ޚަބަރު
މީޑިއާގެ ކުރިއެރުމަށް މީގެ ކުރީގެ ސަރުކާރުތަކުން ނުދޭފަދަ ބޮޑު އިސްކަމެއް މި ސަރުކާރުން ދެން- ރައީސް
ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު -- ފޮޓޯ : އެމްއެމްޓީވީ
ދިވެހި މީޑިއާތަކުގެ ކުރިއެރުމަށާއި، ނޫސްވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށްޓަކައި ރާއްޖޭގެ ތާރީޚުގައިވެސް ސަރުކާރަކުން ނުދޭފަދަ ބޮޑު އަހައްމިއްޔަތުކަމެއް މި ސަރުކާރުން ދެއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މި ސަރުކާރުން މީޑިއާތަކަށް ވެފައިވާ ވަޢުދުތައް ފުއްދުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދިވެހި މީޑިއާތައް ހިންގާނެ ވަކި ޚާއްޞަ މަރުކަޒެއް ނުވަތަ "މީޑިއާ ވިލެޖް" އެޅުމުގެ މަޝްރޫޢު މިހާރު ވަނީ ބާރު ދުވެލީގައި ކުރިއަށްދާން ފަށާފައެވެ. ސަރުކާރުގެ އަމާޒަކީ ދާދި އަވަހަށް މި ވިލެޖު ހުޅުވައި، ދިވެހި މީޑިއާތަކަށް އެތަނުން ޚިދުމަތް ލިބޭނެ ގޮތް ހަމަޖައްސައިދިނުމެވެ. މީޑިއާ ވިލެޖަކީ ނޫސް އިދާރާތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރައީސް ޑރ. މުޢިއްޒު ވެވަޑައިގެންފައިވާ މުހިންމު ވަޢުދެކެވެ.
މީގެ އިތުރުން، މީޑިއާތަކުގެ މާލީ މިނިވަންކަން ކަށަވަރުކޮށްދިނުމަކީވެސް މި ސަރުކާރުން އިސްކަންދޭ މުހިންމު ދާއިރާއެކެވެ. އެގޮތުން، ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް މީޑިއާތަކަށް ޚާއްޞަކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މި ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ދެފުށް ފެންނަ، ހާމަކަން ބޮޑު ވަކި އުސޫލެއްގެ ތެރެއިންނެވެ. މީގެ މައިގަނޑު މަޤްޞަދަކީ މީޑިއާތައް އިޤްތިޞާދީގޮތުން ބާރުވެރިކުރުވައި، އެއްވެސް ނުފޫޒެއް ނެތި މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
މީޑިއާތަކަށް މިހާ ބޮޑު އިސްކަމެއް ދެނީ ދައުލަތުގެ ހަތަރުވަނަ ބާރުގެ ގޮތުގައި މީޑިއާގެ ދައުރު ފުޅާކޮށް، ޒިންމާދާރު ނޫސްވެރިކަމެއް ރާއްޖޭގައި އާލާކުރުމަށެވެ. އަދި މީޑިއާ ވިލެޖު ހުޅުވިގެން ދިއުމާއެކު، ރާއްޖޭގެ ނޫސްވެރިކަމަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށްވެސް ސަރުކާރުން އުއްމީދު ކުރެއެވެ.