ދުނިޔެ

އެމެރިކާއާއި އީރާނުގެ ސުލްޙައިގެ މަޝްވަރާތައް ޕާކިސްތާނުގައި ފަށައިފި

އެމެރިކާއާއި އީރާނުގެ ސުލްޙައިގެ މަޝްވަރާތައް ޕާކިސްތާނުގައި ފަށައިފި

އެމެރިކާއާއި އީރާނުގެ ސުލްޙައިގެ މަޝްވަރާތައް ފެށުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

11 އޭޕްރީލު 2026، 07:13

11 އޭޕްރީލު 2026، 07:13

ހަ ހަފުތާއަށް ދިގުދެމިގެންދިޔަ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަޤްޞަދުގައި، އެމެރިކާއާއި އީރާނާ ދެމެދު ކުރެވޭ ސީދާ ސުލްޙައިގެ މަޝްވަރާތައް ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި މިހާރު ވަނީ ފަށާފައެވެ. މި މަޝްވަރާތަކަކީ މުޅި ސަރަޙައްދުގެ މަސްލަޙަތާ ގުޅިފައިވާ ނާޒުކު ބައްދަލުވުންތަކެކެވެ.

އެމެރިކާގެ މަތީ ފަންތީގެ ވަފުދު މި މަޝްވަރާތަކުގައި އިސްކޮށް ތަމްސީލުކުރައްވަނީ ނައިބު ރައީސް ޖޭ.ޑީ ވޭންސްއެވެ. މީގެ އިތުރުން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފްއާއި ޖެރެޑް ކުޝްނަރ ވެސް މި ވަފުދުގައި ހިމެނިވަޑައިގަންނަވައެވެ.

އީރާނުގެ ފަރާތުން މި ބައްދަލުވުންތަކުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ އެ ޤައުމުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޤާލީބާފްއާއި ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީއެވެ. އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ބުނެފައިވާ ގޮތުގައި، ގާތްގަނޑަކަށް 70 މެންބަރުންގެ މައްޗަށް އެކުލެވޭ އީރާނުގެ ވަފުދުގައި އިޤްތިޞާދީ، ސަލާމަތީ އަދި ސިޔާސީ ދާއިރާގެ ފަންނީ މާހިރުން ހިމެނެއެވެ. މިފަދަ ފުޅާ ވަފުދެއް ފޮނުވުމަކީ މި މަޝްވަރާތަކަށް އީރާނުން ދޭ އަހައްމިއްޔަތު ހާމަވާ ކަމެއް ކަމަށް އެ އެޖެންސީން ފާހަގަކުރެއެވެ.

މި މަޝްވަރާތަކުގެ މެދުވެރިއެއްގެ ދައުރު އަދާކުރަނީ ޕާކިސްތާނުންނެވެ. ޕާކިސްތާނަކީ ދެ ޤައުމާ އެކުވެސް ރަނގަޅު ގުޅުމެއް އޮންނަ، އަދި އެމެރިކާގެ އަސްކަރީ މަރުކަޒެއް ނެތް ނަމަވެސް އެމެރިކާއާ އަސްކަރީ ގުޅުން ބަދަހި ޤައުމަކަށް ވުމުން، ދެ ފަރާތުގެ އިތުބާރު ވެސް ޕާކިސްތާނަށް އެބައޮތެވެ.

ނަމަވެސް، މި މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނެރެވިދާނެކަމާ މެދު ސިޔާސީ މާހިރުން ސުވާލު އުފައްދަވައެވެ. މީގެ އެންމެ ބޮޑު ސަބަބަކީ، ޙަމަލާތައް ހުއްޓާލަން އެއްބަސްވި ފަހުން ވެސް ޔަހޫދީން ލުބްނާނަށް ދެމުންދާ ނިރުބަވެރި ޙަމަލާތަކެވެ. އީރާނުން ބުނާ ގޮތުގައި ޙަމަލާ ހުއްޓާލުމުގެ އެއްބަސްވުމުގައި ލުބްނާނު ހިމެނޭ ނަމަވެސް، އެމެރިކާއިން ދަނީ އެކަމަށް ދެކޮޅު ހަދަމުންނެވެ. އީރާނުން ތުހުމަތުކުރާ ގޮތުގައި ލުބްނާނަށް ދޭ ޙަމަލާތަކަކީ މަޝްވަރާތަކަށް ހުރަސްއެޅުމަށް ޔަހޫދީން ރާވައިގެން ހިންގާ ހީލަތްތެރި އަމަލުތަކެކެވެ.

މަޝްވަރާތަކަށް އޮތް އަނެއް ބޮޑު ގޮންޖެހުމަކީ އެމެރިކާއަށް އީރާނުން ކުރާ އިތުބާރު ކުޑަވުމެވެ. މީގެ ކުރިން ވެސް ނިއުކްލިޔަރ ޕްރޮގްރާމާ ގުޅޭގޮތުން މަޝްވަރާ ކުރެވެމުންދަނިކޮށް، ފެބްރުއަރީ 28 ގައި ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނަށް ޙަމަލާދީފައިވެއެވެ. އަދި މިދިޔަ އަހަރުގެ ޖޫން މަހު ވެސް މަޝްވަރާތައް ކުރިއަށް ދަނިކޮށް އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް އެމެރިކާއިން ޙަމަލާދީފައިވާތީ، މިފަހަރުގެ މަޝްވަރާތަކުގެ ނަތީޖާއާމެދު ވަނީ ބޮޑެތި ޝައްކުތަކެއް އުފެދިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450