ދުނިޔެ

އީރާނާއި އެމެރިކާގެ ސުލްޙައިގެ މަޝްވަރާތައް ނާކާމިޔާބުވެ، އެމެރިކާގެ ވަފުދު އެނބުރި ގައުމަށް ހިނގައްޖެ

އީރާނާއި އެމެރިކާގެ ސުލްޙައިގެ މަޝްވަރާތައް ނާކާމިޔާބުވެ، އެމެރިކާގެ ވަފުދު އެނބުރި ގައުމަށް ހިނގައްޖެ

ޕާކިސްތާނުގައި ބޭއްވުނު މަޝްވަރާގެ ތެރެއިން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 އޭޕްރީލު 2026، 10:16

12 އޭޕްރީލު 2026، 10:16

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި އީރާނާއި އެމެރިކާއާ ދެމެދު 21 ގަޑިއިރަށް ދެމިގެންދިޔަ މަތީ ފަންތީގެ ސުލްޙައިގެ މަޝްވަރާތައް އެއްވެސް އެއްބަސްވުމަކާ ހަމައަށް ނާދެވި ނާކާމިޔާބުވުމާ ގުޅިގެން، އެމެރިކާގެ ވަފުދު އެނބުރި ގައުމަށް ފުރައިފިއެވެ.

ޞަހްޔޫނީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުން ދިޔަ ހަނގުރާމަ މެދުކަނޑައިލުމަށްފަހު، މި މަޝްވަރާތައް އިސްލާމްއާބާދުގައި ފަށާފައި ވަނީ މި އެޕްރީލު މަހުގެ 11 ވަނަ ދުވަހުއެވެ. ނަމަވެސް، މި ބައްދަލުވުންތައް ނާކާމިޔާބުވުމާއެކު، ހުޅަނގު އޭޝިޔާ ސަރަޙައްދުގައި ސުލްޙަޤާއިމުކުރުމަށް އޮތް އުންމީދުތައް ފަނޑުވެ، އެޕްރީލް 7 ވަނަ ދުވަހު ދެ ފަރާތުން އިޢުލާނުކުރި "ޙަމަލާ ބަދަލުކުރުން ދެ ހަފުތާއަށް މެދުކަނޑައިލުމުގެ އެއްބަސްވުމުގެ" މުސްތަޤުބަލާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.

މި މަޝްވަރާތަކާ ގުޅޭގޮތުން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވީ، ވާހަކަތައް ހުއްޓުމަކަށް އައީ ނިއުކްލިޔަރ ހަތިޔާރު ނުއުފައްދާނެ ކަމުގެ ޔަގީންކަން ދިނުމަށް އީރާނުން އިންކާރު ކުރުމުން ކަމަށެވެ. އެހެންނަމަވެސް، އީރާނުން މިކަން ދޮގުކުރެއެވެ. އީރާނުން ބުނި ގޮތުގައި މަޝްވަރާތައް ކުރިއަށް ނުދިޔައީ އެމެރިކާއިން ކުރިމަތިކުރި ބޮޑާ އަދި ހަރުކަށި ޝަރުޠުތަކުގެ ސަބަބުންނެވެ.

މި މަޝްވަރާތަކަކީ 1979 ވަނަ އަހަރުގެ އީރާންގެ އިސްލާމީ އިންޤިލާބަށްފަހު، ދެ ޤައުމުގެ މެދުގައި މިހާތަނަށް ބޭއްވުނު އެންމެ މަތީ ފަންތީގެ ބައްދަލުވުމެވެ. މި ބައްދަލުވުމުގައި އީރާން ތަމްސީލު ކުރެއްވީ އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފީއާއި ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީއެވެ. އެމެރިކާގެ ވަފުދުގައި ނައިބު ރައީސް ވޭންސްގެ އިތުރުން، ހުޅަނގު އޭޝިޔާއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ސްޓީވް ވިޓްކޮފާއި ޖެރަޑް ކުޝްނަރ ބައިވެރިވެވަޑައިގަތެވެ.

މަޝްވަރާގެ މައިގަނޑު ޝަރުޠުތަކުގެ ތެރޭގައި، ހަނގުރާމަ ފެށުމާއެކު އީރާނުން ބަންދުކުރި ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވައިލުމާއި، އެމެރިކާއިން ހިފަހައްޓާފައިވާ އީރާނުގެ މުދަލާއި ފައިސާ ދޫކޮށްލުން ހިމެނެއެވެ. މީގެ އިތުރުން، ލުބްނާންގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ނަސްލުހޭދުކުރުމުގެ ޤަތުލުޢާންމު ހުއްޓުވުމަށް އީރާނުން ބާރުއެޅިއެވެ. ނަމަވެސް، ޔަހޫދީން ވަނީ މަޝްވަރާތަކަށް ހުރަސްއެޅުމުގެ ނިޔަތުގައި ލުބްނާނަށް ދެމުންދާ ނިރުބަވެރި ޙަމަލާތައް ކުރިއަށް ގެންގޮސްފައެވެ.

މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މި މަޝްވަރާތައް ފޭލުވުމުގެ އެންމެ ބޮޑު ސަބަބަކީ ދެ ފަރާތުގެ މެދުގައި އޮތް އިތުބާރުގެ ކުޑަކަމެވެ. އެމެރިކާއާއި ޞަހްޔޫނީން ފެށި މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރައި، ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450