ޚަބަރު
މަޖިލީހުގެ މި ދައުރުގެ ތެރޭގައި ރިކޯލް ވޯޓުގެ ބިލު ހުށަހަޅުއްވަން މަސައްކަތްކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
މަޖިލިސް ޖަލްސާ--
މަޖިލީހުގެ މި ދައުރުގެ ތެރޭގައި ރިކޯލް ވޯޓުގެ ބިލު ހުށަހަޅުއްވަން މަސައްކަތްކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޑިމޮކްރެޓިކް ހަމަތަކަށް ބަލާއިރު ރައްޔިތުންގެ ބާރުވެރިކަން އެންމެ ބޮޑުވާ ގޮތަކަށް ވާނީ ރައްޔިތުންގެ މަޖިލީހަށާއި ކައުންސިލްތަކަށް ހޮވޭ މެންބަރުން، ދައުރުގެ ތެރޭގައި ވަކިކުރެވޭނެ ފުރުޞަތު ރައްޔިތުންނަށް ލިބިގެންދިއުންކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ރިކޯލް ވޯޓަކީ ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި ތަންފީޒުކުރަމުންދާ ނިޒާމެއް ކަމަށާއި، ރާއްޖޭގައި އެކަން ފަހިކުރުމުގެ ގޮތުން ފަންނީ މަޝްވަރާތައް ކުރިއަށްދާކަން ރައީސް ހާމަކުރެއްވިއެވެ. މިގޮތުން ރާއްޖޭގެ ޙާލަތައް ރިޢާޔަތްކޮށް އަދި ދުނިޔޭގައި މިކަން ކާމިޔާބުކަމާއެކީ ތަންފީޒުކޮށްފައި ހުރި ޤައުމުތަކުގައި ކަންކުރާ ގޮތް ބައްލަވައި، އެ ބިލު މަޖިލީހަށް ހުށަހަޅުއްވާނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ބެހޭގޮތުން ރައްޔިތުން ނިންމަވާގޮތަކާއި ޕްރިފަރެންޝަލް ވޯޓިންގ ސިސްޓަމު ތަޢާރަފުކުރުމާ ވަރަށް ބޮޑަށް ގުޅޭނެކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އިންތިޚާބުތަކަށް ބަދަލެއް އަންނަ ޙާލަތެއްގައި، އެކަމަކީ ކުރިމަގުގައި ވެރިކަމުގެ ނިޒާމަށް އަންނަ ހީނަރުކަމަކަށް ވާން ބޭނުންފުޅުނުވާ ކަމަށާއި، އިންތިޚާބީ ދެ ބުރުގެ ބަދަލުގައި އެއް ބުރުން ރައީސަކު ހޮވިގެންދާއިރު، އެކަން ދާންޖެހޭނީ އެއާމެދު އެއްވެސް ސުވާލެއް ނުއުފެދޭނޭ ގޮތަށް، ދެފުށްފެންނަ ނިޒާމަކުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ އެހެންމެ، އެފަދަ ނިޒާމެއް ޤާއިމުކުރެވޭނީ، ރައްޔިތުންގެ މެދުގައި އިތުރަށް މަޝްވަރާކުރެވިގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އިންތިޚާބީ މަޤާމުތަކަށް ތަޢުލީމާއި ތަޖުރިބާހުރި މީހުންނަށް އިސްކަންދިނުމަށާއި، ހުރިހާ ގޮތަކުން އެންމެ ޤާބިލު މީހުން ހޮވިގެންއައިސް އެމީހުންނަށް ފުރުޞަތު ލިބުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތްކަމަށެވެ. އަދި އަންހެނުންނާއި ޒުވާނުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް، ގޮތް ނިންމުމުގައި ޝާމިލުކުރުމާމެދު ރައްޔިތުންގެ މެދުގައި މަޝްވަރާ ކުރުމަށް އެމަނިކުފާނު ހިތްވަރުދެއްވާފައިވާއިރު، މަޖިލީހަށް ހޮވޭ މެންބަރުންގެ ތެރެއިން ވަކި އިންސައްތައެއް އަންހެނުންނާއި، ޒުވާނުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަޖެއްސުން ފަދަ މަޝްވަރާއެއް ރައްޔިތުންގެ ފަރާތުން ކުރެވިގެން އައުމަކީ އެދިވަޑައިގަންނަވާ ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދަތުރުފުޅެއް ކުރައްވަން ޖެހިވަޑައިގަތުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން، ނުވަތަ އެ ނޫންވެސް ޝެޑިޔުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރި ނުވާހާ ހިނދަކު، ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ހެނދުނު 10:00 އިން 11:00 އަށް، އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރައްވާނޭކަމަށް ވިދާޅުވެފައެވެ. މިއީ، މިގޮތުން ބޭއްވެވި 3 ވަނަ ބައްދަލުކުރެއްވުމެވެ.