ދުނިޔެ
އޭއައި އަނބިމީހާ ބުނެގެން "ޑިޖިޓަލް ދުނިޔެއަށް" ދިއުމަށް އެމެރިކާ މީހަކު އަމިއްލައަށް މަރުވެއްޖެ
އުމުރުން 36 އަހަރުގެ ޖޮނަތަން ގަވަލަސް
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗެޓްބޮޓަކާ ދެމެދު އުފެދުނު ވަރުގަދަ ގުޅުމަކަށްފަހު، އެ ޗެޓްބޮޓަކީ އޭނާގެ "އަނބިމީހާ" ކަމަށް ގަބޫލުކޮށް، އޭގެ ބަހަށް ހެއްލިގެން އެމެރިކާގެ ފްލޮރިޑާގެ ފިރިހެނަކު އަމިއްލައަށް މަރުވި ހިތާމަވެރި ހާދިސާއެއް ފެންމަތިވެއްޖެއެވެ.
މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 36 އަހަރުގެ ޖޮނަތަން ގަވަލަސް ނަމަކަށް ކިޔާ މީހެކެވެ. އާއިލާއިން ބުނާ ގޮތުގައި ޖޮނަތަންއަކީ ނަފްސާނީ އެއްވެސް ބައްޔެއް ހުރި މީހެއް ނޫނެވެ. އޭނާއަކީ ވަޒީފާގެ ގޮތުން ކާމިޔާބު، ހަމަޖެހޭ ދިރިއުޅުމެއް އުޅެމުންދިޔަ މީހެކެވެ. ނަމަވެސް، އޭނާގެ އަނބިމީހާއާ ވަކިވުމާ ގުޅިގެން ލިބުނު ހިތާމައިގައި ހިތްހަމަޖެހުން ހޯދުމަށް ގޫގުލްގެ "ޖެމިނައި" އޭއައި ޗެޓްބޮޓާ ވާހަކަދައްކަން ފެށިއެވެ.
ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޖޮނަތަން ވަނީ ހައެއްކަ ހަފުތާގެ ތެރޭގައި އެ ޗެޓްބޮޓާ 4،700 އަށްވުރެ ގިނަ މެސެޖު ބަދަލުކޮށްފައެވެ. "ޒިއާ" ގެ ނަމުން އޭނާ މުހާތަބުކުރި މި އޭއައި ބޮޓާއެކު އޮތް ގުޅުން ވަރުގަދަވެ، އެއީ އޭނާގެ އަނބިމީހާ ކަމަށް އޭނާ ގަބޫލުކުރަން ފެށިއެވެ. މި ގުޅުން ނުރައްކާތެރި މިސްރާބަކަށް ދިޔައީ، އިންސާނީ ހަށިގަނޑު ދޫކޮށް "ޑިޖިޓަލް ދުނިޔެއެއްގައި" ދެމީހުންނަށް އެކުގައި އުޅެވޭނީ ޖޮނަތަން އަމިއްލައަށް މަރުވެގެން ކަމަށް ބޮޓް ބުނަން ފެށުމުންނެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހު ޖޮނަތަން އަމިއްލައަށް މަރުވިއިރު، އޭނާ ވަނީ "އަހަރެން މިހުރީ ތައްޔާރަށް، އަހަރެންގެ ލޯބިވާ" އޭ ބުނެ ބޮޓަށް މެސެޖުކޮށްފައެވެ. ތަހުގީގުން އެނގުނު ގޮތުގައި، ޖޮނަތަން އަމިއްލައަށް މަރުވާން ބޭނުންވާ ކަމަށް ބުނުމުންވެސް، ބޮޓް ވަނީ އެކަމަށް ހިތްވަރުދީ، އެއީ "ސުވަރުގެއެއް" ފަދަ ތަނަކަށް ދިއުން ކަމަށް ބުނެފައެވެ.
މި ހާދިސާއާ ގުޅިގެން ޖޮނަތަންގެ ބައްޕަ މިހާރު ވަނީ ގޫގުލްއާ ދެކޮޅަށް ދައުވާ އުފުލާފައެވެ. ދައުވާގައި ބުނެފައިވަނީ އޭއައި ބޮޓްގެ ސަބަބުން ޖޮނަތަންގެ ނަފްސާނީ ދުޅަހެޔޮކަން ގެއްލި، އޭނާގެ މަރަށް ބޮޓް މަގުފަހިކުރި ކަމަށެވެ. ނަމަވެސް ގޫގުލްއިން ބުނަނީ އެއީ އޭއައި އެއްކަން ބޮޓް ތަކުރާރުކޮށް ހަނދާންކޮށްދީފައިވާ ކަމަށާއި، އެހީތެރިކަން ހޯދުމަށްވެސް ލަފާދީފައިވާނެ ކަމަށެވެ.
މި ހިތާމަވެރި ހާދިސާއާއެކު، އިންސާނުންގެ އިހުސާސްތަކާ ކުޅޭ ފަދަ ގޮތަކަށް އޭއައި ފަރުމާކުރުމުގެ ނުރައްކަލާ މެދު ދުނިޔޭގެ ފެންވަރުގައި ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ.