެސްޓިކް އެއަރޕޯޓެވެ. ތިނަދުއާއި ގާތްގަނޑަކަށް 3.7 ކިލޯމީޓަރު ދުރުގައި އޮންނަ މި އެއަރޕޯޓު މިހާރު ހިންގަމުންދަނީ ވިލާ އެއަރއާ ހަވާލުކޮށްގެންނެވެ.