ކުޅިވަރު
އެފްއޭ ކަޕް: ފަހުގެ ޗެމްޕިއަނުން ކަޓުވާލުމަށްފަހު ބުރު ސެމީއަށް
މެޗު ކާމިޔާބުކުރުމަށްފަހު ބުރު ސްޕޯޓްސްއިން އުފާފާޅުކުރަނީ / ފޮޓޯ: އެފްއޭއެމް
އެފްއޭ ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކަޓުވާލުމަށްފަހު، މުބާރާތުގެ ސެމީ ފައިނަލްގެ ފަހު ޖާގަ ބުރު ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.
މިއީ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށް ޕެނަލްޓީ ޖަހައިގެން ލިބުނު ނާކާމިޔާބީއަށްފަހު މާޒިޔާއަށް ލިބިގެންދިޔަ އިތުރު ހިތްދަތިކަމެކެވެ.
މި މުބާރާތަށް މާޒިޔާ ނިކުތީ އެ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރި، އަހުމަދު ސުޒެއިރު (ކޮއްކޮ)ގެ އިރުޝާދުގެ ދަށުންނެވެ. އެއީ މާޒިޔާއަށް މި ސީޒަނުގައި އިރުޝާދުދިން ސްޕެއިނުގެ ކޯޗު ލުއިސްމާ ހެނާންޑޭޒްގެ ކޮންޓްރެކްޓް ހަމަވުމާ ގުޅިގެން އޭނާ އެ ޓީމުން ދޫކޮށްލާފައިވުމުންނެވެ.
ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލީޑު ނެގީ މާޒިޔާއިންނެވެ. އެއީ އަނިޔާގެ ސަބަބުން އަރާމުކުރުމަށްފަހު ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުތް ހަމްޒާ މުޙައްމަދު (ހަމްޕު) ކާމިޔާބު ކުރި ޕެނަލްޓީއަކުން، މެޗުގެ 50ވަނަ މިނެޓުގައެވެ.
އަދި އޭގެ 12 މިނެޓު ފަހުން މުޙައްމަދު އިލާން އިމްރާން ކާމިޔާބުކުރި ގޯލަކާއެކު މާޒިޔާއިން އެ ޓީމުގެ ލީޑު ފުޅާކުރިއެވެ.
ނަމަވެސް އެ ގޯލަށް ފަހު މާޒިޔާއަށް ފަރުވާ ކުޑަކޮށްލެވުމުގެ ބޭނުން ހިފައި، ބުރު ސްޕޯޓްސްއިން ވަނީ 2 މިނެޓުގެ ތެރޭގައި 2 ގޯލު ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
އެ ޓީމުގެ ފުރަތަމަ ގޯލު ޢަލީ ހަމްދާން ދިން ބޯޅައަކުން ކާމިޔާބުކުރީ ޤާސިމް ޠާއިފްއެވެ. އަދި އެ ޓީމުން ނަތީޖާ ހަމަހަމަކުރީ އަބްދުالله ޔާމީން ނަގައިދިން ކޯނަރަކުން ބިދޭސީ ޑިފެންޑަރު އަލާ ނާސިރުއެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި މާޒިޔާގެ ކެޕްޓަން ސަމޫޙް އަލީ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިންނެވެ. އަދި އެ ޓީމުގެ ޕޯޗުގީސް ޑިފެންޑަރު، ލުއިސް އަލްމައިޑާ ޖެހި ޕެނަލްޓީ ބުރުގެ ކީޕަރު، އަރުޝަން މަތަކުރިއިރު، ހުސެއިން ސިފާއު (ކުރޯ) ފޮނުވާލި ޕެނަލްޓީ ދިޔައީ ބޭރަށެވެ.
ބުރުން ޕެނަލްޓީ ނާކާމިޔާބުވީ، ޢަލީ ހަމްދާންއަށާއި، ޝަމްވީލް މުހައްމަދުއަށެވެ. މި ދެ ޕެނަލްޓީ ވެސް މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފް (ހުސެން) ވަނީ މަތަކޮށްފައެވެ. މީގެ ތެރެއިން، ޝަމްވީލްއަށް ލިބުނު ޕެނަލްޓީއަކީ ބުރު މޮޅުކޮށްދޭން ލިބުނު ފުރުސަތެކެވެ. ބުރުން ޕެނަލްޓީތައް ކާމިޔާބުކުރީ، އަލާ، އަޙުމަދު އަބްދުﷲ (ލިލީ)، ޢަބްދުﷲ ޔާމީން (ޔާނު)، ޑިއާނޭ، ހަޑްސަން ޑިއާޒް އަދި، މުހައްމަދު ނައިސަމް ނަދީމްއެވެ.
އެފްއޭ ކަޕްގެ ސެމީއިން ދެން ޖާގަ ހޯދާފައި ވަނީ ނިއު ރޭޑިއަންޓާއި ބްލޫ ސްޕޯޓްސް އަދި ޓީސީ ސްޕޯޓްސް ކްލަބެވެ.