Ads by PNC

ޚަބަރު

ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން ގާތްގަނޑަކަށް 500 ހެކްޓަރު ހިއްކާ ނިމިއްޖެ: ރައީސް

ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން ގާތްގަނޑަކަށް 500 ހެކްޓަރު ހިއްކާ ނިމިއްޖެ: ރައީސް

ރަސްމާލެ މަޝްރޫޢު/ފޮޓޯ: އެމްއޭސީއެލް

30 މާރިޗު 2026، 01:42

ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން ގާތްގަނޑަކަށް 500 ހެކްޓަރު މިހާރު ހިއްކާ ނިމިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އެއް ސަރަޙައްދަކުން އެންމެ ބޮޑު ޙައްލެއް ލިބޭނެ މަޝްރޫޢަށްވީއިރު، ބޯހިޔާވަހިކަމުގެ މައްސަލައަށް އިންޤިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދަވާ މި މަޝްރޫޢުގައި ބިން ހިއްކަމުންދަނީ އެކި ސަރަޙައްދުތައް، އެކި މަރުޙަލާތަކަށް ބަހާލައިގެންނެވެ. މި މަޝްރޫޢުގެ ދަށުން 1009 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ ތަޞައްވުރާ އެއްގޮތަށް ރަސްމާލޭގެ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށެވެ. އެގޮތުން، ބިން ހިއްކުމުގެ މަސައްކަތްތަކަށް ދުނިޔޭގެ އެންމެ ބޮޑު ދެ ޑްރެޖަރު ބޭނުންކޮށްގެން، 24 ގަޑިއިރު އެ މަސައްކަތް ކުރިއަށްދާއިރު، މިހާރު ޖުމުލަ 3 ޑްރެޖަރު ބޭނުންކުރާކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން އަމާޒު ހިފާފައިވަނީ ކުރިއަށް އޮތް އެޕްރީލްމަހުގެ ނިޔަލަށް ރަސްމާލެ ހިއްކުމަށްކަމަށާއި، އެ އަމާޒަށް މަސައްކަތްތައް ކުރިއަށްގެންދާކަމަށެވެ.

މިހާރުވެސް 500އެއްހާ ހެކްޓަރު ހިއްކާ ނިމިއްޖެ. ދެން ޕްލޭނިންއާއި އިންފްރާސްޓްރަކްޗަރއަށް ބޭނުންވާ މަސައްކަތްތައް ކުރިއަށް އެ ދަނީ. ބޭނުންވަނީ ގެދޮރު ހޯދުމަށް ފޯމު ހުށައަޅަން ހުޅުވާލާފައިވާ މުއްދަތުގެ ކުރިން ބިން ހިއްކުމުގެ މަސައްކަތް ނިންމަން. ކުރީ ސަރުކާރުން ހެދި ގޮތް ނުހަދާނަން.

ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ރަސްމާލެއާއި މާލެއާއި ދެމެދު ދަތުރުކުރާނެ ކަނެކްޓިވިޓީއެއް އެޅުމާ ގުޅޭ ސަރވޭތައް ވެސް މިހާރު ކުރަމުންދާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ހަމަ އެއާއެކު، އެކަމުގެ ފަންނީ އަދި ޓެކްނިކަލް ދިރާސާތައް ކުރިއަށްދާކަމަށާއި ގޮތެއް ނިންމާނީ އެއަށްފަހުކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ  ވިދާޅުވިއެވެ. ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މި ބިޔަ މަޝްރޫޢުގެ ސަބަބުން 65،000 ގެދޮރު ޔަޤީންވެގެންދާނެ ކަމަށް ސަރުކާރުން ހާމަކުރައްވައެވެ. މި މަޝްރޫޢުގެ މުހިންމުކަން ބޮޑުވެފައިވާއިރު، ރަސްމާލެއިން ގޯއްޗާއި ފްލެޓް ދޫކުރުމަށް ސަރުކާރުން މިހާރު ވަނީ އިޢުލާނުވެސް ކުރައްވާފައެވެ.

މި ދައުރު ނިމޭއިރު އަމިއްލަ ބޯހިޔާވަހިކަމެއް ނެތް ހުރިހާ މީހުންނަށް ބޯހިޔާވަހިކަން ހަމަޖައްސަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެއްކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450