ޚަބަރު
މި ސަރުކާރުން އަލަށް 23،000 އަށްވުރެ ގިނަ ވަޒީފާ އުފައްދައިފި: ރައީސް
ރައީސުލްޖުމުހޫިރިއްޔާ ޑރ މުހައްމަދު މުއިއްޒު -- ފޮޓޯ : ރައީސް އޮފީސް
މި ސަރުކާރުގެ ދެ އަހަރާއި ބައިގެ ރާސްތާގައި، ދައުލަތާއި އަމިއްލަ ދާއިރާ ގުޅިގެން 23،000 އަށްވުރެ ގިނަ އާ ވަޒީފާގެ ފުރުސަތު އުފައްދާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ.
ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު ފޮނުއްވި ޚާއްސަ ހިތާބެއްގައި ވިދާޅުވީ، ރާއްޖޭގެ އިގުތިސާދީ ދުވެލި ބާރުކޮށް މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށް ސަރުކާރުން ގެންގުޅެނީ ވަރަށް ހަރުދަނާ އަދި އަދުލުވެރި ސިޔާސަތުތަކެއް ކަމަށެވެ. މިގޮތުން، ވަޒީފާގެ ބާޒާރަށް ދިވެހި ޒުވާނުން ބިނާކުރުމަށްޓަކައި ރާއްޖޭގެ ފުރަތަމަ ވޮކޭޝަނަލް ހައިސްކޫލް ގާއިމުކޮށް، އަމަލީ މަސައްކަތް ދަސްކޮށްދިނުމަށް ހާއްސަ އިސްކަމެއް ދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ ހިތާބުގައި ވަނީ ޒުވާނުން ބާރުވެރިކުރުމަށް ފެށި "ދިވެހި ވަޠަނީ ހިދުމަތް" (މޯލްޑިވްސް ނޭޝަނަލް ސާވިސް) ގެ ކާމިޔާބީއަށް އަލިއަޅުވާލައްވާފައެވެ. މި ތަމްރީނުތަކުގެ ސަބަބުން ޒިންމާދާރު ވަޒީފާތަކަށް ދިވެހި ދަރިން ނުކުންނަމުންދާ ކަމަށާއި، ބައިނަލްއަގުވާމީ އީ-ކޮމާސް މަންސަތައް މެދުވެރިކޮށް ދިވެހި އުފެއްދުންތަކަށް ދުނިޔޭގެ ބާޒާރުން ޖާގަ ހޯދައިދިނުމުގެ މޭވާ މިހާރު ފެންނަމުންދާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، އިގުތިސާދީ ތަރައްގީގައި ދިވެހި ކުންފުނިތަކަށް އިސްކަންދިނުމާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުރި ހުރަސްތައް ނައްތާލުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ރައީސް ތަފްސީލުކޮށްދެއްވިއެވެ. މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއަށް ގެނެވުނު ލުއިތަކާއި، ފަތުރުވެރިކަން ކުރިން ނެތް ސަރަހައްދުތަކަށް ފުޅާކުރުމަކީ ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދިޔަ ސަބަބެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބިދޭސީ މަސައްކަތްތެރިންގެ މައްސަލައާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި އުޅޭ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ފައްތައި، ބެލެހެއްޓުމުގައި މި ސަރުކާރުން ނިންމި ނިންމުންތަކަކީ މީގެ ކުރިން އެއްވެސް ސަރުކާރަކުން އަޅާފައި ނުވާފަދަ ހަރުދަނާ ފިޔަވަޅުތަކެއް ކަމަށެވެ. އަދި ދިވެހިންނަށް ނޫނީ އަދާނުކުރެވޭނެ ވަޒީފާތަކާއި މަސައްކަތްތައް ކަނޑައަޅައި، އެކަން ތަންފީޒު ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ ހިތާބު ނިންމަވާލެއްވީ، 2045 ވަނަ އަހަރާ ހަމަޔަށް ރާއްޖެއަކީ ތަރައްގީވެފައިވާ ފުދުންތެރި ގައުމަކަށް ހެދުމުގެ އަމާޒަށް ވާސިލުވުމަށްޓަކައި، ހުރިހާ ދިވެހިން ހީވާގިކަމާއެކު އަމަލީ މައިދާނަށް ނުކުމެ ސަރުކާރަށް އެއްބާރުލުން ދިނުމަށް އިލްތިމާސް ކުރައްވަމުންނެވެ.