Ads by Farudhun

ޚަބަރު

ނޫސްވެރިކަމުގެ މިނިވަންކަމަކީ އިސްލާމީ މިންގަނޑުތަކުގެ ތެރެއިން އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދޭ މުހިންމު ބާރެއް: ރައީސް

ނޫސްވެރިކަމުގެ މިނިވަންކަމަކީ އިސްލާމީ މިންގަނޑުތަކުގެ ތެރެއިން އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދޭ މުހިންމު ބާރެއް: ރައީސް

ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު -- ފޮޓޯ : ދަ ޕްރެސް

03 މޭ 2026، 10:08

ޒިންމާދާރު ނޫސްވެރިކަމަކީ މާތްވެގެންވާ އިސްލާމްދީނުގައި ނުހަނު މަތީ ދަރަޖައަކަށް ފުރުޞަތު ދެއްވާފައިވާ ކަމެއް ކަމަށާއި، އެއީ އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދޭ މުހިންމު ބާރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ދެއްވި މެސެޖްގައި ރައީސް ވިދާޅުވީ، އިސްލާމްދީނުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދީފައިވަނީ ވަކި އިންތަކަކާއި މިންތަކެއްގެ ތެރޭގައި ކަމަށެވެ. އެގޮތުން ޚިޔާލުފާޅުކުރުމުގައި އަޚުލާޤީ މިންގަނޑުތަކަށް ތަބަޢަވުމާއި، މުޖުތަމަޢުގެ ޢާންމު މަޞްލަޙަތު ހިފެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ޤައުމުގެ ސިލްމާއި ސަލާމަތް ނެގެހެއްޓުމާއި، އިންސާނީ އަބުރާއި ކަރާމަތަށް ރައްކާތެރިވުމަށް އިސްލާމްދީނުގައި ބާރުއަޅުއްވާފައިވާ ކަމަށެވެ. އަދި މި ޒަމާނުގައި އިންސާނީ ހުރިހާ ޙައްޤުތަކަކާއި، ދެމެހެއްޓެނިވި ތަރައްޤީއާއި، ސުލްހަމަސަލަސްކަން ދެމިއޮތުން ބިނާވެފައިވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ މައްޗަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނޫސްވެރިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ޙަޤީޤަތާ އެއްގޮތަށް ލިޔާ އަދި ތެދު ބުނާ މީހުންނަށް ރައްކާތެރި ވެށްޓެއް ބިނާކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރާއިރު، ރާއްޖޭގެ ނޫސްވެރިކަން އިސްލާމީ ރީތި އުޞޫލުތަކާއި ދިވެހި ސަގާފީ މިންގަނޑުތަކުގެ ތެރޭގައި ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450