ދުނިޔެ
ޗައިނާއިންވެސް ސައިންސްވެރިންތަކެއް ކުއްލި ގޮތަކަށް މަރުވެ ގެއްލެމުންދާތީ ބޮޑެތި ސުވާލުތަކެއް އުފެދިއްޖެ
ޑިފެންސް ޓެކްނޮލޮޖީގެ ސައިންސްވެރިއާ ފެންގް ޔަންގްހޭ
ޗައިނާއާއި އެމެރިކާގެ ނިއުކްލިއާ ރިސާޗް، އާޓިފިޝަލް އިންޓެލިޖެންސް އަދި ޖައްވީ ދިރާސާތަކާ ގުޅުންހުރި މުހިންމު ސައިންސްވެރިންތަކެއް ކުއްލި ގޮތަކަށް މަރުވުމާއި ގެއްލެމުންދާ މައްސަލައެއް ފެންމަތިވެ، ބައިނަލްއަގުވާމީ ސަމާލުކަން މިކަމަށް ހުއްޓިއްޖެއެވެ.
ޗައިނާގެ ހާލަތު: ސިއްރު މަރުތަކެއް
ޗައިނާގެ ނުފޫޒުގަދަ ނުވަ ސައިންސްވެރިއަކު ފާއިތުވި ދުވަސްތަކުގައި މަރުވެފައިވާއިރު، މީގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ޑިފެންސް ޓެކްނޮލޮޖީގެ މާހިރު ފެންގް ޔަންގްހޭ އެވެ. ޖުލައި 2023 ގައި ބެއިޖިންގްގައި ހިނގި ކާރު އެކްސިޑެންޓެއްގައި އޭނާ މަރުވީ ފަތިހު 2:35 ގައި މަސައްކަތުގެ ބައްދަލުވުމެއް ނިންމާފައި ދަނިކޮށް ކަމަށް ރަސްމީ އިދާރާތަކުން ބުނެއެވެ. އޭނާ އަކީ ތައިވާނަށް އަރައިގަތުމާ ގުޅޭ ސިމިއުލޭޝަންތަކެއް ތައްޔާރުކުރަމުންދިޔަ މީހެކެވެ.
ފެންގްގެ މަރާ މެދު ސުވާލު އުފެދުނީ އޭނާގެ ތައުޒިޔާގެ ބަޔާނުގައި "ދައުލަތުގެ ވާޖިބު އަދާކުރުމުގެ ތެރޭގައި ގުރުބާންވި" ކަމަށް ލިޔެފައި އޮތުމުންނެވެ. މީގެ އިތުރުން، އާންމު ރައްޔިތުން ވަޅުނުލާ ފަދަ ޝަރަފުވެރި ގަބުރުސްތާނެއްގައި އޭނާ ވަޅުލާފައިވުމަކީ ވެސް ޝައްކުތައް އިތުރުވި ކަމެކެވެ.
މީގެ އިތުރުން ޖައްވީ މާހިރު ޒަންގް ޒިއާއޯޝިން އާއި، ކެމިސްޓް ޒޫ ގުއަންގްޔަންގެ އިތުރުން ހައިޕަރސޮނިކް ހަތިޔާރުގެ ދާއިރާގައި މަސައްކަތްކުރާ ޔަން ހޮންގް އާއި ފަންގް ޑައިނިންގް ވެސް ވަނީ ކުއްލި ގޮތަކަށް މަރުވެފައެވެ.
އެމެރިކާގެ ހާލަތު: ގެއްލެމުންދާ ސައިންސްވެރިން
އެމެރިކާގައި ވެސް ނިއުކްލިއާ ސިއްރުތަކާއި ރޮކެޓް ޓެކްނޮލޮޖީގެ ދާއިރާގެ 11 ސައިންސްވެރިއަކު ވަނީ ގެއްލިފައެވެ. މީގެ ތެރޭގައި ރިޓަޔާޑް އެއާފޯސް ޖެނެރަލް ވިލިއަމް ނީލް މެކްކަސްލޭންޑް ހިމެނެއެވެ. އޭނާ ގެއްލުނީ ފޯނު ވެސް ގޭގައި ބާއްވާފައި، މީހަކަށް ނުފެންނާނެ ގޮތަށް އުޅެނިކޮށް ކަމަށް އޭނާގެ އަންހެނުން ރިޕޯޓުކޮށްފައިވެއެވެ.
މެކްކަސްލޭންޑާ ގުޅުންހުރި އެހެން ބައެއް ސައިންސްވެރިން ވެސް ވަނީ އެކި ސަރަހައްދުތަކުން ގެއްލިފައެވެ. އޭގެ ތެރޭގައި ރޮކެޓް އިންޖީނަށް ބޭނުންވާ މެޓަލް އުފެއްދި މޮނިކާ ޖަސިންތޯ ރޭޒާ އާއި، ނިއުކްލިއާ ހަތިޔާރުގެ ބައިތައް އުފައްދާ މަރުކަޒުގައި މަސައްކަތްކުރި ސްޓީވެން ގާސިއާ ހިމެނެއެވެ.
ރައީސް ޓްރަމްޕްގެ ބަސްފުޅު އަދި ތަހުގީގު
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ މިއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މިކަމުގެ ހަގީގަތް އެނގިގެންދާނެ ކަމަށެވެ. "މިއީ އިއްތިފާގެއް ކަމަށް އުއްމީދު ކުރަން، އެކަމަކު މި މީހުންނަކީ ގައުމަށް ވަރަށް މުހިންމު ބައެއް،" ޓްރަމްޕް ވިދާޅުވިއެވެ.
ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލީވިޓް ހާމަކުރެއްވި ގޮތުގައި، އެފް.ބީ.އައި އާއި ކަމާގުޅޭ އެހެން އިދާރާތައް ގުޅިގެން މި ހުރިހާ މައްސަލަތަކެއް އެއްކޮށް ދަނީ ތަހުގީގު ކުރަމުންނެވެ. ގާނޫނު ހަދާ މަޖިލީހުގެ ކޮމިޓީތަކުން ވެސް ދަނީ މި މަރުތަކާއި ގެއްލުމުގެ ހާދިސާތަކަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ބަލައި، އިތުރު ތަފުސީލު ހޯދުމަށް މަސައްކަތް ކުރަމުންނެވެ.