ދުނިޔެ

ގެއްލުނު ނުވަތަ މަރުވި ސައިންސްވެރިންގެ އާއިލާތަކުން ހަގީގަތާ ހިލާފު ވާހަކަތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފި

ގެއްލުނު ނުވަތަ މަރުވި ސައިންސްވެރިންގެ އާއިލާތަކުން ހަގީގަތާ ހިލާފު ވާހަކަތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފި

ގެއްލިފައި އަދި މަރުވެފައިވާ ބައެއް ސައެންސްވެރިން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 އޭޕްރީލު 2026، 07:36

25 އޭޕްރީލު 2026، 07:36

އެމެރިކާގެ ނާޒުކު ދިރާސާތަކާ ގުޅުންހުރި މަދުވެގެން 10 ސައިންސްވެރިންނާއި މުވައްޒަފުން މަރުވުމާއި ގެއްލުމާ ގުޅިގެން، އިންޓަނެޓްގައި ފެތުރެމުންދާ ތަފާތު ތިއަރީތަކުގެ ސަބަބުން އެ މީހުންގެ އާއިލާތަކަށް ބޮޑެތި ނަފްސާނީ އަސަރުތަކެއް ކުރަމުންދާކަން ހާމަވެއްޖެއެވެ. މި ހާދިސާތަކާ ގުޅިގެން އެމެރިކާގެ ފެޑަރަލް އިންވެސްޓިގޭޓަރުންނާއި ކޮންގްރެސްގެ ކޮމިޓީތަކުން މިހާރު ދަނީ ތަހުގީގުތައް ހިންގަމުންނެވެ.

މިދިޔަ ފެބުރުއަރީ މަހު ކެލިފޯނިއާގެ ލާނޯގައި ހުންނަ އަމިއްލަ ގޭގައި ބަޑިން ހަމަލާދީ މަރާލި މަޝްހޫރު އެސްޓްރޮނޯމަރ ކާލް ގްރިލްމަޔާގެ އަންހެނުން ލުއީޒް ގްރިލްމަޔާ ބުނި ގޮތުގައި، އޭނާގެ ފިރިމީހާގެ މަރާ ގުޅުވައިގެން ދައްކާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް "ބޭކާރު" ވާހަކަތަކެކެވެ. ކާލް މަރާލި ކަމުގެ ތުހުމަތުގައި ފްރެޑީ ސުނައިޑަރ ކިޔާ 29 އަހަރުގެ މީހަކު ހައްޔަރުކޮށް، އޭނާގެ މައްޗަށް މަރުގެ ދައުވާ އުފުލާފައިވީ ނަމަވެސް، އިންޓަނެޓްގައި ބައެއް ފަރާތްތަކުން ދަނީ މިއީ ސިއްރު ރޭވުމެއްގެ ދަށުން ހިނގި ކަމެއް ކަމަށް ބުނަމުންނެވެ.

ލުއީޒް ބުނި ގޮތުގައި އޭނާގެ ފިރިމީހާ މަރާލީ ބަދަލުހިފުމުގެ ގޮތުންނެވެ. މީގެ މަސްތަކެއް ކުރިން ފްރެޑީ އެ ސަރަހައްދުގައި ބަޑި ހިފައިގެން އުޅުމުން، އަވަށްޓެރިއަކު ފުލުހުންނަށް ރިޕޯޓްކުރި ކަމަށާއި، ނަމަވެސް އެއީ ކާލް ކުރި ކަމެއް ކަމަށް ފްރެޑީއަށް ހީވީ ކަމަށް ލުއީޒް ކިޔައިދިނެވެ.

މި ލިސްޓުގައި ހިމެނޭ އެންމެ މަތީ ފަންތީގެ މީހަކީ އެމެރިކާގެ އެއަރ ފޯސްގެ ރިޓަޔަރޑް ޖެނެރަލް ވިލިއަމް ނީލް މެކްކަސްލެންޑެވެ. އޭނާ ގެއްލިފައިވަނީ ނިއު މެކްސިކޯގައި ހުންނަ އޭނާގެ ގެއިންނެވެ. އޭނާގެ އަންހެނުން ސޫޒަން ބުނި ގޮތުގައި ޖެނެރަލް ގެއްލުނީ އަމިއްލައަށް ކަމަށް ބެލެވޭ ހެކިތައް އެބަހުއްޓެވެ. އޭނާ ގެއިން ނުކުމެގެން ދިޔައީ ފޯނު ނިއްވާލައި ބާއްވާފައެވެ. އަދި ފަހަކަށް އައިސް އޭނާގެ ހަނދާން ބަލިވުމާއި ނިދިނައުމުގެ މައްސަލަތައް ހުރި ކަމަށާއި، ބަލިވެ އިތުރަށް ހާލު ދެރަވާނަމަ ދިރިއުޅެން ބޭނުންނުވާ ކަމަށް ބުނެފައިވާ ކަމަށްވެސް ސޫޒަން ހާމަކުރިއެވެ.

މީގެ އިތުރުން ގެއްލުނު ނުވަތަ މަރުވި މީހުންގެ ތެރޭގައި ލޮސް އަލާމޮސް ނޭޝަނަލް ލެބޯޓްރީގެ އެޑްމިނިސްޓްރޭޓިވް އެސިސްޓަންޓް މެލިސާ ކަސިއަސް އާއި، އެމްއައިޓީގެ ފިޒިސިސްޓް ނޫނޯ ލޮރެއިރޯ ފަދަ ބޭފުޅުން ހިމެނެއެވެ. ނޫނޯ މަރާލާފައިވަނީ އޭނާގެ ކްލާސްމޭޓެއް ކަމަށާއި، އެމީހާ އެކަމަށް އިއުތިރާފުވެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ސައިންސްގެ ދާއިރާގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މީހުން އުޅޭއިރު، ތަފާތު ސަބަބުތަކާ ހުރެ މަދު ބަޔަކު މަރުވުމަކީ އިއްތިފާގެއް ކަމަށް މާހިރުން ބުނެއެވެ. ނަމަވެސް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަދަ ސިޔާސީ ބޭފުޅުން މިކަމާ ބެހޭގޮތުން ވާހަކަދެއްކެވުމުން، ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުން ވަނީ އިތުރުވެފައެވެ.

މަރުވި ސައިންސްވެރިންގެ އާއިލާތަކުން ބުނަނީ މިފަދަ ވާހަކަތަކަކީ މަރުވި މީހުންގެ ހަނދާނަށް ކުރެވޭ އިހާނެތްތެރިކަމެއް ކަމަށެވެ. އެ މީހުން އެދެނީ އެ މީހުންގެ އާއިލާގެ މެންބަރުން ކުރި އިލްމީ މަސައްކަތްތަކާއި، އެ މީހުންގެ ހުރި ރަނގަޅު ސިފަތަކުގެ މަތިން ހަނދާން ކުރުމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450