Ads by Farudhun

ޚަބަރު

މަސައްކަތްތެރިންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކުރާ ޝަރަފްވެރި ބައިވެރިން: ރައީސް

މަސައްކަތްތެރިންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކުރާ ޝަރަފްވެރި ބައިވެރިން: ރައީސް

ރައީސުލް ޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު -- ފޮޓޯ : ރައީސް އޮފީސް

01 މޭ 2026، 12:12

ދިވެހި އުންމަތުން މާދަމާއަށް ކުރާ ފޮނި އުންމީދުތަކުގައި ކުލަޖައްސައިދީ، އެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދީ، ޤައުމުގެ ކުރިމަގު ބައްޓަންކުރާ ޝަރަފްވެރި ބައިވެރިންނަކީ ރާއްޖޭގެ ހީވާގި މަސައްކަތްތެރިންނަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި، އެކްސް މެދުވެރިކުރައްވައި ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައި ރައީސް ވިދާޅުވީ، ކޮންމެ ދާއިރާއެއްގައި އުޅުނު ކަމުގައިވިޔަސް، އަމިއްލަ ނަފްސާއި އާއިލާގެ އިތުރުން މުޅި ޤައުމުގެ ތަރައްޤީއަށްޓަކައި އޮހޮރާ ކޮންމެ ދަލަކީ ޝަރަފްވެރި ޚިދުމަތެއް ކަމަށެވެ. އަދި މަސައްކަތްތެރިން ކުރާ ބުރަ މަސައްކަތަކީ ދިވެހި ދައުލަތުން އަބަދުވެސް އޭގެ އަގުވަޒަންކުރާނެ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އިތުރަށް ވިދާޅުވީ، ރާއްޖެ މިއަދު ދެކެމުންދާ ހުރިހާ ކުރިއެރުންތަކެއްގެ އަސްލަކީ މަސައްކަތްތެރިންގެ ބުރަ މަސައްކަތް ކަމަށެވެ. އަދި ޤައުމު ބިނާކުރުމުގެ މުހިންމު މަސައްކަތުގައި މަސައްކަތްތެރިން ކުރައްވާ އިޚްލާޞްތެރި ޚިދުމަތަށްޓަކައި އެމަނިކުފާނު ވަނީ ހުރިހާ މަސައްކަތްތެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

މަސައްކަތްތެރިންގެ ދުވަހުގެ ތާރީޚަށް ބަލާއިރު، މިއީ 1889 ވަނަ އަހަރު ބޭއްވުނު ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ކޮންގްރެސްއިން ފާހަގަކުރަން ނިންމި ދުވަހެކެވެ. މޭ މަހުގެ ފުރަތަމަ ދުވަސް މިކަމަށް ޚާއްޞަކުރީ، 1886 ވަނަ އަހަރު އެމެރިކާގެ ޗިކާގޯގައި މަސައްކަތްތެރިންގެ ޙައްޤުތަކަށް ގޮވާލައި ކުރި މުޒާހަރާތަކުގެ ތެރެއިން ހިނގި ހިތާމަވެރި ހާދިސާގެ ހަނދާންތައް އާކުރުމަށެވެ.

ދިވެހިރާއްޖޭގައި މަސައްކަތްތެރިންގެ ޙައްޤުތައް ހޯދައިދިނުމުގެ ހަރަކާތްތައް މީގެ އެތައް އަހަރެއް ކުރިން ފެށިފައިވާއިރު، ރަސްމީ ސިފައެއްގައި މި ދުވަސް ފާހަގަކުރަން ފެށީ 2006 ވަނަ އަހަރުގައެވެ. އަދި މަސައްކަތްތެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން، މޭ މަހުގެ ފުރަތަމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅީ 2011 ވަނަ އަހަރުއެވެ.

މި ދުވަސް ފާހަގަކުރަމުންދާއިރު، ސަރުކާރުގެ އަމާޒަކީ މަސައްކަތްތެރިންގެ ޙައްޤުތައް އިތުރަށް ކަށަވަރުކޮށްދީ، ޤައުމުގެ އިޤްތިޞާދީ ދުވެލީގައި އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450