ދުނިޔެ

އީރާނުގެ ހަމަލާތަކުގައި ކުވައިތުގެ ކަރަންޓާއި ފެން އުފައްދާ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

އީރާނުގެ ހަމަލާތަކުގައި ކުވައިތުގެ ކަރަންޓާއި ފެން އުފައްދާ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

އީރާނުން ކުވައިތަށް ހަމަލާދިނުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 އޭޕްރީލު 2026، 05:22

05 އޭޕްރީލު 2026، 05:22

އީރާނުން ދެމުންދާ ޑްރޯން ހަމަލާތަކެއްގައި ކުވައިތުގެ ކަރަންޓާއި ފެން އުފައްދާ ދެ މަރުކަޒަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ތެޔޮ ރިފޭނަރީއެއްގައި އަލިފާން ރޯވެފައިވާ ކަމަށް އެ ގައުމުން ހާމަކޮށްފިއެވެ.

 މި ހަމަލާތަކަކީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް އީރާނުން ދެމުންދާ ހަމަލާތަކުގެ ބައެކެވެ.

ކުވައިތުގެ މިނިސްޓްރީ އޮފް އިލެކްޓްރިސިޓީ، ވޯޓަރ އެންޑް ރިނިއުވަބަލް އެނާޖީގެ ތަރުޖަމާނު ފާތިމާ އައްބާސް ޖޯހަރް ހަޔާތު ވިދާޅުވި ގޮތުގައި، ރޭގެ ވަގުތެއްގައި ދިން މި "ޖިނާއީ އުދުވާނުގެ" ސަބަބުން ދެ ޕްލާންޓަކަށް ބޮޑެތި މާއްދީ ގެއްލުންތަކެއް ލިބި، ކަރަންޓު އުފައްދާ ދެ ޔުނިޓެއް ވަނީ ހުއްޓިފައެވެ. މީގެ އިތުރުން ޝުވައިޚް ތެޔޮ ސަރަހައްދަށާއި ސަރުކާރުގެ އޮފީސް ކޮމްޕްލެކްސްއަކަށް ވެސް މި ހަމަލާތަކުގައި ގެއްލުން ލިބިފައިވެއެވެ.

ކުވައިތުން ރިޕޯޓްކުރާ ގޮތުގައި މިއީ އެ ގައުމުގެ އާންމު ޚިދުމަތްތަކަށް ދެވުނު ވަރަށް ނުރައްކާތެރި ހަމަލާއެކެވެ. ކުވައިތުގައި ބޯފެން ބޭނުންކުރާ މިންވަރުގެ 90 އިންސައްތަ އަކީ މިފަދަ ފެން އުފައްދާ މަރުކަޒުތަކުން އުފައްދާ ފެން ކަމަށްވުމުން، މިއީ ގައުމުގެ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ. ކުވައިތުގެ އިތުރުން ޔޫއޭއީ އަކީ ވެސް ފާއިތުވި ދުވަސްތަކުގައި އީރާނުގެ ހަމަލާތައް އެންމެ ބޮޑަށް އަމާޒުވި ގައުމުތަކެވެ.

ބަހްރޭނަށް ވެސް އާދީއްތަ ދުވަހު އީރާނުގެ ޑްރޯން ހަމަލާތަކެއް ވަނީ އަމާޒުވެފައެވެ. ބަހްރޭންގެ ގަލްފް ޕެޓްރޯކެމިކަލް އިންޑަސްޓްރީޒް ކުންފުންޏާއި ގައުމީ ތެޔޮ ކުންފުނި ބަޕްކޯ އެނާޖީސްގެ ވަސީލަތްތަކަށް ހަމަލާދީފައިވާ އިރު، ބައެއް ތަންތަނުގައި ރޯވި އަލިފާން މިހާރު ވަނީ ކޮންޓްރޯލްކޮށްފައެވެ. މި ހަމަލާތަކާ ގުޅިގެން ބަހްރޭނުން ވަނީ ވައިގެ ހަމަލާތަކުން ރައްކާތެރިވުމަށް ގޮވާ ސައިރަން ވެސް ޖަހާފައެވެ.

އަބޫދާބީގެ ބޮރޫޖް ޕެޓްރޯކެމިކަލް ޕްލާންޓަށް ވެސް ހަމަލާތަކުގެ ބައިތައް ވެއްޓި އަލިފާނުގެ ހާދިސާތަކެއް ހިނގާފައިވާ އިރު، އެ ތަނުގެ މަސައްކަތްތައް މިހާރު ވަނީ މެދުކަނޑާލާފައެވެ. ސައުދީ އަރަބިއްޔާއިން ވެސް ވަނީ އާދީއްތަ ދުވަހުގެ ފަތިހު އެ ގައުމަށް އަމާޒުވި މިސައިލްތަކެއް ހުއްޓުވާފައެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އީރާނުން ހަމަލާދެނީ ހަމައެކަނި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ކަމަށް ބުނި ނަމަވެސް، ފާއިތުވި ފަސް ހަފުތާގެ ތެރޭގައި ގަލްފުގެ ގައުމުތަކުގެ އާންމު ވަސީލަތްތަކަށް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ. އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދޭ ހަމަލާތައް ވަރުގަދަކޮށްފި ނަމަ، ގަލްފުގެ ގައުމުތަކުގެ މިފަދަ މުހިންމު ބިނާތަކަށް ދޭ ހަމަލާތައް އިތުރުވެގެންދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450