ޚަބަރު
10 ދުވަހުން ގާދިއްފުށީގެ 11 ހެކްޓަރުގެ ބިން ހިއްކާ ނިންމާލައިފި
ގާދިއްފުށީ ބިން ހިއްކާ ނިމިފައި. ފޮޓޯ: އެމްޕީ ހަނާން
ތ. ގާދިއްފުށީގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން އެ ރަށުގެ 11 ހެކްޓަރުގެ ބިން ހިއްކާ މުޅިން ނިންމާލައިފިއެވެ.
މިކަން ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ގާދިއްފުށީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މި ހިނގާ އޭޕްރިލް މަހުގެ 10 ވަނަ ދުވަހުއެވެ. ރައީސް ޑރ. މުޢިއްޒު ވިދާޅުވި ގޮތުގައި، ސަރުކާރުން އަމާޒުހިފި ގޮތަށް އެ މަސައްކަތް މިވަނީ އެންމެ 10 ދުވަހުގެ ތެރޭގައި ނިންމާލެވިފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރަކީ އިންތިޚާބުތަކާ ދިމާކޮށް ނުވަތަ އިންތިޚާބުގެ ނަތީޖާއަކަށް ބަލައިގެން މަޝްރޫޢުތައް ހިންގާނެ ސަރުކާރެއް ނޫން ކަމަށެވެ. އެމަނިކުފާނު މިސާލެއްގެ ގޮތުން ދެއްކެވީ މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ގާދިއްފުށީ ކައުންސިލްގެ ބައި-އިލެކްޝަނެވެ. އެ އިންތިޚާބުގައި ސަރުކާރު ހިންގާ ޕީއެންސީއަށް އެންމެ ގޮނޑިއެއްވެސް ނުލިބުނު ނަމަވެސް، ރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
"އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް، ރަށްރަށުގައި ހިންގަން ޖެހޭ މަޝްރޫޢުތައް ކުރިއަށް ގެންދާނަން،" ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ ގާދިއްފުށީގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލުމަކީ އޭގެ ހެއްކެއް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން 11 ހެކްޓަރުގެ ބިން ހިއްކުމަށް 390،000 ކޮޑިމީޓަރުގެ ވެލި ބޭނުންކޮށްފައިވެއެވެ. ބިން ހިއްކުމުގެ އިތުރުން، ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން 100 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓަރއަކާއި، 704 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓެއްގެ އިތުރުން 100 މީޓަރުގެ ގްރޮއިންއެއް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢު ނިމުމާއެކު ގާދިއްފުށީގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބި، ރަށުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.