ޚަބަރު
ރައީސުލްޖުމްހޫރިއްޔާ، ބީއެމްއެލްގެ އައު ބްރާންޗު އަދި އަލަށް ޤާއިމުކުރި އޭޓީއެމްތަކުގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވައިފި
ޚިދުމަތް އިފްތިތާޙުކުރުން/ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބޭންކް އޮފް މޯލްޑިވްސްއިން ޤާއިމުކުރި އައު ބްރާންޗް ނެޓްވަރކާއި، އެ ބޭންކުން އަލަށް ޤާއިމުކުރި އޭޓީއެމްތަކުގެ ޚިދުމަތް ބުދަ ދުވަހުގެރޭ އިފްތިތާޙުކޮށްދެއްވައިފިއެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ބީއެމްއެލްގެ އައު ބްރާންޗް ނެޓްވަރކް، 6 ރަށެއްގައި އެއް ވަގުތެއްގައި އިފްތިތާޙުކޮށްދެއްވާފައެވެ. ހަމަ މިއާއެކު، އެ މަނިކުފާނު ވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބީއެމްއެލްއިން އަލަށް ޤާއިމުކުރި 90 އޭޓީއެމްގެ ޚިދުމަތްވެސް އިފްތިތާޙުކޮށްދެއްވާފައެވެ. ބުދަދުވަހުގެރޭ، އެއް ވަގުތެއްގައި އެމަނިކުފާނު އިފްތިތާޙުކޮށްދެއްވީ 70 ޑޮލަރު އޭޓީއެމް އާއި ދިވެހި ރުފިޔާގެ 20 އޭޓީއެމްގެ ޚިދުމަތެވެ.

މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއްދެއްވާ ކަމަކަށްވީއިރު، މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ލިބޭނެގޮތް މަގުފަހިކޮށްދިނުމަށްޓަކައި ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކޮށް، ހުރިހާ ދިވެހި ރައްޔިތުންނަށް ވީހާވެސް ގާތުން، ފަސޭހަކަމާއެކު ބޭންކިންގގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެ މަނިކުފާނު އިސްނަންގަވައިގެން ވަނީ ކާމިޔާބު މަޝްރޫޢެއް ކުރިއަށްގެންދަވާފައެވެ.
އެގޮތުން، އަދުގެ ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދެވުނު "ދިވެހީންގެ ބޭންކް - މުޅި ރާއްޖެއަށް" މަޝްރޫޢު 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ރަސްމީކޮށް ނިންމާލާފައިވާއިރު، މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މަދުވެގެން އެއް ސެލްފް ސަރވިސް ބޭންކިންގ ޔުނިޓް (އޭޓީއެމް) ގެ ޚިދުމަތް ކަށަވަރުކުރުމަށްޓަކައި އެންމެ 9 މަސްދުވަހުގެ ތެރޭގައި ހިންގެވި މުހިންމު މަޝްރޫޢެއްކަން ފާހަގަކޮށްލެވެއެވެ.

އަލަށް ޑޮލަރު އޭޓީއެމްތައް ޤާއިމްކޮށްފައިވާ އަތޮޅުތައް:
- ހއ. އަތޮޅު: 5 ޑޮލަރު އޭޓީއެމް
- ހދ. އަތޮޅު: 5 ޑޮލަރު އޭޓީއެމް
- ށ. އަތޮޅު: 4 ޑޮލަރު އޭޓީއެމް
- ނ. އަތޮޅު: 4 ޑޮލަރު އޭޓީއެމް
- ރ. އަތޮޅު: 6 ޑޮލަރު އޭޓީއެމް
- ބ. އަތޮޅު: 5 ޑޮލަރު އޭޓީއެމް
- ޅ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
- ކ. އަތޮޅު: 10 ޑޮލަރު އޭޓީއެމް
- އއ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
- އދ. އަތޮޅު: 6 ޑޮލަރު އޭޓީއެމް
- ވ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
- ފ. އަތޮޅު: 1 ޑޮލަރު އޭޓީއެމް
- މ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
- ދ. އަތޮޅު: 1 ޑޮލަރު އޭޓީއެމް
- ތ. އަތޮޅު: 4 ޑޮލަރު އޭޓީއެމް
- ލ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
- ގއ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
- ގދ. އަތޮޅު: 3 ޑޮލަރު އޭޓީއެމް
- ޏ. އަތޮޅު: 1 ޑޮލަރު އޭޓީއެމް
- ސ. އަތޮޅު: 5 ޑޮލަރު އޭޓީއެމް
ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، އޭޓީއެމް ޤާއިމުކޮށް، އެ ޚިދުމަތް ލާމަރުކަޒު ކުރުމުގެ ސަބަބުން، ރަށުގައި ތިއްބަވައިގެން ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި، ފައިސާ ޓްރާންސްފަރ ކުރުމާއި، އަދި ކްރެޑިޓް ކާޑާއި ލޯނުތަކަށް ފައިސާ ދެއްކުން ފަދަ ޚިދުމަތްތައް ފަސޭހައިން ލިބޭނެގޮތް މިހާރު ވަނީ ހަމަޖެހިފައެވެ. މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާލާއިރު، 2025 ވަނަ އަހަރު މުޅި އޭޓީއެމް ނެޓްވާރކަށް 17.1 ބިލިއަން ރުފިޔާ ޖަމާކޮށްފައިވާއިރު، އޭޓީއެމްތައް މެދުވެރިކޮށް 8.4 މިލިއަން ރުފިޔާގެ މުޢާމަލާތް ވަނީ ކޮށްފައެވެ.

ބީއެމްއެލްގެ ބްރާންޗް އަދި އޭޓީއެމް ވިއުގަ ފުޅާކޮށް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދަޢުލަތުގެ ވަޒީރުންނާއި، ބީއެމްއެލްގެ އިސްވެރީންނާއި މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ.