ޚަބަރު
ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ އެންމެ މަތީ އެއް މަސްލަހަތު: ރައީސް
ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު-- ފޮޓޯ : އެމްއެމްޓީވީ
ދިވެހި ނޫސްވެރިންނަށް ހުރިހާ ގޮތަކުން ފަހި އަދި ރައްކާތެރި މާހައުލެއް ތަނަވަސްކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ މަތީ އެއް މަސްލަހަތު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް ނޫސްވެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް ސަރުކާރުން އިސްކަންދެމުން އަންނަ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ނޫސްވެރިންނަށް ކަށަވަރުކޮށްދީފައިވާ އެންމެހައި ހައްގުތައް، އޭގެ އެންމެ މަތީ ދަރަޖައިގައި ކަށަވަރުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ވަނީ އަރުވާފައެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު، ނޫސްވެރިކަމާއި ޓެކްނޮލޮޖީ އަދި އިންސާނީ ހައްގުތަކާ ދެމެދު އޮތް ގުޅުންތަކާމެދު ފުންކޮށް ވިސްނަންޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ. މިގޮތުން، ޑިޖިޓަލް ހައްގުތަކާއި، ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު ނޫސްވެރިކަމަށް ކުރިމަތިވާ ގޮންޖެހުންތަކަށް އާ ހައްލުތަކެއް ހޯދުމަށް ދުނިޔޭގެ ފެންވަރުގައި ބަހުސްތައް ކުރެވެމުންދާ ވަގުތެއްގައި، ރާއްޖެއިންވެސް އެކަންކަމަށް ސަމާލުކަންދޭންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ނޫސްވެރިކަމުގެ މުސްތަގުބަލަށް ފަހިވާނޭ ފަދަ "އިންފޮމޭޝަން އިކޯސިސްޓަމް" ތަކެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ސަރުކާރުން މިހާރުވެސް ކުރަމުންދާ ކަމަށެވެ. އަދި ސަރުކާރުގެ "މޯލްޑިވްސް 2.0" ގެ ތަސައްވުރު ހަގީގަތަކަށް ވެގެންދާއިރު، ދިވެހި ނޫސްވެރިންނަށް މިއަދަށްވުރެ ބޮޑަށް ފަހި އަދި ރައްކާތެރި މާހައުލެއް ތަނަވަސްވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި މަސައްކަތުގައި ނޫސްވެރިންނާއި، ޓެކްނޮލޮޖީ ދާއިރާގެ މާހިރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ އިތުރުން މަދަނީ ޖަމިއްޔާތަކާއި ޒުވާނުންގެ ބައިވެރިވުން މުހިންމުކަން ރައީސްގެ މެސެޖުގައި ފާހަގަކުރެއްވިއެވެ. ސަރުކާރުގެ އަމާޒަކީ ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކޮށް، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން މައުލޫމާތު ފެތުރުމުގެ ފުރުސަތު ހުރިހާ ނޫސްވެރިންނަށް ފަހިކޮށްދިނުމެވެ.