Ads by Farudhun

ޚަބަރު

މޮރޮކޯގައި އޮންނަ ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލް ކުރުމުގެ ފުރުސަތު ހުޅުވާލައިފި

މޮރޮކޯގައި އޮންނަ ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލް ކުރުމުގެ ފުރުސަތު ހުޅުވާލައިފި

މޮރޮކޯގައި ބޭއްވި ޤުރުއާން މުބާރާތެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 އޭޕްރީލު 2026، 07:36

21 އޭޕްރީލު 2026، 07:36

މޮރޮކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަގުވާމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިރާއްޖެއަށް ލިބިފައިވާތީ، އެ މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ ބައިވެރިން ހޮވުމަށް ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުން ފުރުސަތު ހުޅުވާލައިފިއެވެ.

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ، މި އޮގަސްޓު މަހުގެ 10 ވަނަ ދުވަހު މޮރޮކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ރާއްޖެއަށް ލިބިފައިވާ ކަމަށެވެ. މި މުބާރާތުގެ ދެ ކެޓެގަރީއެއްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާއިރު، ކޮންމެ ކެޓެގަރީއަކުން އެއް ބައިވެރިއަކު ބައިވެރިކުރުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގެ ކެޓެގަރީތައް

މި މުބާރާތުގައި ހިމެނޭ ފުރަތަމަ ކެޓެގަރީއަކީ މުޅި ގުރްއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމާއެކު، ގުރްއާނުގެ 9 ވަނަ ފޮތާއި 10 ވަނަ ފޮތުން ކަނޑައެޅޭ އާޔަތްތަކެއްގެ ތަފްސީރު ކިޔުމުގެ ބައެވެ. ދެވަނަ ކެޓެގަރީއަކީ ވިދިވިދިގެން ގުރްއާނުގެ ފަސް ހިޒްބު (2 ފޮތާއި ބައި ފޮތް) ތަޖުވީދުގެ ހަމަތަކާއެކު ތަރުތީލުކޮށް ނުބަލައި ކިޔެވުމުގެ ބައެވެ.

މި މުބާރާތަކީ ދެ ޖިންސުގެ ފަރާތްތަކަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މުބާރާތެކެވެ. މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކޮންމެ ކެޓެގަރީއަކުން އެއް ބައިވެރިއަކު ހޮވާނީ ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުން ބާއްވާ އިމްތިހާނަކަށް ފަހުގައެވެ.

ކީރިތި ގުރްއާނާބެހޭ ގައުމީ މަރުކަޒުން އިތުރަށް ވިދާޅުވީ، އުމުރުން 18 އަހަރު ނުވާ ބައިވެރިއެއް، ނުވަތަ އަންހެން ބައިވެރިއެއް ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ ފަރާތެއް މުބާރާތަށް ދިއުމަށް ހޮވިއްޖެނަމަ، އެ ބައިވެރިޔަކާ އެކުގައި އެއް ބެލެނިވެރިޔަކު ގެންދިޔުމަށް ބޭނުންވާ އިންތިޒާމް މުބާރާތް ބާއްވާ ފަރާތުން ހަމަޖައްސައިދޭނެ ކަމަށެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މެއި މަހުގެ 5 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ކަނޑައެޅިފައިވާ ގޫގުލް ފޯމު ފުރިހަމަކޮށް ހުށަހެޅުމަށް އެ މަރުކަޒުން ވަނީ އެދިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450