ކޮލަމް / ދުނިޔެ
ޤާނޫނީ އަދި މާލީ ނާޒުކު ކަންކަމުގައި އޭއައި ބޭނުންކުރުމުގައި ސަމާލުވުމަށް މާހިރުން އިލްތިމާސްކޮށްފި
އޭއައި މެދުވެރިކޮށް ރިސަރޗް ހަދަނީ
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ނުވަތަ ރޮބޮޓް ސޮފްޓްވެއަރތައް އާންމު ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައިވާއިރު، ޤާނޫނީ، ސިއްޙީ އަދި މާލީ ފަދަ ނާޒުކު ދާއިރާތަކުން ލަފާ ހޯދުމަށް މިފަދަ ވަސީލަތްތައް ބޭނުންކުރުމުގައި ވަރަށް ބޮޑަށް ސަމާލުވުމަށް ކަމާބެހޭ މާހިރުން އިންޒާރު ދީފިއެވެ.
އެމެރިކާގެ ޤާނޫނީ މާހިރުން ވިދާޅުވާ ގޮތުގައި، ޗެޓްޖީޕީޓީ ނުވަތަ ކްލޯޑް ފަދަ އޭއައި ޓޫލްތަކަކީ ސިއްރު ހިފެހެއްޓޭނެ ނުވަތަ އިތުބާރު ހިފޭ މަޞްދަރުތަކެއްގެ ގޮތުގައި ބަލައިގެން ނުވާނެއެވެ. ޚާއްޞަކޮށް ޤާނޫނީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ފަދަ ކަންކަމުގައި މިފަދަ ވަސީލަތްތަކަށް ބަރޯސާވުމަކީ ނުރައްކާތެރި ކަމެއް ކަމަށް އެ ފަރާތްތަކުން ފާހަގަކުރެއެވެ.
މި ކަންބޮޑުވުންތައް އިތުރަށް ބޮޑުވެގެން ދިޔައީ، ނިއުޔޯކްގެ ފެޑަރަލް ފަނޑިޔާރަކު ދާދި ފަހުން ނެރުއްވި އަމުރަކާ ގުޅިގެންނެވެ. އެ އަމުރުގައި ވަނީ އޮޅުވާލައިގެން މާލީ މުޢާމަލާތްތައް ހިންގި ކަމުގެ ތުހުމަތު ކުރެވޭ ކުރީގެ ސީއީއޯއަކު، އޭނާގެ އޭއައި ޗެޓްބޮޓާ ދެއްކި ވާހަކަތައް ޕްރޮސެކިއުޓަރުންނަށް ސިއްރު ނުކުރެވޭނެ ކަމަށް ކަނޑައަޅާފައެވެ. މިއީ ޖިނާއީ އަދި މަދަނީ މައްސަލަތަކުގައި ވެސް އޭއައިއާ ދައްކާ ވާހަކަތައް ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެކަން ހާމަވެގެންދިޔަ ނިންމުމެކެވެ.
ޤާނޫނީ ވަކީލުން ފާހަގަކުރާ ގޮތުގައި، ވަކީލަކާއި މުވައްކިލަކާ ދެމެދު އޮންނަ ސިއްރު ހިފެހެއްޓުމުގެ ޙައްޤު ، އޭއައި ސިސްޓަމްތަކާ ދައްކާ ވާހަކަތަކަކަށް ނުލިބެއެވެ. މީގެ މާނައަކީ އޭއައި ޗެޓްބޮޓަކާ ހިއްސާކުރާ ކޮންމެ މަޢުލޫމާތަކީ އިދިކޮޅު ފަރާތްތަކަށް ނުވަތަ ތަޙުޤީޤީ އިދާރާތަކަށް ހޯދިދާނެ މަޢުލޫމާތެކެވެ. މި ސަބަބަށްޓަކައި ދުނިޔޭގެ ބޮޑެތި ލޯ ފާމްތަކުން މިހާރު ވަނީ މިފަދަ ވަސީލަތްތައް ބޭނުންކުރުމުގައި ހިއްސާކުރާ މަޢުލޫމާތު މަދުކުރުމަށް އިރުޝާދު ދީފައެވެ.
މީގެ އިތުރުން، އޭއައި ބޭނުންކޮށްގެން ތައްޔާރުކުރާ ޤާނޫނީ ލިޔެކިޔުންތަކުގައި ނެތް މައްސަލަތަކުގެ ހަވާލާދީ އޮޅުވާލުންތައް ހުންނަކަން ވެސް ކޯޓުތަކުން ވަނީ ފާހަގަކޮށްފައެވެ. ކޯޓުތަކުން ކަނޑައަޅާފައިވަނީ އޭއައި އަކީ އެހީތެރިވެދޭ ވަސީލަތެއް ކަމަށާއި، އެއީ ޤާނޫނީ ލަފާދޭ މުޝީރެއް ނޫން ކަމަށެވެ.
އޭއައި އުފައްދާ ކުންފުނިތައް ކަމަށްވާ އޯޕަން އޭއައި އަދި އެންތުރޮޕިކް އިން ވެސް ބުނެފައިވަނީ، ބޭނުންކުރާ ފަރާތްތަކުގެ މަޢުލޫމާތު ހިއްސާކުރެވިދާނެ ކަމަށާއި، ނާޒުކު ކަންކަމުގައި އަބަދުވެސް އެ ދާއިރާއެއްގެ ފަންނީ މާހިރުންގެ ލަފާ ހޯދުމަކީ މުހިންމު ކަމެއް ކަމަށެވެ.