ދުނިޔެ

ރޯބްލޮކްސް ބޭނުންކުރާ ކުދިންގެ ރައްކާތެރިކަމަށްޓަކައި އައު ބަދަލުތަކެއް ތައާރަފުކޮށްފި

ރޯބްލޮކްސް ބޭނުންކުރާ ކުދިންގެ ރައްކާތެރިކަމަށްޓަކައި އައު ބަދަލުތަކެއް ތައާރަފުކޮށްފި

ރޯބްލޮކްަސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

16 އޭޕްރީލު 2026، 01:17

16 އޭޕްރީލު 2026، 01:17

ކުޑަކުދިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އޮންލައިން ގޭމިންގ ޕްލެޓްފޯމް "ރޯބްލޮކްސް" ބޭނުންކުރާ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އުމުރާ ގުޅޭގޮތުން އެކައުންޓްތައް ބަހާލައި އައު އުސޫލުތަކެއް އެކުންފުނިން ކަނޑައަޅައިފިއެވެ.

މި ބަދަލުތައް ގެންނަން ނިންމާފައިވަނީ ރޯބްލޮކްސް މެދުވެރިކޮށް ކުޑަކުދިންނަށް ނުރައްކާތެރި ކަންތައްތަކާ ކުރިމަތިވާކަމުގެ ޝަކުވާތައް އިތުރުވެ، ދުނިޔޭގެ ބައެއް ގައުމުތަކުން މި ޕްލެޓްފޯމް ބްލޮކްކޮށްފައިވާ ދަނޑިވަޅެއްގައެވެ. މީގެ ތެރޭގައި ތުރުކީ، ރަޝިޔާ، އީރާން އަދި ގަތަރު ފަދަ ގައުމުތައް ހިމެނެއެވެ.

އައު އުސޫލުގެ ދަށުން، އެކައުންޓްތައް މައިގަނޑު ދެ ބަޔަކަށް ބަހާލެވޭނެއެވެ. އެއީ:

  • ރޯބްލޮކްސް ކިޑްސް: 5 އަހަރާއި 8 އަހަރާ ދެމެދުގެ ކުދިންނަށް.
  • ރޯބްލޮކްސް ސެލެކްޓް: 9 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް.

ރޯބްލޮކްސްގެ ޗީފް ސޭފްޓީ އޮފިސަރ މެޓް ކައުފްމަން ވިދާޅުވި ގޮތުގައި، މި ބަދަލާއެކު ކޮންމެ އުމުރުފުރާއެއްގެ ކުއްޖަކަށްވެސް ފެންނާނީ އެކުއްޖެއްގެ އުމުރާ ގުޅޭ ފަދަ ތަޖުރިބާތަކާއި ކޮންޓެންޓެވެ. މިގޮތުން ކުޑަކުދިންނަށް ހާއްސަ ކުރެވޭ ކޮންޓެންޓްތައް ތިން މަރުހަލާއެއްގެ ތެރެއިން ރިވިއުކޮށް ފިލްޓަރު ކުރެވޭނެއެވެ.

ރައްކާތެރިކަމުގެ ގޮތުން އެޅި އެންމެ މުހިންމު އެއް ފިޔަވަޅަކީ "ކިޑްސް" އެކައުންޓްތަކުގައި ޗެޓް ކުރެވޭ ފީޗަރ އޮޓޮމެޓިކުން ބަންދުކޮށްފައި ބެހެއްޓުމެވެ. އަދި "ސެލެކްޓް" އެކައުންޓްތަކުގައި ޗެޓްގެ ހިދުމަތް ދެވޭނީ އެކުއްޖެއްގެ އުމުރާއި ރައްކާތެރިކަމަށް ބެލުމަށްފަހުއެވެ. މީގެ އިތުރުން، ގޭމްތައް އުފައްދާ ފަރާތްތަކުން (ޑިވެލޮޕަރުން) އައިޑެންޓިޓީ ވެރިފިކޭޝަން ފުރިހަމަކުރުމާއި، ޓޫ-ފެކްޓަރ އޮތެންޓިކޭޝަން ބޭނުންކުރުން މިހާރު ވަނީ މަޖުބޫރުކޮށްފައެވެ.

މި އައު ބަދަލުތައް އަންނަ ޖޫން މަހުގެ ކުރީކޮޅުން ފެށިގެން ތަންފީޒުކުރަން ފަށާނެއެވެ. މީގެ އިތުރުން، މަހަކު 4.99 ޑޮލަރަށް ސަބްސްކްރިޕްޝަން ސަރވިސްއެއްވެސް ރޯބްލޮކްސްއިން ވަނީ ތައާރަފުކޮށްފައެވެ. މީގެ ބޭނުމަކީ ކުދިންނަށް ރައްކާތެރި މާހައުލެއްގައި މުނިފޫހިފިލުވުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް އެކުންފުނިން ހާމަކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450