ޚަބަރު
މަސައްކަތްތެރިކަން ކުރިއެރުވުމުގައި ސަރުކާރުން ގެންގުޅެނީ ވަށައިޖެހޭ އަދުލުވެރި ސިޔާސަތެއް: ރައީސް
ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު -- ފޮޓޯ ރައީސް އޮފީސް
ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުން އިސްކަންދެނީ ހުރިހާ ފަރާތްތަކެއްގެ ހައްގުތައް ހިމެނޭ ފަދަ ވަށައިޖެހޭ އަދުލުވެރި ސިޔާސަތުތަކެއް ތަންފީޒުކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު އެހެން ވިދާޅުވީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ދޭސީންނާއި ބިދޭސީންގެ ހައްގުތައް ރައްކާތެރިކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. އަދި މަސައްކަތްތެރިކަން ކުރިއެރުވުމަށްޓަކައި ތަޢުލީމީ ނިޒާމުގެ ތެރެއިންނާއި އަމަލީ މައިދާނުގައި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ޒުވާނުންނަށް މަސައްކަތުގެ ހުނަރު ދަސްކޮށްދިނުމަށް ސަރުކާރުން ދޭ ސަމާލުކަމުގެ ދަށުން، ރާއްޖޭގެ ފުރަތަމަ ވޮކޭޝަނަލް ހައިސްކޫލް މިހާރު ވަނީ ގާއިމްކޮށްފައެވެ. މީގެ އިތުރުން، ގައުމަށް އެންމެ ބޭނުންތެރި ދާއިރާތަކުން މީހުން ތަމްރީނުކުރުމުގެ ހާއްސަ ޕްރޮގްރާމްތައް ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ފަންނާއި ހުނަރު ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހިލޭ އެހީއާއި ލުއި ލޯނު ދޫކުރާ މިންވަރު ސަރުކާރުން ވަނީ އިތުރުކޮށްފައެވެ.
"އެއްވެސް ޒުވާނަކު ބާކީވިޔަ ނުދީ ފިސާރި ހަރުދަނާ ކުއްޖަކަށް ހެދުމަށްޓަކައި ފެށި ދިވެހި ވަޠަނީ ހިދުމަތުގެ ތަމްރީނު ފުރިހަމަކޮށް، ޒިންމާދާރު ވަޒީފާތަކަށް ދަރީން ނުކުންނަމުން އެދަނީ އައިލާތައް ހިނިތުންކުރުވަމުން،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބައިނަލްއަގްވާމީ އީ-ކޮމާސް މަންސަތަކާ ގުޅިގެން ކުރެވުނު މަސައްކަތުން، ދިވެހި އުފެއްދުންތަކަށް ދުނިޔޭގެ ބާޒާރުން މިހާރު ފުރުސަތުތައް ފަހިވަމުންދެއެވެ.
ރައީސް ވިދާޅުވީ، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހަވާލުކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ގާބިލް ދިވެހި ކުންފުނިތަކަށް ކަމަށެވެ. އަދި މި ސަރުކާރަކީ މަސައްކަތްތެރިންގެ އަޑު އެންމެ ގާތުން އަހާ ސަރުކާރުކަން ފާހަގަކުރައްވަމުން، ކުދިފަންތިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވެފައިވާ ގިނަ ދުވަސްވީ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، މަސްވެރިންނަށް ކުރިން ކުރިމަތިވި ދަތިތައް ހައްލުކޮށް، ދަނޑުވެރިކަން އާލާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި ފަތުރުވެރިކަން ކުރިން ފުޅާވެފައި ނެތް ސަރަހައްދުތަކަށް އެ ސިނާއަތް ތައާރަފްކޮށް، ރާއްޖޭގައި ކުރިން ނެތް ސިނާއީ އައު މަސައްކަތްތައް ފަށާފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ރައީސް ވަނީ، ސަރުކާރުގެ އަމާޒަކީ ދިވެހި ކޮންމެ މަސައްކަތްތެރިއަކީ ގަދަރުވެރި، އުފާވެރި ދިރިއުޅުމެއް އުޅޭ މީހަކަށް ހެދުން ކަމުގައި ވިދާޅުވެފައެވެ.