ޚަބަރު
ސަރުކާރުގެ ބަޖެޓުން މާލޭގައި ނަފްސާނީ ބަލިތަކަށް ޚާއްޞަ ހޮސްޕިޓަލެއް އަޅަނީ
ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު-- ފޮޓޯ : ރައީސް އޮފީސް
ދިވެހި މުޖުތަމައުގައި ނަފްސާނީ ބަލިތަކުގެ ނުރައްކާ ބޮޑުވަމުންދާތީ، އެކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން މާލޭގައި ނަފްސާނީ ބަލިތަކަށް ޚާއްޞަ ހޮސްޕިޓަލެއް ބިނާކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްޞަ އިސްކަމެއް ދިނުމަކީ އެމަނިކުފާނުގެ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށެވެ. އަދި މިފަދަ ހޮސްޕިޓަލެއް ގާއިމުކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެއްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
މީގެ ކުރިން ނަފްސާނީ ބަލިތަކަށް ޚާއްޞަ ހޮސްޕިޓަލް އެޅުމަށް ނިންމާފައި އޮތީ ލ. ގަމުގައެވެ. ނަމަވެސް އެ މަޝްރޫއަކީ ބޭރުގެ ލޯނު އެހީގައި ކުރިއަށްގެންދަން ނިންމާފައިވާ ކަމަކަށްވެފައި، ލޯނު ހަމަޖެހުމުގައި ހުރި އިދާރީ މަރުހަލާތައް ދިގުލައިގެންދާތީ އެ މަސައްކަތް ވަނީ ލަސްވެފައެވެ. ރައީސް ވިދާޅުވީ، ރާއްޖޭގައި ނަފްސާނީ ބަލިތަކުގެ ހާލަތު އޮތް ގޮތުން އިތުރަށް މަޑުކުރެވެން ނެތުމުން، ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން މާލޭގައި މި ހޮސްޕިޓަލް އެޅުމަށް މިހާރު ނިންމަވާފައިވާ ކަމަށެވެ.
ލަސްވަމުން ދާތީ އަދި މި މައްސަލަ ރާއްޖޭގައި ބޮޑުވެ އިތުރު އެހީތެރިކަން ބޭނުންވާ ހިސާބަށް ގޮސްފައިވާތީ، އަޅުގަނޑުމެން މިހާރު މަޝްވަރާކޮށްގެން ސަރުކާރުގެ ބަޖެޓުން މެންޓަލް ހެލްތް ހޮސްޕިޓަލް އެޅުމަށް މި ނިންމީ،
ރައީސް
ލޯނު އެހީގައި ލ. ގަމުގައި އެޅުމަށް ނިންމި ހޮސްޕިޓަލާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެ މަޝްރޫއު ކެންސަލް ނުކުރައްވާނެ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި އެ ލޯނު އެހީ އެހެން ސިއްހީ ދާއިރާއެއްގެ ކަމަކަށް ބަދަލުކުރުމާ މެދު މަޝްވަރާ ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ނަފްސާނީ ދާއިރާއިން މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އިސްލާހީ ބަދަލުތަކެއް ގެނައުމަކީ ސަރުކާރުން ނުހަނު ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށާއި، މި ހޮސްޕިޓަލާއެކު އެކަށީގެންވާ ފަރުވާގެ ނިޒާމެއް ގާއިމުވެގެންދާނެ ކަމަށެވެ. މާލޭގައި އަޅާ މި ހޮސްޕިޓަލަކީ ރާއްޖޭގެ ނަފްސާނީ ސިއްހަތުގެ ދާއިރާ ހަރުދަނާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.
ރާއްޖޭގައި އެކި ސަރަހައްދު ތަކުގައި ނަފްސާނީ ބަލިމީހުން ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އެކަމަށް ހައްލު ހޯދުމަށް އަދު ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.