Ads by PNC

ޚަބަރު

ކައުންސިލްތަކަކީ ވެރިކަން ހިންގާ ބާރު ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އޮންނަ ބައެއް ނޫން: ރައީސުލްޖުމްހުރިއްޔާ

ކައުންސިލްތަކަކީ ވެރިކަން ހިންގާ ބާރު ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އޮންނަ ބައެއް ނޫން: ރައީސުލްޖުމްހުރިއްޔާ

ރ. މީދޫ ކައުންސިލް / ފޮޓޯ: އަޙްމަދު ސަމީރު

farudhun logo

ފަރުދުން

02 އޭޕްރީލު 2026، 10:04

02 އޭޕްރީލު 2026، 10:04

ރަށު ކައުންސިލްތަކާއި ސިޓީތަކުގެ ކައުންސިލްތަކަކީ ވެރިކަން ހިންގާ ބާރު ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އޮންނަ ބައެއް ނޫންކަމަށް ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، ބުދަ ދުވަހުގެރޭ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އިން އެ ޕާޓީގެ މައި ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލްތަކަކީ ރައްޔިތުންނަށް ޚިދުމަތްކުރުމަށް އިންތިޚާބުކުރާ ފަރާތްތަކެއް ކަމަށާއި، ސަރުކާރުން އެ ރަށެއް ނުވަތަ ސިޓީއެއްގައިކުރާ ކަންކަމަށް އަބަދުވެސް އެއްބާރުލުންދޭނެޖެހޭ އަދި އެ ކަންކަމަށް މަގުފަހިކޮށްދޭނެޖެހޭ ބައެއް ކަމުގައެވެ. 

އަދި ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމު ރޭވިފައި އޮންނަ ގޮތުން، ކައުންސިލްތަކަކީ ވެރިކަން ހިންގާ ބާރުގެ ތެރޭގައި އޮތް ބައެއް ކަމަށާއި، އެއީ ވެރިކަންކުރާ ބާރު ޖަވާބުދާރީ ކުރުވަން އޮންނަ ބައެއް ނޫންކަން ޤަބޫލުކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ތިން ބާރު ވަކިވެފައި މިއޮތީ. އޭގެ ތެރޭގައި މިއޮތީ ވެރިކަންކުރަން އޮންނަ ބާރަކާއި، ޤާނޫނުތައް ހެދުމަށް ނޫނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އޮންނަ ބާރަކާއި، ދެން ޝަރުޢީ ދާއިރާ. މި ތިން ބާރު އޮންނައިރު، މީގެ ތެރެއިން ވެރިކަންކުރާ ބާރުގެ ތެރޭގެ ފަށަލައެއް ކައުންސިލްތަކަކީ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެހެންކަމުން ކައުންސިލްތަކަކީ ރަށްރަށުގައި ސަރުކާރުން ހިންގާ މަޝްރޫޢުތަކަށް އެއްބާރުލުން ދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާން ޖެހޭ ފާރާތްތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި މި ނިޒާމު މިހެން ބައްޓަންވެފައި އޮންނައިރު، ކައުންސިލް މެންބަރުންނަކީ ސަރުކާރާ އިދިކޮޅު ޕާޓީގެ މެންބަރުންނަށް ވެއްޖެނަމަ، މީގެ ދެ އަހަރެއްހާ ދުވަސްފަހުން ރިޔާސީ އިންތިޚާބު އޮންނައިރު، އިދިކޮޅު ކެންޑިޑޭޓުންގެ އެންގުމާ އެއްގޮތަށް އެ ވިސްނުމުގެ ކައުންސިލަރުން މަސައްކަތް ކުރާނީ ރަށްރަށުގައި މަސައްކަތްތައް ހިނގިޔަ ނުދޭން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެ ކައުންސިލްގެ މެންބަރުން އެއީ ސަރުކާރާ އިދިކޮޅު ޕާޓީގެ މެންބަރުންނަމަ، އަދި ކުރިޔަށް އޮތް ދެއަހަރާބައިގެ މުއްދަތެއްގައި ރިޔާސީ އިންތިޚާބު އޮތްއިރު، އިދިކޮޅު ޕާޓީގެ ރިޔާސީ ކެނޑިޑޭޓުން ވިދާޅުވާ ގޮތަކަށް މަސައްކަތްކުރާ ބަޔަކު ކައުންސިލްގައި ތިބިނަމަ ކިހިނެއްތޯ ވާނީ. އެ މަސައްކަތް އެތާ ހިނގިޔަ ނުދޭންނުންތޯ އެ މީހުން މަސައްކަތް ކުރާނީ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ޙާލަތަށް ރިޢާޔަތްކޮށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިދިކޮޅު މެންބަރުން ކައުންސިލްގައި ތިބިނަމަ ކަންކަން ވިޔަނުދޭން މަސައްކަތް ކުރާނީ، މަޝްރޫޢުތައް ރަނގަޅަށް ހިނގާނަމަ އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓަށް އެ ކަމުގައި ހުރަހެއް އެޅި، ވޯޓު ނުލިބިދާނެތީ ކަމަށެވެ. އެހެންކަމުން 2028ގެ ރިޔާސީ އިންތިޚާބުގައި އެ ޕާޓީތަކަށް އެންމެ ފައިދާ ވާނީ މި ސަރުކާރަށް ކަންކަން ނުވާކަން ދައްކައިގެންކަމަށް ވާތީ، އެ ބޭފުޅުން މަސައްކަތް ކުރާނީ އެ ވިސްނުމުގައިކަމަށާއި، އަދި މަސައްކަތް ކުރައްވާނީވެސް އެހެންކަމަށް ރައީސް ވިދާޅުވިއެވެ. 

އެހެންކަމުން، އިދިކޮޅު ޕާޓީތަކުގެ ކެނޑިޑޭޓުން ކައުންސިލްތަކަށް ގެނައުމަކީ އެ ރަށެއްގެ ތަރައްޤީއަށް އެޅިގެންދާނެ ހުރަހެއްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އަދި ޚާއްޞަކޮށް ގިނަ ބަޔަކު ދިރިއުޅެމުންދާ މާލޭގައި ހިންގުމަށް އެ މަނިކުފާނު ވެވަޑައިގެންނެވި ވަޢުދުތައް ފުއްދުމަށް ސަރުކާރުން ކުރަންހުރި ކަންކަމަށް ބަލާއިރު، އެންމެ ބޮޑު އެއްބާރުލުމެއް ދޭންޖެހޭ އިދާރާއަކީ މާލޭ ސިޓީ ކައުންސިލް އިދާރާކަމުން، އެ ސިޓީގެ މޭޔަރަކަށް މޫސާ ޢަލީ ޖަލީލް ހޮއްވަވަން ޖެހޭ މުހިންމު ކަންކަން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަކުރެއްވި އެއް ކަމަކީ އެ މަނިކުފާނުގެ އިޚްލާސްތެރިކަމެވެ. އެއީ ޤައުމީ ވިސްނުން އުތުރިއަރާ، އެކަން ދިވެހި ރައްޔިތުންނަށް ދައްކުވައިދީފައިވާ ޤައުމީ ބަޠަލެއްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450