ދުނިޔެ
ވައިޓް ހައުސްގެ ފަރިއްކޮޅުގައި ހިންގި ބަޑީގެ ހަމަލާގެ ތުހުމަތުކުރެވޭ މީހާގެ ފޮޓޯ ޓްރަމްޕް އާންމުކުރައްވައިފި
ބަޑީގެ ހަމަލާތައް ދިން މީހާ ފޮޓޯ: ޓްރުތް މީޑިއާ
ވައިޓް ހައުސްގެ ކޮރެސްޕޮންޑެންޓުންގެ އަހަރީ ފަރިއްކޮޅާ ދިމާކޮށް ހިންގި ބަޑީގެ ހަމަލާގެ ތުހުމަތުކުރެވޭ މީހާގެ ފޮޓޯ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާންމުކުރައްވައިފިއެވެ.
ޓްރަމްޕް މި ފޮޓޯ އާންމުކުރައްވާފައިވަނީ އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ "ޓްރުތް ސޯޝަލް" ގައެވެ. މި ފޮޓޯއާއެކު މި މައްސަލައަށް ވަނީ ބައިނަލްއަގުވާމީ ބޮޑު ސަމާލުކަމެއް ލިބިފައެވެ.
ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތު ދޭ ގޮތުގައި، މި ހަމަލާދޭން މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވެނީ އެމެރިކާގެ ކެލިފޯނިއާއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ފިރިހެނަކަށެވެ. ފުރަތަމަ ލިބުނު ރިޕޯޓްތައް ބުނާ ގޮތުގައި، އެ މީހާ ބަޑިޖަހަން މަސައްކަތް ކޮށްފައިވަނީ ފަރިއްކޮޅު ބޭއްވި ތަނާ ގާތްގަނޑަކަށް 15 ޔާޑު ދުރުގައި ހުރެގެންނެވެ.
މި ހާދިސާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ހަމަލާދިން މީހާގެ ވަކި ހާއްސަ އަމާޒެއް ހުރި ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް، މި ހަމަލާއާއި އީރާނާ ނުވަތަ ބައިނަލްއަގުވާމީ އެއްވެސް މައްސަލައަކާ ގުޅުމެއް އޮތް ކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ފެނިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ހަމަލާ ދޭން މެދުވެރިވި އަސްލު ސަބަބު ދެނެގަތުމަށްޓަކައި އޮފިޝަލުން ދަނީ ތަހުގީގު ކުރަމުންނެވެ. މި ހާދިސާއާ ގުޅިގެން، އެމެރިކާގެ ސިޔާސީ ބޮޑެތި ހަރަކާތްތަކާއި މަތީ ފަންތީގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ އިވެންޓުތަކުގެ ސަލާމަތީ ކަންކަމާމެދު ވަނީ ސުވާލު އުފެދި، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ގޮވާލާފައެވެ.