ދުނިޔެ

އެމެރިކާގެ ނިއުކްލިއަރ އަދި އެއަރޯސްޕޭސް ސައިންސްވެރިންތަކެއް މަރުވެ، ބައެއް މީހުން ގެއްލިއްޖެ

އެމެރިކާގެ ނިއުކްލިއަރ އަދި އެއަރޯސްޕޭސް ސައިންސްވެރިންތަކެއް މަރުވެ، ބައެއް މީހުން ގެއްލިއްޖެ

ގެއްލިފައި އަދި މަރުވެފައި ބައެއް ސައިންސްވެރިން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 އޭޕްރީލު 2026، 06:41

25 އޭޕްރީލު 2026، 06:41

އެމެރިކާގެ ގައުމީ ސަލާމަތާ ގުޅުންހުރި ނިއުކްލިއަރ އަދި އެއަރޯސްޕޭސް ދާއިރާގެ އެންމެ އިސް 11 ސައިންސްވެރިއަކު ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ކުއްލި ގޮތަކަށް މަރުވެ ނުވަތަ ގެއްލިފައިވާ މައްސަލަ އެމެރިކާގެ ސަރުކާރުން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާތަކާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަމުންދަނީ، މިއީ އީރާނުގެ ނިއުކްލިއަރ ސައިންސްވެރިންނަށް އަމާޒުކޮށް އިޒްރޭލުން ދެމުންދާ ފަދަ ނުރައްކާތެރި ހަމަލާތަކެއްގެ ފެށުންތޯއެވެ.

2010 ވަނަ އަހަރުން ފެށިގެން އިޒްރޭލުން ވަނީ އީރާނުގެ ނިއުކްލިއަރ މަޝްރޫއުތައް ހުއްޓުވުމަށްޓަކައި އެ ގައުމުގެ 20 އަށްވުރެ ގިނަ ސައިންސްވެރިން މަރާލާފައެވެ. އިޒްރޭލުގެ ވިސްނުމަކީ ހަތިޔާރާއި ވަސީލަތްތައް އަލުން ހޯދިދާނެ ކަމަށާއި، ނަމަވެސް ތަޖުރިބާކާރު ސައިންސްވެރިން (ހިއުމަން ކެޕިޓަލް) އަކީ ފަސޭހައިން ބަދަލު ކުރެވޭނެ އެއްޗެއް ނޫން ކަމެވެ. މިހާރު މިފަދަ ބިރުވެރިކަމެއް އެމެރިކާގެ ސައިންސްވެރިންނަށް ވެސް ވަނީ ކުރިމަތިވެފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދި ފަހުން ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވީ، މިއީ ވަރަށް "ސީރިއަސް" މައްސަލައެއް ކަމަށެވެ.

މިއީ އިއްތިފާގެއް ކަމަށް އުންމީދު ކުރަން، ނަމަވެސް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އަސްލު ހަގީގަތް އެނގޭނެ،

ޓްރަމްޕް 

 ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލީވިޓް ވެސް ވަނީ އެފް.ބީ.އައި އާއި އެނަރޖީ ޑިޕާޓްމަންޓް ގުޅިގެން މި ހުރިހާ ހާދިސާތަކެއްގެ މެދުގައި ގުޅުމެއްވޭތޯ ބަލަމުންދާކަން ކަށަވަރުކޮށްދެއްވާފައެވެ.

މިގޮތުން ގެއްލުނު ނުވަތަ މަރުވި ސައިންސްވެރިންގެ ތެރޭގައި:

މޮނިކާ ޖަސިންތޯ ރޭޒާ: ނާސާގެ ޖޭ.ޕީ.އެލް ގައި މަސައްކަތްކުރި އެއަރޯސްޕޭސް އިންޖިނިއަރެކެވެ. ޖޫން 2025 ގައި އޭނާ ގެއްލުނީ ފަރުބަދައަކަށް އަރަން އުޅުމުގެ ތެރޭގައި، އެކުގައި ހުރި މީހާގެ ލޯމަތިން ކުއްލިއަކަށެވެ.

ކާލް ގްރިލްމަޔަރ: ކެލްޓެކްގެ މަޝްހޫރު އެސްޓްރޯފިޒިސިސްޓެކެވެ. އޭނާ މަރާލާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހު އޭނާގެ ގޭގައެވެ.

އޭމީ އެސްކްރިޖް: އެންޓި-ގްރެވިޓީއާ ބެހޭ ދިރާސާތައް ކުރަމުންދިޔަ މި ސައިންސްވެރިޔާ މަރުވުމުގެ ކުރިން ވަނީ ބަޔަކު އޭނާއަށް ނަފްސާނީ ގޮތުން ބިރުދައްކަމުންދާ ކަމަށް ބުނެފައެވެ.

ނޫނޯ ލޮރޭރޯ: އެމް.އައި.ޓީ ގެ ފިއުޝަން ސެންޓަރުގެ ޑައިރެކްޓަރެވެ. އޭނާ ގަޔަށް ބަޑިޖަހާ މަރާލާފައިވަނީ މިދިޔަ ޑިސެމްބަރު މަހުއެވެ.

ހައުސް އޯވަރސައިޓް ކޮމިޓީގެ މުގައްރިރު ޖޭމްސް ކޯމަރ ވިދާޅުވީ، މިއީ ގައުމީ ސަލާމަތާ ގުޅުންހުރި ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި، މިކަމުގެ ފަހަތުގައި ނުރައްކާތެރި ރޭވުމެއް އޮތް ކަމަށް ބެލެވޭ ކަމަށެވެ. މިހާތަނަށް މި ހުރިހާ ކަމެއް ގުޅުވައިދޭ ހެކި ނެތް ނަމަވެސް، މި ހުރިހާ ސައިންސްވެރިންނަކީ ވެސް އެމެރިކާގެ އެންމެ ނާޒުކު އަދި ސިއްރު މަޝްރޫއުތަކުގައި މަސައްކަތްކުރި މީހުންނެވެ.

މި މައްސަލައިގެ ސަބަބުން އެމެރިކާގެ ސައިންސްވެރިންގެ މެދުގައި ބޮޑު ބިރުވެރިކަމެއް ވަނީ އުފެދިފައެވެ. ސުވާލަކީ، ޗައިނާ، ރަޝިޔާ ނުވަތަ އީރާނު ފަދަ އެމެރިކާގެ ވާދަވެރި ގައުމަކުން އެމެރިކާގެ އެންމެ މުހިންމު ސިކުނޑިތައް ނައްތާލުމުގެ ކެމްޕޭނެއް ފެށީބާވައެވެ؟ އެމެރިކާ ފަދަ ވަރުގަދަ ގައުމަކަށް އެ ގައުމުގެ އެންމެ މުހިންމު ސައިންސްވެރިން ރައްކާތެރި ނުކުރެވޭނަމަ، މިއީ މުޅި ދުނިޔެއަށް ވެސް އޮތް ބިރެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450